މިހާރު ރާއްޖެ އަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން ފެރީ ދަތުރުތައް ލަސްވެދާނެ ކަމަށް އެމްޓީސީސީ އިން ވިދާޅުވެއްޖެއެވެ.

އެމްޓީސީސީ އިން މިއަދު ވިދާޅުވީ ވިއްސާރައިގެ ސަބަބުން ފެރީ ދަތުރުތައް ލަސްވުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި ދިމާވާ ދަތިތަކަށް ކެތްތެރިވުމަށް އެދޭ ކަމަށެވެ.

މޫސުން ގޯސްވުމާ ގުޅިގެން އެމްޓީސީސީ އިން ވަނީ އަތޮޅުތަކުގައި ހިދުމަތް ދެމުންދާ އެ ކުންފުނީގެ 20 ފެރީގެ ދަތުރު މިއަދު ކެންސަލް ކޮށްފައެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވީ ކުރިއަށް އޮތް 24 ގަޑިއިރު ވެސް ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރާނެ ކަމަށާއި އަދި ބައެއް ރަށްތަކަށް ގުގުރުމާއިއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ.

މެދުތެރޭ އަތޮޅުތަކަށް ހުޅަގާއި ހުޅަގުއުތުރުން ގަޑިއަކު 15 މޭލާ 25 މޭލާދެމެދުގެ ބާރުމިނުގައި، އެހެން ހިސާބުތަކަށް ގަޑިއަކު 7 މޭލާ 17 މޭލާދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައިގަދަވުމަކީ އެކަށީގެންވާކަމެކެވެ.

މެދުތެރޭ އަތޮޅުތަކުގެ ކަނޑުތައް ޢާންމުގޮތެއްގައި ގަދަވާނެ އަދި އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށް ލަފާކުރެވެއެވެ.

ޚާއްސަކޮށް މެދުތެރޭ އަތޮޅުތަކުގައި ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވަނީ އިލްތިމާސް ކޮށްފައެވެ.