ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ތައާރަފް ކުރި 'އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑު' ގެ ދަށުން ށ.ކަނޑިތީމުގައި ކޮމިއުނިޓީ ޕާކެއް މިއަދު ހަވީރު ހުޅުވައިފިއެވެ.

ޖިނާން މުޙަައްމަދު ޝަމީމު ހުށަހެޅި މި ޕްރޮޖެކްޓް ގެ މަގުސަދަކީ ރަށުގައި ދިރިއުޅޭ ހުރިހާ އުމުރުފުރައެއްގެ މީހުން އެއްވެ ގުޅުން ބަދަހި ކުރުމާއި މުނިފޫހިފިލުވުމަށް މާހައުލެއް ބިނާކުރުމުވެ.

އެރަށުގައި ހުޅުވުނު މި ކޮމިއުނިޓީ ޕާކުގައި ބާބަކިއު ހެދުމަށާއި މަސް ކެނޑުމަށް ހާއްސަ ސަރަހައްދެއް ވަނީ ގާއިމް ކުރެވިފައެވެ. ބާބަކިޔު ސަރަހައްދުގައި މޭޒާއި ބެންޗުވެސް އެކުލެވެއެވެ.

މީގެ އިތުރުން ކުޑަކުދިން ކުޅެއުޅުމަށް ހާއްސަ ޕާކަކާއި ހުރިހާ އުމުރު ފުރައެއްގެ މީހުންނަށްވެސް ބޭނުންކުރެވޭނެ އައުޓްޑޯ ޖިމެއްވެސް މި ކޮމިއުނިޓީ ޕާކުގައި ހިމެނެއެވެ.

ޕިކްނިކަނަށް ދާ މީހުންނަށް ފަސޭހަކުރުމުގެ ގޮތުން މި ސަރަހައްދުގައި ވަނީ ބީޗް ހަޓް، ސަން ބެޑް އަދި އައުޓްޑޯ ޝަވަރަކާއި އުނދޯއްޔާއި، ޖޯލި ފަތީގެ އިތުރުން ފިނި އަށި ބަހައްޓާފައެވެ.

މި ޕްރޮޕޯސަލް ކާމިޔާބުކުރި ޖިނާން ވިދާޅުވީ ބީއެމްއެލްގެ އެހީގައި ރައްޔިތުން ޒަމާނުއްސުރެ ދެކެމުން އައި ހުވަފެނެއް މިވަނީ ހަގީގަތަކަށްވެފައިވާ ކަމަށެވެ.

އަޅުގަނޑުމެން ބޭނުންވީ ހުރިހާ އުމުރު ފުރަޔަކަށްވެސް ފައިދާކުރާނެ ގޮތަށް މި ޕާކު ތަރައްގީ ކުރުމަށް. މިކަމުގައި އަޅުގަނޑަށް އެހީތެރިވެދެއްވި މުޙައްމަދު ޝިފާން އަދި ރިޔުނިއަން ކްލަބަށް ހާއްސަ ޝުކުރެއް ދަންނަވަން." އޭނާ ވިދާޅުވިއެވެ.

ކޮމިއުނިޓީ ފަންޑަކީ އަމިއްލަ ފަރުދުންނާއި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލެވިފައިވާ ފަންޑެކެވެ. މިދިޔަ އަހަރު ބޭންކުން ތައާރަފްކުރި މި ފަންޑުގެ ދަށުން މިހާތަނަށް ރާއްޖޭގެ 30 ރަށެއްގައި ޕްރޮޖެކްޓް ހިންގުމަށް މާލީ އެހީތެރިކަންވަނީ ފޯރުކޮށްދެވިފައެވެ.

 

ކިޔުންތެރިންގެ ހިޔާލު