އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެސްއެމްއީ ފައިނޭންސް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެސްޑީއެފްސީ)ން ދޫކުރަމުން އައި ލޯނުތަކަށް އެދުން ވަގުތީ ގޮތުން މެދުކަނޑާލަން ނިންމައިފިއެވެ.

އެސްޑީއެފްސީން ބުނީ ލޯނަށް އެދި ހުށަހަޅާ ފޯމު ބަލައިގަތުން ވަގުތީ ގޮތުން މެދުކަނޑާލާނީ ޑިސެމްބަރު 25 ވަނަ ދުވަހުން ފެށިގެން ކަމަށެވެ.

އަދި 2021 ވަނަ އަހަރު ލޯނަށް އެދި ހުށަހަޅާ ފޯމު ބަލައިގަންނާނީ ފެބްރުއަރީ ފުރަތަމަ ދުވަހުން ފެށިގެން ކަމަށެވެ.

އެސްޑީއެފްސީއަކީ މި ސަރުކާރުން ވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަށް އިތުރަށް ފުޅާކޮށް ކުރިއެރުވުމުގެ ގޮތުން ލޯނު ދޫކުރުމަށް ގާއިމްކޮށްފައިވާ ބޭންކެކެވެ.

އެސްޑީއެފްސީން ބުނީ، ލޯނަށް އެދުމުގެ ފުރުސަތު މެދުކަނޑާލަން ނިންމީ 2020 ވަނަ އަހަރުގެ މާލީ ހިސާބުތައް ނިންމުމަށާއި އެ ކޯޕަރޭޝަނުން ދެމުން އަންނަ ހިދުމަތްތައް އިތުރަށް ފުރިހަމަ ކުރުމަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ ގޮތުން ކަމަށެވެ.

އެސްޑީއެފްސީގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގައި އަލަށް އުފައްދާ އަދި ކުރިއަރަމުން އަންނަ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޭނުންވާނެ މާލީ އެހިތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ތަފާތު އިޤްތިޞާދީ ދާއިރާތަކަށް އަމާޒުކޮށް ލުއިގޮތަކަށް ލިބޭނޭ ލޯނު ތައާރަފްކޮށް އެމަސައްކަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިޔަށް ގެންދިއުމެވެ.