ރާއްޖޭގެ ބޯޑަރުތައް ބަންދުކޮށްފައި އޮތުމަށްފަހު އަލުން ހުޅުވާލި ފަހުން، ރާއްޖެ އައި ފަތުރުވެރިންގެ ތެރެއިން ކޮވިޑް-19 އަށް ފައްސިވި ފަތުރުވެރިންގެ ރޭޓް ކޮންމެ މަހެއްގައި އުޅެނީ 1 ޕަސެންޓަށްވުރެ ދަށުގައި ކަން ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ރާއްޖޭގައި މިހާރު ކޮވިޑް-19އަށް ފައްސިވާ އަދަދުތައް މަދެވެ. އެހެން ނަަމަވެސް ބައެއް ރިސޯޓްތަކުންނާއި ގެސްޓް ހައުސްތަކުން ފަތުުރުވެރިން ކޮވިޑް-19އަށް ފައްސިވެ ފަރުވާ ދީފައިވެސް ވެއެވެ. އަދި މިހާރުވެސް ރިސޯޓެއް މޮނީޓަރިންގ، އެ ރިސޯޓުން މިހާތަނަށް 14 މީހަކު ފައްސިވެފައެވެ.

ޓޫރިޒަމް މިނިސްޓްރީން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ޖުލައި މަހު ރާއްޖެ އައި 1،752 ފަތުރުވެރިންގެ ތެރެއިން، ފައްސިވެފައި ވަނީ 0.06 އިންސައްތަ ފަތުރުވެރިންނެވެ. އަދި އޮގަސްޓް މަހު ރާއްޖެ އައި 7،628 ފަތުރުވެރިންގެ ތެރެއިން 0.26 އިންސައްތަ ފަތުރުވެރިން ފައްސިވިއިރު، ސެޕްޓެމްބަރު މަހު އައި 9،538 ފަތުރުވެރިންގެ ތެރެއިން ފައްސިވީ 0.36 އިންސައްތަ ފަތުރުވެރިންނެވެ.

އަދި އޮކްޓޯބަރު މަހު ރާއްޖެ އައި 21،515 ފަތުރުވެރިންގެ ތެރެއިން، 0.26 އިންސައްތަ ފަތުރުވެރިން ފައްސިވެފައި ވެއެވެ. އަދި ނޮވެމްބަރު މަހު ރާއްޖެ އައި 35759 ފަތުރުވެރިންގެ ތެރެއިން ފައްސިވީ 0.13 އިންސައްތަ ފަތުރުވެރިންނެވެ. އަދި ޑިސެމްބަރު މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެ އައި 93،823 ފަތުރުވެރިންގެ ތެރެއިން ފައްސިވީ 0.7 އިންސައްތަ ފަތުރުވެރިންނެވެ.

މިހާރުވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުން 69 ފަތުރުވެރިއަކަށް ކޮވިޑް-19 ޖެހި ފަރުވާ ހޯދަމުން ދެއެވެ.

ކިޔުންތެރިންގެ ހިޔާލު