ބާރު ދުވެއްޔެއްގައި ކުރެވުނު ހިތްގައިމު ދަތުރެކެވެ. މަންޒިލަށް ވާސިލްވުމާ ހަމައަށް ފެރީގެ މުވައްޒަފުންގެ ފަރާތުން ފެނިގެން ދިޔައީ ކަސްޓަމަރުންނަށް ވަރަށް "ހިތްހެޔޮ" މިޒާޖެކެވެ. "ރިލެކްސް ސްޕީޑް" ގެ ނަން ދެވިފައިވާ ގޮތަށް "ރިކެލްސް" އަދި "ސްޕީޑް" ހިދުމަތެއް ލިބުުނު ކަމުގެ ތަޖުރިބާ ކުރެވުނެވެ.

އައްޑޫ ސިޓީ ހިތަދޫއިން ޏ. ފުވައްމުލައް ސިޓީއަށް "ވަގުތު ހޭރިޔާ" ޓީމުން ފުރައިގެން ދިޔައީ ރިލެކެސް ސްޕީޑްއިން ފެރީ ހިދުމަތް ދެމުންދާ ލޯންޗެއްގައެވެ. ހިތަދޫ ބަނދަރު ސަރަހައްދަށް ކައިރިކޮށްލުމާއެކު ފެރީގެ މުވައްޒަފެއް ހަރަކާތްތެރިވަމުންދާ ތަން ފެނުނެވެ. ފެރީ ބަނދަރަށް ކައިރި ކުރުމުގެ ކުރިން ދަތުރުގެ ބައިވެރިން ހަމަތޯ ބަލަމުން އޭނާ ގެންދެވިއެވެ. އަދި ގެނައި ލަގެޖްތައް ވަކިކޮށް، ފެރީއަށް ފަސޭހައިން އެރުވޭނެ ގޮތަކަށް ތަރުތީބު ކުރުމުގައި އުޅުނެވެ.

ލޯންޗް ބަނދަރަށް ކައިރި ކުރުމާ އެކު ކޮންމެ ފަރާތެއްގެ ވެސް ލަގެޖް އެރުވުމަށްފަހު ފެރީއަށް އެރުވިއެވެ. އަދި އިށީންނަންވީ ސީޓްތައް ދައްކަމުން ދިޔައެވެ. އެއީ 47 ފޫޓު ދިގުމިނެއް ހުރި ލޯންޗެކެވެ. އަދި ވަނީ 50 މީހުންގެ ކެޕޭސިޓީއެކެވެ.

ލޯންޗްގެ ގޮނޑިތައް ދެ ފަރާތަކަށް ހުރިއިރު ކޮންމެ ފަރާތެއްގައި ވެސް 3 ގޮނޑި ހުރެއެވެ. އެ ގޮނޑީތަކަކީ ވައިގެ މަގުން ދަތުރު ކުރާ އުޅަނދުތަކުގައި ހުންނަ ފަދަ ހިތްގައިމު ގޮނޑިތަކެކެވެ. އަދި ކޮންމެ ދަތުރުވެރިއަކަށް ފެންފުޅިއެއް ލިބެއެވެ.

ރިލެކްސް ފެރީ ސާވިސަސްގެ "ރިލެކްސް ކިންގް" ލޯންޗު - ފޮޓޯ: ރިލެކްސް

އެ ދުވަހަކީ ކަނޑު ގަދަ ވެސް ދުވަހެކެވެ. އެކަމަކު ލޯންޗުގެ ދުވެލި ރަނގަޅެވެ. 45 މިނިޓަށް ފަހު ފުވައްމުލަކުގެ ފަސްގަނޑަށް އެރުމުން އެ ވަރުބަލި ކަމެއް އެއްވެސް ވަރަކަށް އިހްސާސްއެއް ނުވިއެވެ. ވަރަށް ހިތްހަމަޖެހިލައިގެން ހުރީމެވެ. ރިލެކްސް ސްޕީޑްގެ ފަޅުވެރިންގެ ފަރާރުން ފެނުނު ގާތްކަމާއި ހިތްހެޔޮ ކަމުގެ ސަބަބުންނެވެ. ދަތުރުވެރިންގެ ހާލު ބަލައި، ބޯ އަނބުރާ ގޮތެއް ވާނަމަ އެހީތެރިކަމުގެ އަތެއް ދިއްކޮށްލާތީއެވެ.

ރިލެކްސް ފެރީ ސާވިސަސްގެ ދެ ފެރީއެއް މިދިޔަ އަހަރު ތައާރަފްކޮށްފައިވެއެވެ. އެއް ފެރީއަކީ 60 މީހުންގެ ޖާގައިގެ ފެރީއެކެވެ. އަނެއް ފެރީއަކީ 50 މީހުންގެ ޖާގައިގެ ފެރީއެކެވެ. "ރިލެކްސް ސްޕީޑް" ގެ އިތުރަށް "ރިލެކްސް ކިންގް" އެވެ.

ރިލެކްސް ފެރީ ސާވިސަސްގެ "ރިލެކްސް ކިންގް" ލޯންޗު - ފޮޓޯ: ރިލެކްސް

ރިލެކްސް ސްޕީޑު ތައާރަފް ކުރެވިގެން ދިޔައީ ދެކުނުގެ ދަތުރުފަތުރުތަކަށް ދިމާވެފައިވާ ގޮންޖެހުންތައް ހައްލުކޮށްދިނުމަށް ކަމަށް އެފެރީގެ އޮފިޝަލަކު ވިދާޅުވިއެވެ. އަދި މި ފެރީގެ ނިޒާމް ތައާރަފްވުމާ ގުޅިގެން ދެކުނުގެ ރަށްތަކަށް ފަސޭހަކަމާއި އެކު ދަތުކޮށްލެވޭނެ ނިޒާމެއް ގާއިމްވެގެން ދިޔަކަންވެސް ފާހަގަކުރެއްވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި ރިލެކްސް ސްޕީޑް ދަތުރުކުރަނީ އައްޑޫއިން ފުވައްމުލަކުގެ އިތުރުން ގއ. އަތޮޅާއި ގދ. އަތޮޅަށް ވެސް ރިލެކްސް ސްޕީޑް ދަތުރު ކުރާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

"ނިމި ދިޔަ އަހަރުގެ ޑިސެމްބަރު މަހު ކުރަމުން ދިޔައީ ހަފްތާއަކު ފަސް ދަތުރު. ޖެނުއަރީގެ ފުރަތަމަ ހަފްތާ އަޅުގަނޑުމެން ކުރަމުން އައީ ހަފްތާއަކު ހަ ދަތުރު. އެހެން ނަމަވެސް މި ވަގުތު އަޅުގަނޑުމެން ކުރަމުން މި އަންނަނީ ތިން ދަތުރު." ރިލެކްސް ސްޕީޑްގެ އޮފިޝަލަކު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިހާރު ކުރާ ތިން ދަތުރުގެ ތެރެއިން އެއް ދަތުރަކީ ގއ. އަށް ކުރާ ދަތުރެއް ކަމަށެވެ. އަދި އަނެއް ދެ ދަތުރަކީ ގދ އަށް ކުރާ ދަތުރުތައް ކަން ފާހަގަކުރެއްވިއެވެ.

މިހާރު ފެރީ ދަތުރުކުރާ ތާވަލަށް އައި ބަދަލުތައް ކިޔައިދެމުން ވިދާޅުވީ ކޮންމެ ހަފްތާއެއްގެ ހޯމަ ދުވަހު ދަނީ ގއ. އަށް ކަމަށެވެ. އަދި ބުރާސްފަތި ދުވަހު ދަތުރުކުރަނީ ގދ. އަތޮޅަށް ކަމަށާއި، ހޮނިހިރު ދުވަހު ކުރަނީ ފުވައްމުލަކަށް ކަމަށް ވިދާޅުވިއެވެ.

ރިލެކްސް ސްޕީޑްގެ ދަތުރުތަކުގެ އަގުތައް

  • އައްޑޫއިން ފުވައްމުލަކަށް - 300 ރުފިޔާ ކޮޅަކަށް
  • އައްޑޫއިން ގއ. ކަޑުހުޅުދޫ / ގއ. ގެމަނަފުށި / ގދ. ގައްދޫ / ގދ. ވާދޫ / ގދ. ފަރަސްމާތޮޑާ - 700 ރުފިޔާ ކޮޅަކަށް
  • ފުވައްމަލަކުން ގއ. ކަޑުހުޅުދޫ / ގއ. ގެމަނަފުށި / ގދ. ގައްދޫ / ގދ. ވާދޫ / ގދ. ފަރަސްމާތޮޑާ - 400 ރުފިޔާ ކޮޅަކަށް
  • ކޮލަމާފުުއްޓާއި ދެއްވަދޫ ފިޔަވާ އެހެން ރަށްތަކަށް ފުވައްމުލަކުން ފުރާނަމަ - 500 ރުފިޔާ ކޮޅަކަށް
  • ކޮލަމާފުުއްޓާއި ދެއްވަދޫ ފިޔަވާ އެހެން ރަށްތަކަށް އައްޑޫއިން ފުރާނަމަ - 800 ރުފިޔާ ކޮޅަކަށް

ޝެޑިއުލް ދަތުރުފަތުރުގެ ނިޒާމެއް ދެކުނުގެ ރަށްރަށުގެ މެދުގައި ގާއިމް ކުރެވިގެން ދިއުމަކީ މި ސަރަހައްދުގެ ރައްޔިތުންނަަށް ލިބުނު ބޮޑު ފަސޭހައެއް ކަމަށް އޮފިޝަލް ވިދާޅުވިއެވެ. އަދި މިކަމުގެ ސަބަބުން ފެރީގައި ދަތުރުކުރާ ފަރާތްތަކާއި މެދު ގާތްގުޅުމެއް އުފެދިފައިވާކަން ފާހަގަކުރެއްވިއެވެ.

ރިލެކްސް ސްޕީޑަކީ ރާއްޖޭގެ ދެކުނުގެ ރަށްތަކަށް ދަތުރު ކުރާ ފަރާތްތަކުގެ މެދުގައި މަގުބޫލުކަން ހޯދާފައިވާ ފެރީއެކެވެ. މި ފެރީގެ ހިދުމަތް ހޯދަން ބޭނުންވާ ފަރާތްތަކުން 7731759, 7881124,9921256,7903532 ގުޅައިގެން ކުރިއަށް ގެންދެވޭނެއެވެ.