ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމް 2021 ގައި ބައިވެރި ވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ ދިރާގުގެ އިޖުތިމާއީ ޒިންމާގެ ދަށުން ޒުވާނުން ބާރުވެރިކުރުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

ދިރާގުން ބުނީ، މި ޕްރޮގްރާމްގެ މައިގަނޑު މަގުސަދަކީ ޒުވާނުން ވަޒީފާގެ މާހައުލަށް ހޭލުންތެރިކުރުވުން ކަަަމަށެވެ. އެގޮތުން މި ޕްރޮގްރާމް މެދުވެރިކޮށް ބައިވެރިންނަށް ޓްރެއިނިން ލިބި، ވަޒީފާގެ މާހައުލުގައި ތަޖުރިބާ ލިބުމުގެ ފުރުސަތު ނުހަނު ފުރިހަމަ ގޮތުގައި ލިބިގެންދާނެ ކަމަށް ދިރާގުން ބުންޏެވެ.

މިއީ އުމުރުން 18 އަހަރާއި 30 އަހަރާއި ދެމެދުގެ ދިވެހި ޒުވާނުންނަށް އަމާޒުކޮށްގެން ހިންގޭ ޕްރޮގްރާމެކެވެ. މިގޮތުން އޭލެވެލް ނިންމާފައިވާ އަދި ވަޒީފާގެ ތަޖުރިބާއެއް ލިބިފައި ނެތް ކުދިންނަށް އިސްކަންދިނުމަށް ދިރާގުން ވަނީ ނިންމާފައެވެ.

މި ޕްރޮގްރާމް ގައި ބައިވެރިވުމުގެ ފުރުސަތު މާލޭގެ އިތުރުން ސީނު، ތިނަދޫ، އަރި އަދި އެދަފުށީގައި ކުރިއަށްގެންދާ ގޮތަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން އެރަށްތަކުގައި ގާއިމުކޮށްފައިވާ ދިރާގުގެ އޮޕަރޭޝަން ސެންޓަރުތަކުގައި މި ޕްރޮގްރާމް ކުރިއަށް ދާނެއެވެ. އެހެންކަމުން އަމިއްލަ ރަށުގައި ނުވަތަ އަތޮޅުގައި ހުރެގެން މި ފުރުޞަތުގެ ބޭނުން އެންމެ ފުރިހަމަގޮތުގައި އެ ޒުވާނުންނަށް ހިފޭނެއެވެ.

މި ޕްރޮގްރާމްގައި ދިރާގުގެ ގިނަ ދާއިރާތަކެއްގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަން ދިރާގުން ވަނީ ފާހަގަކުރައްވާފައެވެ. މީގެ ތެރޭގައި މާކެޓިންގ، ސޭލްސް، ހިއުމަން ރިސޯސަސް،ފައިނޭންސް، ނެޓްވޯކްސް، ބިޒްނަސް ސޮލިއުޝަންސް އަދި އިންފޮމޭޝަން ސިސްޓަމްސް ޑިޕާޓްމަންޓް ހިމެނެއެވެ.

ވަޒީފާގެ މާހައުލަށް އަންނަމުންދާ ކުރިއެރުންތަކާ އަދި ބަދަލުތަކާ އެއްގޮތަށް ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމަށްވެސް ދަނީ އިތުރު ފުރިހަމަކަމެއް ގެންނަމުންނެވެ. އެގޮތުން، އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއަށް ޝައުގެވެރިކަން ހުރި ޒުވާނުންނަށް އެ ފުރުސަތު މިއަހަރު މިވަނީ ހުޅުވާލާފައެވެ. އައިޓީ ނުވަތަ އެއާ ގުޅޭ ދާއިރާއަކުން ޑިގްރީ ނުވަތަ މާސްޓަރސް ޑިގްރީ އެއް ހާސިލްކޮށް، ކުރިން މަސައްކަތުގެ ތަޖުރިބާއެއް ލިބިފައިނުވާ ދިވެހި ޒުވާނުންނަށް މި ޕޮރޮގްރާމްގައި ބައިވެރިވެވޭނެއެވެ. މި ޕްރޮގްރާމް މެދުވެރިކޮށް އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ސެޕެޝަލައިޒްވާން ބޭނުންވާ ފަރާތްތަކަށް ސެޓިފައިޑް ޓްރޭނިންގ ދެވި، މި ދާއިރާގެ މާހިރުންގެ ފަރާތުން ތަމްރީން ލިބުމުގެ އިތުރުން ވަޒީފާގެ މާހައުލުގައި ތަޖުރިބާ ލިބުމުގެ ފުރުޞަތު ނުހަނު ފުރިހަމަ ގޮތުގައި ލިބިގެންދާނެއެވެ.

މި ޕްރޮގްރާމް ނިންމާ ގިނަ ކުދިންނަކީ މިހާރު ދިރާގުގެ އިތުރުން ރާއްޖޭގެ ތަފާތު ކުންފުނިތަކުގައި ޒިންމާދާރު ވަޒީފާތައް ކާމިޔާބު ކަމާއެކީ އަދާކުރަމުން އަންނަ ޒުވާނުންކަން ފާހަގަކޮށްލަން ޖެހެއެވެ. އެހެންކަމުން މިއީ ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމް ގެ ކާމިޔާބު ރަމްޒުކޮށްދޭ ހެއްކެކެވެ.

ދިރާގުގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމް މެދުކެނޑުމެއްނެތި ހިންގާތާ މިއީ 12 ވަނަ އަހަރެވެ

މި ޕްރޮގްރާމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތައް ސީވީ އަދި ބޭނުންވާ އިތުރު ޑޮކިއުމެންޓްތައް 10 ފެބްރުއަރީގެ ކުރިން މި ލިންކް http://bit.ly/DAP2021 މެދުވެރިކޮށް ސަބްމިޓް ކުުރުމަަށް ދިރާގުން ވަނީ އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު