ހުޅުމާލެ ޖަލުން 31 ގައިދީން ކޮވިޑް-19 އަށް ފައްސިވެއްޖެ އެވެ.

ހުޅުމާލެ ޖަލުން ފުރަތަމަ ގައިދީއަކު ފައްސިވެފައި ވަނީ ފެބްރުއަރީ ދެ ވަނަ ދުވަހު އެވެ. އެ ޖަލުން ގައިދީއަކު ފައްސިވުމާއި ގުޅިގެން އެ ޖަލު ވަނީ ފުރަބަންދު ކޮށްފައެވެ.

އެ ޖަލުން އެ ދުވަހު ފައްސިވެފައި ވަނީ 56 އަހަރުގެ ގައިދީއެކެވެ. އޭނާ ވަނީ ކަރަންޓީން ފެސިލިޓީއަކަށް ބަދަލުކޮށްފައެވެ.

ހެލްތް އެމާޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)ން ވިދާޅުވީ، އެ ވޭދަނައާ ގުޅިގެން ސްޓާފުންނާއި ގައިދީން ހިމެނޭހެން 112 މީހެއްގެ ސުންކު ނެގި ކަމަށާއި، އޭގެ ތެރެއިން 31 މީހަކު ފައްސިވެފައިވާ ކަަމަށެވެ.

އަދި ފައްސިވެފައި ވަނީ ހުސް ގައިދީން ކަމަށްވެސް އެޗްއީއޯސީން ވިދާޅުުވިއެވެ.

އެޗްއީއޯސީން ވިދާޅުވީ، ފައްސިވި މީހުން މިހާރު އެކަހެރިކޮށްފައިވާ ކަމަށާއި، އެ މީހުންނާއި ގާތުން އެއްތާވި މީހުން ކަރަންޓީންކޮށްފައި ވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު