ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ރ. ކިނޮޅޮހުގައި ފަސޭހަކަމާ އެކު ކުނި މެނޭޖް ކުރެވޭ ގޮތް ހަދައިފިއެވެ.

ގައުމީ ބޭންކް، ބީއެމްއެލް އިން ނެރުނު ބަޔާނެއްގައިވާ ގޮތުން މިއީ ކިނޮޅޮހުގައި ކުނި މެނޭޖް ކުރުމުގެ ސިސްޓަމްގައި ހިމެނޭ އެކި ބާވަތުގެ ކުނި ވަކި ކުރުމާއި އާންމު ތަންތަނުގައި އުފެދޭ ކުނި ފަސޭހަކަމާ އެކު މެނޭޖް ކުރުމަށް އެހީތެރިވުމުގެ ގޮތުން ހިންގި ޕްރޮޖެކްޓެކެވެ.

މިއީ ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑުގެ ދަށުން ހިންގި ޕްރޮޖެކްޓެކެވެ.

ބީއެމްއެލްގެ ބަޔާނުގައި ވަނީ މި ޕްރޮޖެކްޓް ހިންގުމަށް އެ ރަށު ވާފިރު އަހުމަދު ޕްރޮޕޯސަލް ހުށަހެޅި އިރު، ކައުންސިލުން އައީ ރަށުގެ އެންމެހައި ގޭބިސީތަކުން ކުނި ނަގައި ދުވަހުން ދުވަހަށް ކުނި މެނޭޖް ކުރުމުގެ މަސައްކަތް ކުރަމުން ކަމަށެވެ.

ނަމަވެސް ރަށުގެ އާންމު ތަންތަނުގައި މި މަސައްކަތް ކުރުމަށް އޮތީ ގޮންޖެހުތަންތަކާ ކުރިމަތިވެފައި ކަމަށް ބީއެމްއެލްއިން ފާހަގަ ކުރިއެވެ. އެއީ ކުނި ވަކިކޮށް އަދި ކުނި އެޅުމަށް ހާއްސަ ގޮތްތަކެއް ނެތުމުގެ ސަބަބުންނެވެ.

މި ޕްރޮޖެކްޓްގެ ދަށުން ރަށުގެ ފަސް ސަރަހައްދެއްގައި ވަނީ އެކި ބާވަތުގެ ކުނި އެޅުމަށް ހާއްސަ ޑަސްބިންތަކެއް ބެހެއްޓިފައެވެ. މިއާއެކު މުޅި ރަށުގެ ކުނި ނައްތާލުމުގެ ޕްރޮޖެކްޓަށް މިވަނީ އިތުރު ފުރިހަމަކަމެއް ލިބިގެންގޮސްފައެވެ.

"ބަނދަރު ސަރަހައްދާއި އާންމު ތަންތަނުގައި އުފެދޭ ކުނިތައް ވަކިކޮށް އެ ކުނި އެޅުމަށް ޑަސްބިން ބެހެއްޓިގެން ދިޔުމާއެކު މިރަށުގެ ކުނި މެނޭޖްކުރުމަށް މިވަނީ ވަރަށް ބޮޑު ލުއި ފަސޭހަކަމެއް ލިބިފަ. އަދި މިއީ ރަށަށް ލިބިގެންދާ ޒީނަތްތެރި ކަމެއް ވެސް މެ. މި ޕްރޮޖެކްޓް ކާމިޔާބުކަމާއެކީ ނިންމާލުމުގައި އެހީތެރިވެދެއްވި އެންމެހާ ފަރާތްތަކަށް ޝުކުރު ދަންނަވަން. ބީއެމްއެލް އިން މި ފަދަ ފުރުސަތެއް ދެއްވިކަމަށް ބޭންކަށްވެސް ހާއްސަ ޝުކުރެއް ދަންނަވަން. އަޅުގަނޑުގެ އުއްމީދަކީ ރީތި ކިނޮޅަސް، މަގޭ ކިނޮޅަސް މި ޝިއާރާ އެއްގޮތަށް އެންމެހާ ބޭފުޅުންގެ އެއްބާރުލުން ލިބިގެންދާނެކަމަށް." ވާފިރު އަހުމަދު ބުންޏެވެ.

ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކާއި ތައުލީމާއި ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހެޅޭ ޕްރޮޕޯސަލްތަކެކެވެ. ބޭންކުން މިހާރު ވަނީ ކޮމިއުނިޓީ ފަންޑު ދަށުން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު އަންނަ މާރިޗު މަހުގެ ހަ ވަހަ ދުވަހާ ހަމަޔަށް ހުޅުވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު