ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަން ހުއްޓުމަށް އައުމަށްފަހު އަލުން ރިސޯޓްތައް ހުޅުވާލުމުން ވަރަށް ގިނަ ރިސޯޓްތަކުން ވަނީ ތަފާތު ޕެކޭޖްތައް ތައާރަފު ކޮށްފައެވެ. ބައެއް ރިސޯޓްތަކުން ތައާރަފްކުރި ޕެކޭޖްތަކަށް މީގެ ކުރިން ވެސް ވަނީ ދުނިޔޭގެ ސަމާލުކަން ލިބިފައެވެ.

މިފަހަރު ދުނިޔޭގެ ސަމާލުކަން ލިބިފައި މިވަނީ ރާއްޖޭގެ ރިސޯޓެއް ކަމަށްވާ "ދަ ނައުޓިސް މޯލްޑިވްސް" ރިސޯޓުން ތައާރަފު ކުރި ޕެކޭޖަކަށެވެ. އެރިސޯޓުން ތައާރަފު ކުރި ޕެކޭޖަކީ ހަތަރު ރޭ އެރިސޯޓްގައި ހޭދަކުރުމަށް އެއްމިލިއަން ޑޮލަރު 15.4 މިލިއަން ރުފިޔާ ދައްކަން ޖެހޭ ޕެކޭޖެއް ކަމަށް އެމެރިކާގެ "ފޮކްސް ނިއުސް" ގައި ރިޕޯޓް ކޮށްފައި ވެއެވެ.

މިޕެކޭޖްގެ ދަށުން ނައުޓިސް މޯލްޑިވްސްގައި އެންމެ ރެއެއް ހޭދަކުރުމަށް 250000 ޑޮލަރު ޚަރަދު ކުރަން ޖެހޭނެއެވެ. ޕެކޭޖް ނަގާ ކޮންމެ މީހަކު ވެސް މަދުވެގެން ހަތަރު ރޭ ރިސޯޓްގައި ހޭދަކުރުން އެއީ މަޖުބޫރު ކަމެކެވެ.

ނައުޓިސް މޯލްޑިވްސް އަކީ ބ.އަތޮޅުގައި އޮންނަ ރިސޯޓެކެވެ. މިރިސޯޓްގައި ޗުއްޓީ ހޭދަކުރާ ފަރާތްތަކަށް ވެސް ރާއްޖޭގެ އެހެން ރިސޯޓްތަކުން ލިބޭ ހުރިހާ ޚިދުމަތެއް ލިބޭނެއެވެ. 26 ވޯޓާ ވިލާ ހިމެނޭ މިރިސޯޓުން ތައާރަފް ކުރި އާޕެކޭޖް ބޭނުންވާ ފަރާތްތަކަށް ޕެކޭޖް ނެގުމަށް ފަހު ހަތަރު މަސްދުވަސް ތެރޭގައި ޕެކޭޖް ކެންސަލް ކުރުމުގެ ފުރުސަތު ލިބޭނެއެވެ. ނަމަވެސް އޭރުން ރިފަންޑްގެ ގޮތުގައި ލިބޭނީ ދައްކާފައިވާ ފައިސާގެ ދެބައިކުޅަ އެއްބައެވެ.

އަގުބޮޑު ޕެކޭޖް ގަންނަން ފަރާތްތަކަށް ލިބޭނެ ހާއްސަ ޚިދުމަތްތަކުގެ ތެރޭގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފަތުރުވެރިޔަކަށް ވީއައިޕީ ޚިދުމަތް ލިބިގެން ދާނެއެވެ. ރިސޯޓަށް ދަތުރު ކުރުމުގެ ކުރިން އަމިއްލަ ލައުންޖެއްގައި މަޑުކުރުމުގެ ފުރުސަތު ވެސް ލިބިގެން ދާނެއެވެ.

ނައުޓިސް މޯލްޑިވްގައި ހުންނަ 26 ސޫޓްގެ ތެރެއިން 15 ސޫޓަކީ ގޮޑުދޮށަށްވާ ގޮތަށް ގަސްތަކުގެ ތެރޭގައި ހަދާފައިވާ ސޫޓް ތަކެވެ. އަދި 11 ސޫޓްކީ މޫދުގައި ހަދާފައިވާ ވޯޓާވިލާ ސޫޓްތަކެވެ. ކޮންމެ ސޫޓެއް ވެސް ހަދާފައި ވަނީ ޕްރައިވެޓް ޕޫލަކާ އެކު ޕްރައިވެސީ ލިބޭނެ ގޮތަކަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހަސަނު

    މިއީ ބޮޑުވަރެއް.

  2. މިހާ

    ކިތަންމެ ލާރިއެއް ދައުލަތަށްލިބުނަސް ނިކަމެތިންނަށް ވާނެ ފައިދާއެއްނެތް. ކުދި ކުދި އާބާދީތަކެއް ހަދައިގެން ދައުލަތުގެ ރިކަރެންޓް ޚަރަދު ބޮޑުވެ އޮބިނޭވެގެން އުޅޭއިރުވެސް އެއްފަސް ކުރާކަށް ނޫޅޭ