އަންނަ ބުރާސްފަތި ދުވަހުގެ ރޭ ބީއެމްއެލްގެ ކާޑް ސިސްޓަމް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް ނިންމައިފިއެވެ.

މި ގޮތުން މި މަސައްކަތް ކުރުމަށް ހަމަޖެހިފައި ވަނީ ޖޫން ތިން ވަނަ ދުވަހުގެ ރޭ 10:00 އިން ފެށިގެން ހުކުރު ދުވަހުގެ ހެދުނު 9:00 އަށެވެ.

ބީއެމްއެލް އިން ވިދާޅުވީ، މިއީ ކަސްޓަމަރުންނަށް ދެމުންދާ ބޭންކިންގ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ބޭންކުން ކުރަމުންދާ މަސައްކަތުގެ ދަށުން ކުރިއަށް އޮތް ތާނގައި ހިދުމަތަށް ގެންނަން ބޭނުންވާ މުހިންމު ބަދަލުތައް ގެނައުމުގެ ބޭނުމުގައި އާއި މި ސިނާއަތުގައި ކަނޑައެޅިފައިވާ މިންގަޑުތަކާ އެއްގޮތަށް ހަރުދަނާ ކަމާއެކު ހިދުމަތް ދިނުމުގެ ގޮތުން ބޭންކުން ކުރުމަށް ނިންމާފައިވާ މުހިންމު މަސައްކަތެެއް ކަމަށެވެ.

އަދި މި މަސައްކަތް ކުރެވެމުންދާ ވަގުތުގައި ރާއްޖެއާއި ރާއްޖޭން ބޭރުގައި ލިބޭ ކާޑުގެ ހިދުމަތްތައް ހިމެނޭހެން އޭޓީއެމް، ޕީއޯއެސް، އެމްޕޮސް، މަރޗަންޓް ޕޯޓަލް، ޕޭމަންޓް ގޭޓްވޭގެ އިތުރުން މޮބައިލް ޕޭ ގެ ހިދުމަތް ވަގުތީ ގޮތުން މެދުކެނޑޭނެ ކަމަށް އެ ބޭންކުން ވިދާޅުވެފައި ވެއެވެ.

ނަމަވެސް މި ވަގުތުގައި އިންޓަރނެޓް ބޭންކިންގ އަދި މޮބައިލް ބޭންކިންގެ ހިދުމަތް ލިބޭނެ ކަމަށް ބުނެފައި ވެއެވެ.

އެ ބޭންކުން ވިދާޅުވީ، އަޕްގްރޭޑްގެ މަސައްކަތް ނިމުމުން ކުރިއެކޭ އެއްގޮތަށް ހިދުމަތްތައް ލިބޭނެ ކަމަށެވެ.

ބީއެމްއެލް އަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ކާޑުގެ ހިދުމަތްތައް ދެމުންދާ ބޭންކެވެ. އަދި އެ ބޭންކުން އަންނަނީ 2004 ވަނަ އަހަރުން ފެށިގެން އިންޓަރނޭޝަނަލް ކާޑުތަކުގެ ހިދުމަތް ދެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު