ކޮމިއުނިޓީ ފަންޑުގެ ދަށުން ދެވަނަ ކުއާޓަރގެ އެންމެ ރަނގަޅު އެހީ ފޯރުކޮށްދޭނެ ފަސް ޕްރޮޕޯސަލް މަޝްރޫއު ހޮވައިފިއެވެ.

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަކީ، އަމިއްލަ ފަރުދުންނާއި ޖަމުޢިއްޔާ، ޖަމާޢަތްތަކުން ރަށްރަށުގައި ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމަށް ބޭނުންވާ މަޝްރޫއުތައް ހިންގުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ދޭ އެހީއެކެވެ. އެގޮތުން ކޮންމެ އަހަރެއްގައިވެސް ކޮންމެ ކުއާޓާއެއްގައި 5 މަޝްރޫޢު ނެގި ކޮންމެ އަހަރަކު 20 މަޝްރޫއަކަށް އެހީތެރިވެދެއެވެ.

މިގޮތުން ހޮވުނު ފަސް ޕްރޮޖެކްޓަކީ:

1. ހދ. ހަނިމާދޫ ސްކޫލް ލައިބްރަރީ ތަރައްގީކުރުން - ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާ
2. ށ. ޅައިމަގު ގައި ޕިކްނިކް ސަރަހައްދެއް ތަރައްގީކުރުން - ޅައިމަގު އެކުވެރިންގެ ރޫހު
3. ލ. ގަމުގެ އަތިރިމަތީގައި ސޯލާ ލައިޓްހަރުކޮށް ކޮމިއުނިޓީ ޕާކެއް ހެދުން - –އިބްރާހިމް ނިޔާޒް
4. ގދ. ފިޔޯރީގައި އައުޓްޑޯރ ކޮމިއުނިޓީ ލައިބްރަރީއެއް ހެދުން –- ފިޔޯރީ އެސޯސިއޭޝަން ފޯރ ކޮމިއުނިޓީ އެމްޕަވަރމެންޓް
5. އައްޑޫސިޓީ މަރަދޫގައި ކޮމިއުނިޓީ ޕާކެއް ހެދުން - އިބްރާހިމް އާތިފް
ބީއެމްއެލްގެ މެނޭޖަރ ޕަބްލިކްރިލޭޝަންސް މުހައްމަދު ސައީދު ވިދާޅުވީ، އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަަށް މިފަހަރުވެސް ރާއްޖޭގެ އެކި ރަށްރަށުގައި ޕްރޮޖެކްޓް ހިންގުމަށް އެބޭފުޅުންނަށް ރަނގަޅު ޕްރޮޕޯސަލްތަކެއް ލިބިގެން ދިޔަ ކަމަށާއި މިފިޔަވަހީގައި ހޮވިގެން ދިޔަ ފަސް ޕްރޮޖެކްޓާއެކު މި ފަންޑުގެ ދަށުން މިހާތަނަށް 50ރަށެއްގައި މުޖުތަމައަށް ފައިދާހުރި ޕްރޮޖެކްޓްތަކެއް ހިންގުމަށް އެހީތެރިކަން ފޯރުކޮށްދެވިފައިވާ ކަމަށެވެ.

“ޖަމިއްޔާތަކުންނާއި އާންމު ފަރުދުންގެ ފަރާތުން ރަށްރަށަށް ނުހަނު ބޭނުންތެރި މިފަދަ ޕްރޮޖެކްޓްތައް ކަރުދާހަށް ގެންނަވައި ކޮވިޑް-19 އާއެކު ދިމާވެފައިވާ ގޮންޖެހުންތަކާއެކުވެސް އަމަލީ މަސައްކަތް ނިންމެވުމަށް ކުރައްވާ ބުރަ މަސައްކަތްތައް ފާހަނގަކޮށް އެފަރާތްތަކަށް ޝުކުރު ދަންނަވަން. ސައީދު ވިދާޅުވިއެވެ.

އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކަށާއި ތަޢުލީމާއި ކުޅިވަރު ޙަރަކާތްތަކުގެ އިތުރުން ތިމާވެށި ޙިމާޔަތްކުރުންފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހަޅާ ޕްރޮޕޯސަލްތަކެކެވެ. އަދި މިއިން ކޮންމެ ޕްރޮޕޯސަލަކަށް 50000 ރުފިޔާގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު