ދިރާގުން މިއަހަރުގެ ރޯދަ މަހާއި ފިތްރު ޢީދަށް ޚާއްސަކޮސްގެން ތައާރަފުކުރި ޚާއްސަ ޑޭޓާ ބަންޑަލްތައް ކަސްޓަމަރުން އެކްޓިވޭޓް ކޮށްގެން ލިބުނު ފައިސާގެ %10 މޯލްޑިވިއަން ތެލެސީމިއާ ސޮސައިޓީއަށް މިއަދު ހަދިޔާ ކޮށްފިއެވެ.

އެގޮތުން މި އަހަރުގެ މި ޑޭޓާ ބަންޑަލް ތަކުން ލިބުނު 313,235 ރުފިޔާ ދިރާގުން ވަނީ ތެލެސީމިއާ ސޮސައިޓިއަށް ހަދިޔާ ކޮށްފައެވެ،

މިއަދު ދިރާގު ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ފައިސާ ވަނީ ހަވާލުކޮށްފައެވެ.

މޯލްޑިވިއަން ތެލެސީމިއާ ސޮސައިޓީގެ ޗެއަރޕަރސަން ޖީހާން ސަލީމް ވިދާޅުވި ގޮތުގައި ދިރާގަކީ ދިވެހި ކުންފުނިތަކުގެ ތެރެއިން އެންމެ ކުރިންސުރެ ވެސް އެހީތެރިވަމުން އަންނަ އެއް ކުންފުނި ކަމަށެވެ.

"އަދި ވޭތުވެ ދިޔަ އަހަރު ތަކުގެތެރޭ ދިރާގުގެ ފަރާތުން އެކި ގޮތްގޮތުން އަޅުގަނޑުމެންނަށް ލިބުނު އެހީތެރިކަމުގެ ސަބަބުން ގިނަ ގުނަ ފައިދާއާއި ކުރިއެރުން އަޅުގަނޑުމެންނަށް ވަނީ ލިބިފައި. އެހެންކަމުން އަޅުގަނޑުމެންގެ ޕޭޝަންޓުންނާއި ބެލެނިވެރިންގެ ފަރާތުން ދިރާގަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން". ޖީހާން ވިދާޅުވިއެވެ.

ދިރާގުން ވަނީ ވާއިތުވި އަހަރުތަކުގައިވެސް އެކި ޖަމިއްޔާތައް ދިރާގު ރޯދަ ޑޭޓާ ބަންޑަލްތަކުން ލިބުނު ފައިސާގެ %10 ހަދިޔާ ކޮށްފައެވެ. އެގޮތުން ދިރާގުން އެހީވި ޖަމިއްޔާތަކުގެ ތެރޭގައި ޓައިނީ ހަރޓްސް އޮފް ދަ މޯލްޑިވްސް އަދި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޕަސަންސް ވިތް ޑިސްއެބިލިޓީސް (އެމްއޭޕީޑީ) ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު