ކްރެޑިޓް ކާޑު ބޭނުންކޮށްގެން ރާއްޖެ އިން ބޭރުން ފައިސާ ނެގޭ އަދަދު އަންނަ ހޮނިހިރު ދުވަހުން ފެށިގެން މަތިކުރާނެ ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ސީއީއޯ ޓިމް ސޯޔާ މިއަދު ވިދާޅުވެއްޖެ އެވެ.

ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާގައި ސީއީއޯ ޓިމް ސޯޔާ ވިދާޅުވީ، ކޮވިޑާއި ގުޅިގެން މިދިޔަ އަހަރު ބޭންކަށް ކުރިމަތިވި އުނދަގޫ ހާލަތަށް ފަހު އަނެއްކާ ވެސް ކުންފުނީގެ ހިންގުމަށް ކުރިއެެރުންތަކެއް ލިބެމުން އަންނަ ކަމަށެވެ. އަދި ކުރިމަގުގައި އާންމުންނަށް ފަސޭހަވާނެ އިތުރު ހިދުމަތްތައް ބީއެމްއެލް އިން ތައާރަފުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ކްރެޑިޓް ކާޑު ލިމިޓަށް ބަދަލު ގެންނާނެ ކަމަށް ސީއީއޯ ޓިމް ސޯޔާ ވިދާޅުވި ނަމަވެސް އާ ލިމިޓް އަދި އާންމެއް ނުކުރެ އެވެ.

ކޮވިޑްގެ ހާލަތާ ގުޅިގެން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެ ބޭންކުން ވަނީ ޑެބިޓް ކާޑާއި ކްރެޑިޓް ކާޑު ބޭނުންކޮށްގެން، ދިވެހި ރުފިޔާ އެކައުންޓުން ބޭރުގައި މުއާމަލާތު ކުރުމަށް ވަގުތީ ލިމިޓުތަކެއް ކަނޑައަޅައިފަ އެވެ. އެގޮތުން ރާއްޖޭގައި ތިބެގެން ބޭރުގެ މުއާމަލަތު ކުރާ ކަސްޓަމަރުންނަށް މަހެއްގެ މައްޗަށް 250 ޑޮލަރު ކަނޑައަޅާފައިވާއިރު ބޭރު ގައުމުތަކުގައި ތިބި ދިވެހިންނަށް އެންމެ ގިނަ ވެގެން މަހަކު ނެގޭނީ 750 ޑޮލަރެވެ.

ސީއީއޯ ޓިމް ސޯޔާ މިހާރު އަޅުގަނޑުމެން މިތިބީ މިދިޔަ އަހަރުގެ މިހިސާބުގައި ތިބި ހާލަތަށް ވުރެ ރަނގަޅު ހާލަތެއްގައި ކަމަށެވެ. "މިއަދު އަޅުގަނޑުމެން މިތިބީ މިދިޔަ އަހަރުގެ މިހިސާބުގައި އަޅުގަނޑުމެން ތިބި ހާލަތަށް ވުރެ ރަނގަޅު ހާލަތެއްގައި. އަދި މި އަޑިގަނޑުން އަޅުގަނޑުމެން އަރައިގަންނާނަން. ކުރިއަށް އޮތް ތަނުގައިވެސް އަޅުގަނޑުމެންނަސް އުދަނގޫތަކާއި ކުރިމަތިވާނެ. މިއާއެކުވެސް ދެމެހެއްޓެނެވި ކުރިއެރުމަކަށް މިކަންކަމުން އަރައިގަތުމުގެ ހިތްވަރު އެބަހުރި. މުޅިން އަލަށް ތައާރަފް ކުރެވޭ އައު ޕްރޮޑަކްޓްތަކާއި ހިދުމަތްތައް ކުރިއަށް އޮތް ދުވަސްތަކުގައި ހާމަކުރެވިގެންދާނެ. ނަމަވެސް އެންމެ މުހިންމުކަމެއްގެ ގޮތުގައި އަޅުގަނޑު ދެކެނީ ބޭންކުގެ ސްޓްރެޓަޖީ ހިމެނޭ ކަންކަން ނިންމާނެ ރަނގަޅު ޓީމެއް ބޭންކުގައި އޮތްކަން." ސީއީއޯ ޓިމް ސޯޔާ ވިދާޅުވިއެވެ.

ބީއެމްއެލްގެ އަހަރީ އާއްމު ޖަލްސާ މިއަދު ބޭއްވީ އޮންލައިންކޮށެވެ.

ކިޔުންތެރިންގެ ހިޔާލު