ބޭންކް އޮފް މޯލްޑިވްސް އިން ދޫކޮށްފައިވާ ކްރެޑިޓް ކާޑުން ރާއްޖޭން ބޭރުގެ މުއާމަލާތްކުރެވޭނެ އަދަދު މިއަދުން ފެށިގެން 500 ޑޮލަރަށް އިތުރުކޮށްފިއެވެ. މި އަދަދު ކަނޑައެޅިފައިވަނީ ކޮންމެ 30 ދުވަހެއްގެ މުއްދަތަކަށެވެ.

ބީއެމްއެލް އިން ބުނީ ކާޑުގެ ޕްރައިމަރީ އެކައުންޓްގެ ގޮތުގައި ދިވެހި ރުފިޔާ އެކައުންޓް ކަނޑައަޅާފައިވާ ޑެބިޓް ކާޑަށް މިހާރުވެސް ދީފައިވާ 250 ޑޮލަރުގެ ލިމިޓް ބޭނުންކުރެވޭނެއެވެ. ޑެބިޓް ކާޑުގެ ޕްރައިމަރީ އެކައުންޓްގެ ގޮތުގައި ޔޫއެސް ޑޮަލަރު އެކައުންޓް ކަނޑައަޅާފައިވާނަމަ ކަސްޓަމަރުންނަށް ދުވާލަކު 3000 ޑޮލަރާ ހަމަޔަށް ކާޑު ބޭނުންކުރެވޭނެއެވެ.

ރާއްޖޭން ބޭރުގައި ދިރިއުޅެމުންދާ ކަސްޓަމަރުންނަށް މިހާރެކޭވެސް އެއްގޮތަށް ކޮންމެ ކާޑަކަށް، މަހަކަށް 750 ޑޮލަރުގެ ލިމިޓެއް ލިބޭނެއެވެ.

މިހާރުވެސް ބޭންކުން އެހީތެރިކަން ފޯރުކޮށްދެމުންދާ ފަދައިން ބޭސްފަރުވާ އާއި ތައުލީމާ ގުޅުންހުރި ކަންކަމުގައި ފައިސާދެއްކުމަށް ކާޑަށް ވަގުތީ ލިމިޓް ދެމުންދާނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ. މި ގޮތަށް ލިމިޓް އިތުރު ކުރުމަށް އެދި ކަސްޓަމަރުންނަށް އިންޓަރނެޓް ބޭންކިންގ މެދުވެރިކޮށް ކަމާ ގުޅުންހުރި ލިޔެކިޔުންތައް ހުށަހެޅޭނެއެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގައި ޑޮލަރު ލިބެން ހުރި މިންވަރަށް ނުހަނު ބޮޑު ނޭދެވޭ އަސަރެއްކޮށްފައި ވާތީ ބޭންކުން ދޫކޮށްފައިވާ ކާޑުން ރާއްޖޭން ބޭރުގެ މުއާމަލާތް ކުރެވޭނެ އަދަދަށް ބަދަލުގެނައީ މިދިޔަ އަހަރުގެ ސެޕްޓެމްބަރ 16 ވަނަ ދުވަހު އެވެ.

މި ނިންމުން ބޭންކުން ނިންމިއިރު ރާއްޖޭން ބޭރަށްދާ ޑޮލަރުގެ ނިސްބަތާ ގުޅިގެންހުރި ކަންބޮޑުވުމާއި ޒަރޫރީ ބޭނުންތަކަށް މުދާ އެތެރެކުރުމަށް ބޭނުންވާ ޑޮލަރަށް އިސްކަންދިނުމުގެ މުހިންމުކަން ބޭންކުން ފާހަގަ ކުރިއެވެ.

ބީއެމްއެލް އިން މިއަދު ބުނީ ފާއިތުވި ދުވަސްތަކުގައި ބޭންކުން ދިޔައީ މިހާލަތު ގާތުން ބަލަމުން ކަމަށާއި ކްރެޓިޑް ކާޑަށް ދެވިފައިވާ ލިމިޓް އިތުރުުކުރުމަށް ބޭންކުން ނިންމީ މިހާލަތުން އަރައިގަތުމުގައި ލިބެމުންދާ ކުރިއެރުމަށް ބަލާފައި ކަމަށެވެ.

ހާލަތަށް އަންނަމުންދާ ބަދަލުތައް ބޭންކުން އަބަދުވެސް ބަލަމުންދާނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ. އަދި ހާލަތަށް ބެލުމަށްފަހު ގެނައުމަށް ނިންމާ އިތުރު ބަދަލުތަކާ ގުޅޭ މައުލޫމާތު ކަސްޓަމަރުންނާ ހިއްސާކުރަމުންދާނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ފަގީރުމީހާ

    ރާއްޖޭގަ ވިއްޔާ ނޫނީނޯވޭ ރައްޔިތުން ހަލާލުގޮތުގައި ބުރަމަސައްކަތް ކޮއްގެން ހޯދާ ފައިސާ ވަކިބަޔަކު ބޭނުންވާގޮތައް ކޮންޓުރޯލް ކުރާތަނެއް. ބީއެމްއެލް އޭކިޔާފަ މުއްސަދިންނާ ފަގީރުންގެ މެދުގައި ޑިސްކުރިމިނޭޓް ކުރަނީ، މުއްސަދިން ބިޒްނަސް އެކައުންޓު ހުޅުވައިގެން އަންލިމިޓެޑް ކޮން ރާއްޖެއާއި ރާއްޖޭން ބޭރުން ޑޮލަރުގެ މުައާމަލާތްތައް ހިންގާކަމީ އެންމެން ދަންނަ ބޮޑު ސިއްރެއް، އެހެން ގެންނަ މުދާ ބޮޑުއަގުގަ އެެއްކަލަ ނިކަމެތި ފަގީރުމީހާ އަށް މިވިއްކަނީ.