ކުވެއިތުން ރާއްޖެއަށް ސީދާ ދަތުރުތައް ބޭއްވުމުގެ ހުއްދަ ދޭން އެ ގައުމުގެ ވަޒީރުންގެ މަޖިލީހުން ނިންމައިފިއެވެ.

އެ ނިންމުން ނިންމާފައިވަނީ އިއްޔެ ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައެވެ. އެއާއެކު އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ކުވެއިތުގެ ފްލައިޓްތަކަށް ރާއްޖެއާ ދެމެދު ދަތުރުކުރެވޭނެއެވެ.

ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި، ކޮވިޑް-19 އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދޭން ނިންމައި ސެޕްޓެމްބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން އިޖްތިމާއި ހަރަކާތްތަކަށް ގައުމު ހުޅުވާލަން ވަނީ ނިންމައިފައެވެ. އަދި މީހުން އެއްވެގެން ބާއްވާ ހަރަކާތްތަކާއި ކުޑަކުދިންގެ ހަރަކާތްތައް ބޭއްވުމުގެ ހުއްދަވެސް ދަނީ ދީފައެވެ.

އަދި އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ވެކްސިން ނުޖަހާ މީހުންނަށްވެސް ފާމަސީތަކަށާއި، ފިހާރަތަކުގެ އިތުރުން ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނަށް ދެވޭނެ އިންތިޒާމުވެސް ވަނީ ހަމަޖައްސައިފައެވެ.

ލުއިތައް ދިން ނަމަވެސް ގިނަ މީހުން އެއްވެސް ބާއްވާ އެއްވުންތައް ބޭއްވުމުގެ ހުއްދަ އަދި އެއް ނުދެއެވެ. އަލަށް މި ދެވުނު ލުއިތަކަކީ ބަލި ފެތުރޭ މިންވަރު ދަށްކުރަން ކުރެވޭ މަސައްކަތަށް އެކަށީގެންވާ ވަރުގެ ކާމިޔާބީއެއް ހޯދިފައިވާތީއެވެ.