ރާއްޖެއަށް މުޅިން އަލަށް ތައާރަފް ކުރި ހޮންޑާ އައުޓްބޯޑު އިންޖީނު މަރާމާތުކޮށް ބަލަހައްޓަން ދަސްކޮށްދޭ ޓްރެއިނިން ޕްރޮގްރާމްތަކެއް ހިންގަން ހޮންޑާ މެރިން ސެންޓަރުން ނިންމައިފިއެވެ.

ޑީ ބްލޫ ޕްރައިވެޓް ލިމިޓެޑްގެ މެރިން ވައިބްގެ ދަށުން ހޮންޑާ އައުޓްބޯޑު އިންޖީނު ވިއްކަން ހާއްސަކޮށް ރޭ ހުޅުވި ސެންޓަރު ހުޅުއްވައި ދެއްވާފައިވަނީ ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާއެވެ.

ރޭ ބޭއްވި ރަސްމިއްޔާތުގެ ވާހަކަ ދައްކަވަމުން މެރިން ވައިބް ކުންފުނީގެ ޗީފް އިންޖިނިއަރ އިސްމާއިލް މުހައްމަދު ވިދާޅުވީ، ހޮންޑާ މެރިން އިންޖީނަކީ ދުވެލި ބާރު އަޑުމަޑު ކަނޑު އުޅަނދު ފަހަރަށް އެންމެ ކަމުދާނެ އިންޖީނު ކަމަށެވެ.

މި ސެންޓަރުން އިންޖީނުތަކަށް ބޭނުންވާ ހުރިހާ ސްޕެއާ އައިޓަމް ލިބޭކަމީ ކަސްޓަމަރުންގެ ހިތުގައި އެބޭފުޅުންގެ ހިދުމަތާއި މެދު އުފެދޭނެ އިތުބާރެއްކަން ފާހަގަ ކުރައްވަމުން އިސްމާއިލް ވިދާޅުވީ، އިންޖީނުތައް މަރާމާތު ކުރުމަށް ތިބޭނީ އެދާއިރާގެ ތަޖުރިބާ ލިބިފައިވާ ފެކްޓަރީ ޓްރެއިން ކޮށްފައިވާ އިންޖިނިއަރުން ކަމަށެވެ.

މެރިން ވައިބް ކުންފުނީގެ ޗީފް އިންޖިނިއަރ އިސްމާއިލް މުހައްމަދު

އެފަދަ ތަޖުރިބާކާރު އިންޖިނިއަރުން ތިބި ނަމަވެސް، ކުރިއަށް އޮތް ދުވަސްތަކުގައި ހޮންޑާ މެރިން އިންޖީނު މަރާމާތުކޮށް ބަލަހައްޓަން ދަސްކޮށްދޭ ޓްރެއިނިން ޕްރޮގްރާމްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގުމަށް ހަމަޖެހިފައިވާ ކަމަށް އިސްމާއިލް ވިދާޅުވިއެވެ.

މި ސެންޓަރުން އިންޖީނުތައް ސާވިސް ކޮށްދޭއިރު، ތިމާވެއްޓާ ރައްޓެހި ގޮތްތައް ހިޔާރު ކުރާނެ އެވެ. އަދި ވޯކްޝޮޕުން ހުކުރު ދުވަސް ފިޔަވައި އެހެން ހުރިހާ ދުވަހަކު ހިދުމަތް ދޭނެއެވެ.

ހޮންޑާ މެރިން އިން ރާއްޖެ އަށް ތައާރަފު ކޮށްފައިވަނީ 15-250 ހޯސްޕަވަރުން އިންޖީނެވެ. މި އިންޖީނުތަކާއެކު ހަ މަހުގެ ވޮރެންޓީ ލިބޭއިރު، މިއީ ފަސޭހައިން ސާވިސް ކުރެވޭނެ އިންޖީނު ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.

ހޮންޑާ މެރިން ސެންޓަރު މިރޭ ހުޅުވާފައިވާއިރު، އެކުންފުނިން ބުނެފައިވަނީ މިވަގުތު ގެނެސްފައި ހުރި ސްޓޮކްތައް އެކި ފަރާތްތަކުން ރިޒާވް ކޮށްފައިވާ ކަމަށާއި އެހެން ކަމުން މާދަމާއިން ފެށިގެން އިންޖީނު ބޭނުންވާ ފަރާތްތަކަށް ޕްރީއޯޑަރު ކުރުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ފައުޒީ

    ހޮންޑާ އިންޖީނު ރަނގަޅުވާނެކަމައް ބެލެވެނީ. ހޮންޑާއަކީ ކޮލިޓީ މޮޅު އިންޖީނު ހަދާބަޔެއް.

  2. ސަލީމް

    އިންޖީނުގެ ފިއުލް އެފިޝެންސީ ޑޭޓާތައް ޝާއިއު ކުރުން ބުއްދިވެރި.