ކަނޑުގެ އުޅަނދުތަކަށް ހާއްސަކޮށްގެން ބާއްވާ އެންމެ ބޮޑު އެއް އިވެންޓް ކަމަށްވާ "މެރިން އެކްސްޕޯ 2023"ގައި އެލައިޑް އިންޝުއަރެންސް ކުންފުނިން ބައިވެރިވެއްޖެއެވެ.

މިއީ މެރިން އެކްސްޕޯ ބާއްވާ އަށް ވަނަ ފަހަރެވެ. މި އެކްސްޕޯގައި ކޮންމެ ފަހަރަކު ކަހަަލަ ގޮތަކަށް އެލައިޑް އިންޝުއަރެންސް ކުންފުނިން ބައިވެރިވެއެވެ.

އެލައިޑް އިންޝުއަރެންސް އަކީ މެރިން އެކްސްޕޯގެ އިންޝުއަރެންސް ޕާޓްނަރު އެވެ.

އެލައިޑް އިންޝުއަރެންސްގެ ސީނިއާ ސޭލްސް އެގްޒެކެޓިވް ފާތުމަތު ޝެރީން "ވަގުތު" އަށް ވިދާޅުވީ، އެ އެކްސްޕޯގައި ބޮޑަށް ފޯކަސް ކުރަނީ މެރިން ހަލް އިންޝުއަރެންސް ޕޮލިސީ އާއި ބޯޓް ބިލްޑިންގ އިންޝުއަރެންސް އިތުރުން، ކާގޯ އިންޝުއަރެންސްގެ މައުލޫމާތު ދިނުމަށް ކަމަށެވެ.

ހަލް އިންޝުއަރެންސް: ކަނޑުމަތީގައި ދިމާވާ ހާދިސާތަކުގައި ލިބޭ ގެއްލުމުގެ ބަދަލު ލިބޭ އިންޝުއަރެންސް އެކެވެ. އެގޮތުން އުޅަނދާއި، އޭގައި ހުރި އާލާތްތަކާއި، ފަޅުވެރިންނާއި، ފަސިންޖަރުންނަށް ދިމާވާ ގުދުރަތީ ހާދިސާތަކާއި އެކްސިޑެންޓްތަކާއި މުދާ އަރުވައި ބޭލުމުގައި ލިބޭ ގެއްލުންތަކަށް ބަދަލު ލިބިދޭނެއެވެ.

ބޯޓް ބިލްޑިންގ އިންޝުއަރެންސް: މިއީ ބޯޓް ހަރުގޭގައި ބަންނަމުންް ދާއިރު ބޯޓަށް ދިމާވާ ގެއްލުންތަކަށް ބަދަލުދޭ އިންޝުއަރެންސް އެކެވެ.

ކާގޯ އިންޝުއަރެންސް: މުދާ އުފުލާ ކަނޑު އުޅަނދު ފަހަރުތަކާއި، ވައިގެ އުޅަނދުތަކަށް ހާއްސަ އިންޝުއަރެންސް އެކެވެ.

އޭނާ ވިދާޅުވީ، ސްޓޯލަށް ޒިޔާރަތް ކުރާ މީހުންގެ މެދުގައި ކޮންމެ ދުވަހަކުވެސް ގުރުއަތުން ހޮވޭ ފަރާތަކަށް 3،000ރގެ ހަލް އިންޝުއަރެންސް ޑިސްކައުންޓް ވައުޗާއެއް ދޭނެ ކަމަށެވެ.

އިއްޔެ ފެށި މެރިން އެކްސްޕޯ ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރިއަށް ދާނެއެވެ. މިފަހަރުގެ އެކްސްޕޯގައި 100 އަށްވުރެ ގިނަ ކުންފުނިން ވަނީ ބައިވެރިވެފައެވެ.