އެލައިޑް އިންޝުއަރެންސުން އިންތިޒާމު ކޮށްގެން ކުޑަކުދިންނަށް ހާއްސަކޮށްގެން މިއަދު ބޭއްވުމަށް ރޭވި "އެލައިޑް ފެސްޓް" އެހެން ތާރީހަކަށް ފަސްކޮށްފިއެވެ.

އެލައިޑުން ބުނެފައިވަނީ މިއަދު ބޭއްވުމަށް ރޭވި "އެލައިޑް ފެސްޓް" ފަސްކޮށްފައިވަނީ މޫސުން ގޯސްވުމުގެ ސަބަބުން ކަމަށެވެ.

މި އިވެންޓް ފަސް ކުރުމުގެ ސަބަބުން ބައެއް ފަރާތްތަކުން މާޔޫސްވާނެކަން އެނގޭ ކަމަށާއި ނަމަވެސް އެ ނިންމުން ނިންނީ މޫސުން ގޯސްވުމުގެ ސަބަބުން ދިމާވެދާނެ ހާދިސާއަކަށް ވިސްނައި ހުރިހާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކާ ކަމަށް ވެސް އެލައިޑުން ބުނެފައިވެއެވެ.

އެލައިޑުން ބުނެފައިވަނީ އެ އިވެންޓް ދެން ބާއްވާނެ ތާރީހެއް ފަހުން އެ ކުންފުނިން އިއުލާނު ކުރާނެ ކަމަށެވެ.

ކުޑަކުދިންނަށް ހާއްސަ މަޖާ ގިނަ ކުޅިވަރުތަކާއެކު ބޭއްވުމަށް ތާވަލްކުރި އެ ފެސްޓުގައި ފިޝިން، ބީން ބޭގް ޓޮސް، ސްނޭކް އެންޑް ލެޑާ، ޓުވިސްޓާ، އަދި ކުރެހުމާއި ކުލަޖެއްސުމަށް ޝައުގުވެރިވާ ކުދިންނަށް އާރްޓް ކޯނާ އެއް ވެސް ހިމެނިފައިވެއެވެ.

އެ ފެސްޓިވަލުގައި ބެލެނިވެރިންނަށް އަމާޒުކޮށްގެން ދިރިއުޅުމާއި އާއިލާއާ ބެހޭ މައުލޫމާތު ސެޝަންތަކެއް ވެސް ކުރިއަށްގެންދިއުމަށް އޮތެވެ. އަދި ހާއްސަ ލަކީޑްރީއެއް ކުރިއަށް ގެންދިއުމަށް ވަނީ ރާވާފައި އޮތެވެ..

މިއީ އެލައިޑުގެ "އެލައިޑް ފެސްޓް" ބާއްވާ ދެވަނަ އަހަރެވެ. އެލައިޑުން ބުނީ، މީގެ ކުރީ އަހަރު ބޭއްވި "އެލައިޑް ފެސްޓް" އަށް ގިނަ ބައެއްގެ ތަރުހީބު ލިބިފައިވާ ކަމަށެވެ.