ދިރާގުން ފޯރުކޮށްދޭ ޑިޖިޓަލް ޚިދުމަތްތައް ފުޅާކޮށް ތަރައްގީ ކުރުމުގެ ގޮތުން އެ ކުންފުނީގެ ހައިސްޕީޑް ފައިބަރ އިންޓަނެޓްގެ ޚިދުމަތް ނ. މަނަދޫގައި ރަސްމީކޮށް އިފްތިތާހްކޮށްފިއެވެ.

މިއާއެކު، މަނަދޫގެ ދިރާގު ފައިބަރ ބްރޯޑްބޭންޑް ޕޯޓްފޯލިއޯގައި ހިމެނިފައިވާ ތަފާތު އަގުތަކުގެ ޑޭޓާ އެލަވަންތައް ހިމެނޭ ގިނަ ޕެކޭޖްތަކެއް ލިބޭނެއެވެ. އަދި ރާއްޖޭގެ ގޭބިސީތަކަށް ފޯރުކޮށްދޭ އެންމެ ގިނަ ޑޭޓާ އެލަވަންސް ހިމެނޭ ޕެކޭޖް ވެސް ދިރާގު ފައިބަ ބްރޯޑްބޭން ހިދުމަތުން ލިބޭނެއެވެ.

ދިރާގު އެސިސްޓެންޓް މެނޭޖަރ ޕަބްލިކް ރިލޭޝަންސް، ޖައިޝާން ޙަމީދް ވިދާޅުވީ ދިރާގު ހައިސްޕީޑް އިންޓަނެޓް ރައްޖޭގައި މީހުން ދިރިއުޅޭ އެކި ހިސާބުތަކަށް ފޯރުކޮށްދީ މުޖުތަމައުގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް ފުރިހަމަވެގެން ދިއުމަކީ ވަރަށް އުފާކުރާ ކަމެއް ކަމަށެވެ.

"އަޅުގަނޑުމެން ކުރިއަށް އޮތް ތަނުގައި ވެސް މަސައްކަތް ކުރަމުންދާނީ ރާއްޖޭގެ ހުރިހާ ހިސާބެއްގައި ޑިޖިޓަލް ކޮމިއުނިޓީތައް ބިނާކޮށް، ބާރުވެރި ކުރުވުމަށް،" ޖައިޝާން ވިދާޅުވިއެވެ.

ދިރާގު ފައިބަރ ބްރޯޑްބޭންޑް ޚިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުންދާ އެންމެ ބޮޑު ފައިބަރ ނެޓްވޯކްއެވެ. އެގޮތުން މިހާރު ރާއްޖޭގެ ގޭބިސީގެ 80 އިންސައްތައަށް މި ޚިދުމަތް ދިރާގުން ފޯރުކޮށްދީފައިވާއިރު މީގެ ތެރޭގައި 66 ރަށެއް ހިމެނެއެވެ. ދިރާގުން އަބަދުވެސް ބަލަނީ ކަސްޓަމަރުންނަށް ދެވޭނެ ލުއިފަސޭހަގޮތްތައް ހޯދައިދިނުމެވެ. މިގޮތުން އިނޮވޭޝަނާއި އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަސްޓަމަރުންގެ ތަޖްރިބާ ރަނގަޅުކުރުމަށް އަބަދުވެސް މަސައްކަތް ދިރާގުން ކުރިއަށް ގެންދާނެއެވެ.