ރަޝިއާގެ ޗާޓަރު އެއާލައިނެއް ކަމަށްވާ ނޯޑްވިންޑް އެއާލައިންސް އިން މާލެ އާއި ރަޝިއާގެ ސެއިންޓް ޕީޓާސްބާގްއާ ދެމެދު އިއްޔެ ޗާޓަރު ދަތުރުތައް ފަށައިފިއެވެ.

ޔޫރަޕްގެ ފިނިމޫސުމާއި އާ އަހަރުގެ ޗުއްޓީއާ ދިމާކޮށް ނޯޑްވިންޑް އެއާލައިންސް ފެށި މި ދަތުރުތަކުގައި، އެ އެއާލައިނުން ހަފްތާ އަކު އެއް ފްލައިޓު ބާއްވާނެއެވެ. ކޮންމެ އާދިއްތަ ދުވަހަކު ނޯޑްވިންޑުން ރާއްޖެއަށް ކުރާ ދަތުރުތަކުގައި ބޭނުންކުރަނީ އެއާބަސް އޭ330 މަރުކާގެ ފްލައިޓެކެވެ.

މި އެއާލައިނުން ދަތުރު ފެށީ ރަޝިއާގައި ޓުއަ އޮޕަރޭޓަގެ ހިދުމަތްދޭ ދިވެހި ކުންފުންޏެއް ކަމަށްވާ ރިސޯޓް ލައިފާ ގުޅިގެންނެވެ. ފަތުރުވެރިކަމުގެ ދާއިރާގައި ރިސޯޓް ލައިފަކީ މިހާރު އެންމެ ކާމިޔާބު އެއް ކުންފުންޏެވެ.

ނޯޑްވިންޑުން ރާއްޖެ އަށް ދަތުރުތައް ފެށިއިރު، ރަޝިއާގެ ގައުމީ އެއާލައިން ކަމަށްވާ އެއިރޯފްލޯޓުން ވެސް ރާއްޖެ އަށް ސީދާ ދަތުރުތައް ކުރެއެވެ.

ރަޝިއާއަކީ ދެވަނަ އަށް އެންމެ ގިނަ އިން މިހާރު ފަތުރުވެރިން އަންނަ ގައުމެވެ. މި މަހުގެ 22 ގެ ނިޔަލަށް ރަޝިއާ އިން 214،232 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ. އެއީ މި އަހަރުގެ މިހާތަނަށް ރާއްޖެ އައި ޖުމްލަ ފަތުރުވެރިންގެ 16.9 އިންސައްތަ ފަތުރުވެރިންނެވެ.

މިދުވަސްވަރަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ޕީކް ސީޒަނަށް ވާއިރު ޓޫރިޒަމް މިނިސްޓްރީގެ އަމާޒަކީ މި އަހަރު 1.3 މިލިއަން ފަތުރުވެރިން ހަމަ ކުރުމެވެ. އެ އަމާޒަށް މާދަމާ ވާސިލްވެވޭނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން އުންމީދުކުރެއެވެ.