އައްޑޫސިޓީގައި ހިންގަމުން އަންނަ ކެނެރީފް ރިސޯޓް އަލުން ހުޅުވައިފިއެވެ.

ކޮވިޑް-19ގެ ސަބަބުން މާލީ ހާލާތު ދަށްވެ އެ ރިސޯޓު ބަންދު ކޮށްފައިވަނީ 2020 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ. އޭރު ރިސޯޓު ބަންދު ކުރުމުގެ ސަބަބުން އެތަނުގައި ވަޒީފާ އަދާ ކުރަމުން ދިޔަ އައްޑޫގެ ގިނަ ބައެއްގެ ވަޒީފާ ވަނީ ގެއްލިފައެވެ.

އައްޑޫ ކައިރި ރިސޯޓްތައް ބަންދުކޮށްފައި އޮންނަތާ އަހަރަކަށްވުރެ ގިނަ ދުވަސްވެފައިވާއިރު، އެ ތަންތަން ނުހުޅުވުމުގެ ސަބަބުން އެތަންތަނުގައި ވަޒީފާ އަދާ ކުރަމުންދިޔަ އައްޑޫ ގިނަ ރައްޔިތުންތަކެއް ޝަކުވާކޮށްފައި ވެއެވެ. އަދި އައްޑޫގެ ފަންނުވެރިންނާއި ދަނޑުވެރިންނަށްވެސް ގެއްލުންތަކެއް ވިއެެވެ.

އެ ރިސޯޓުން މިއަދު ނެރުނު ބަޔާާނެއްގައި ބުނީ، އެ ރިސޯޓް އަލުން ހުޅުވާފައި ވަނީ ބައެއް މަސައްކަތްތައްވެސް ކުރުމަށްފަހު ކަމަށެވެ. އަދި މިހާރުވެސް ބައެއް މަސައްކަތްތައް ދަނީ ކުރަމުންނެވެ.

މި ރިސޯޓަކީ 271 ކޮޓަރި ހުންނަ ރިސޯޓެެކެެވެ. އެ ރިސޯޓުން ބުނީ މިފަހަރު ހުޅުވަނީ އެރައިވެލް ޖެޓީ އާއި ރިސެޕްޝަންގެ އިރުމައްޗަށްވާ ގޮތަށް ހުންނަ 142 ކޮޓަރި ކަމަށެވެ.

އަދި މީގެ ތެރެއިން 140 ރޫމް ރިސޯޓް ލައިފް އިން ބުކްކޮށްފައިވާކަމަށްވެސް އެ ބަޔާނުގައި ވެއެވެ.

އެ ރިސޯޓުން ވަނީ ޓޫރިޒަމް މިނިސްޓްރީ އާއި ކަމާއި ގުޅުން ހުރި އިދާރާތަކަަށް އަލުން އެ ރިސޯޓް ހުޅުވުމަށް ވެދިން އެހީތެރިކަމަށް ޝުކުރު އަދާކޮށްފައެވެ.

މި ރިސޯޓް ހުޅުވަން އެ ކުންފުނިން ފުރަތަމަ ގަސްތުކޮށްފައި އޮތީ މި އަހަރުގެ އޭޕްރިލް މަސް ތެރޭގައެވެ. ރިސޯޓް ހުޅުވުމުގެ ކުރިން ރިސޯޓަށް މުވައްޒަފުންވެސް ނަގާފައިވާކަން ފާހަގަކޮށްލަން ޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަހުމަދު

    އަހަރެންނަކީ ތިތަނުގަ މަސައްކަތް ކުރާ މީހެއް. ދިވެހި ސްޓާފުންގެ 50 މީހުން ހަމަނުވާއިރު 80 އިންސައްތަ ސްޓާފުންނަކީ އިންޑިއާ ، ލަންކާ އަދި ބަންގާޅު މީހުން. ކުރިން ޑޮލަރުން ދެމުން އައި މުސާރަވެސް މިހާރު ދެނީ ދިވެހި ރުފިޔާއިން. އެކަމަކު ބޭރު މީހުނަށް ދެނީ ޑޮލަރުން. މީ ހަގީގަތް.