ރާއްޖެ އަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމެއްގެ ގޮތުގައި އޮތް ރަޝިޔާއިން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދުތައް ދަށަށް ދާން ފަށައިފިއެވެ.

މީގެ ކުރިން ރަޝިޔާއަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ އެއް ގައުމެވެ. މިހާރު އެ ގައުމުން އަންނަ ފަތުރުވެރިންގެ އަދަދުތައް ދަށްވެ، ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ލިސްޓްގެ ތިން ވަނަ އަށް އެ ގައުމު ވަނީ އަރާފައެވެ.

މިހާރު ރައްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަނީ އިނގިރޭސިވިލާތުންނެވެ. އެ ގައުމުން މިހާތަނަށް 65،683 ފަތުރުވެރިން އައިސްފައި ވެއެވެ އެ ލިސްޓުގެ ދެވަނައިގައި ވަނީ އިންޑިއާއެވެ. އިންޑިއާއިން މިހާތަނަށް ރާއްޖެ އައިސްފައި ވަނީ 54،532 މީހެކެވެ. އެ ލިސްޓުގެ ތިންވަނައިގައި މިހާރު އޮތީ ރަޝިޔާއެވެ. ރަޝިޔާއިން ރާއްޖެ އައިސްފައި ވަނީ، 53،716 މީހެކެވެ.

ރާއްޖެއަށް މި މަހުގެ 13 ވަނަ ދުަވަހާއި ހަމައަށް އައިސްފައި ވަނީ 498،235 މީހެކެވެ. މިއީ ފާއިތުވެދިޔަ ދެ އަހަރާއި އަޅާ ކިޔާއިރު، އިތުރު އަދަދެކެވެ. އެހެން ނަމަވެސް މިއީ 2019 ވަނަ އަހަރާ އަޅާކިޔާއިރު ދަށް އަދަދެކެވެ.

ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދުތައް ވަރަށް ބޮޑަށް މިހާރު ވަނީ އިތުރުވާން ފަށައިފައެވެ. އަދި ރާއްޖެ އަަންނަ ފަތުރުވެރިންގެ އަދަދުތައް އިތުރު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަންވެސް ފާހަގަކޮށްލަން ޖެހެއެވެ.