ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމް 2022 ގައި ބައިވެރިވުމަށް އެ ކުންފުނިން ހުޅުވާލައިފިއެވެ.

ދިރާގުގެ ހެޑް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެޕްރެންޓިސްޝިޕްއަށް ހުޅުވާލިއިރު، މި ޕްރޮގްރާމަކީ ދިރާގުގެ ސީއެސްއާރުގެ ދަށުން ގިނަ ޒުވާނުން ތަކެއް ވަޒީފާގެ މާހައުލައް އަހުލުވެރިކުރުވާ، ފަންނީ ހުނަރު ދަސްކޮށްދީ، ޒިންމާދާރު ބަޔަކަށް ހެދުމުގެ މަގުސަދުގައި އެ ކުންފުނިން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

މި އަހަރުގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ހުޅުވާލެވިފައިވަނީ މާލޭގެ އިތުރުން ޏ. ފުވައްމުލަށް، ބ. އޭދަފުށި، ލާމު އަތޮޅު އަދި ހދ. ކުޅުދުއްފުއްޓަށެެވެ.

އެ ރަށްތަކުގެ ދިރާގު އޮޕަރޭޝަން ސެންޓަރު މެދުވެރިކޮށް ޕްރޮގްރާމުގައި ބައިވެރިވެވޭނެ ކަމަށް ދިރާގުން ބުންޏެވެ.

ދިރާގުން މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ އޭ ލެވެލްއިން ފެށިގެން މަތީ ތައުލީމު ހާސިލްކޮށްފައިވާ އަދި ދާއިމީ ވަޒީފާއެއް އަދާކޮށްފައިނުވާ، އުމުރުން 18 އަހަރާއި 30 އަހަރާއި ދެމެދުގެ ދިވެހި ޒުވާނުންނަށެވެ.

މި ޕްރޮގްރާމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތައް ސީވީގެ އިތުރުން އެހެނިހެން ލިޔެކިޔުންތައް ހިފައިގެން މި މަހު ނުވަ ވަނަ ދުވަހުގެ މެންދުރު 2:00 އިން 4:00 އާ ދެމެދު ދިރާގުގެ ހެޑް އޮފީހުގައި އޮންނަ ވޯކް އިން އިންޓަވިއުގައި ބައިވެރިވުމަށް ދިރާގުން ވަނީ އެދިފައެވެ.

ދިރާގުން 2009 ވަނަ އަހަރުން ފެށިގެން ކުރިޔަށް ގެންދާ މި އެޕްރެންޓިސްޝިޕް ޕްރޮގްރާމް 228 އަށްވުރެ ގިނަ މިހާތަނަށް ތަމްރީން ކޮށްފައި ވެއެވެ. އޭގެ ތެރެއިން ބައެއް ޒުވާނުން މިހާރު އަންނަނީ ދިރާގުގެ އިތުރުން ބައެއް ކުންފުނިތަކުގައި ސީނިއާ ޕޯސްޓްތަކުގައި މަސައްކަތް ކުރަމުންކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު