އެސްޓީއޯ އިން "ތުއްތު ދަރިފުޅު"ގެ ނަމުގައި ކުޑަދަރިފުޅުގެ ހަޔާތުގެ ފުރަތަމަ ދުވަސްވަރު ދިމާވެދާނެ ކަންތައްތަކުގެ މައުލޫމާތު ހިމެނޭ ފޮތެއް ނެރެފިއެވެ.

އެސްޓީއޯއިން މިއަދު ލޯންޗްކޮށްފައިވާ އެ ފޮތަކީ ކުޑަދަރިފުޅުގެ ހަޔާތުގެ ފުރަތަމަ ދުވަސްވަރު ދިމާވެދާނެ ކަންތައްތަކާއި، އަދި އެކަންތައްތަކާ ގުޅިގެން އަމަލުކުރަންވީ ގޮތުގެ މައުލޫމާތު އެކުލެވޭނެހެން، އާއިލާތަކުގެ ހޭލުންތެރިކަން އިތުރުކޮށްދިނުމުގެ މަގުސަދުގައި ތައްޔާރުކޮށްފައިވާ ފޮތެކެވެ.

މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ފޮތް ލޯންްޗްކޮށްދެއްްވީ އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން އަމްރު އާއި ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު އަބްދުﷲ ނިޔާފެއެވެ.

އެސްޓީއޯގެ ތުއްތު ދަރިފުޅު ފޮތް ލޯންޗް ކުރުން - ފޮޓޯ: އެސްޓީއޯ

ތުއްތު ދަރިފުޅުގެ ހަޔާތުގެ ފުރަތަމަ 100 ދުވަހަށް ހާއްސަކޮށް ތައްޔާރު ކޮށްފައިވާ މި ފޮތާއި ގުޅޭގޮތުން އެސްޓީއޯއީން ބުނީ، މި ފޮތުގައި ހޮސްޕިޓަލުގައި ތުއްތު ދަރިފުޅު އުފަންވާ ވަގުތު ދެވޭ ފަރުވާއިން ފެށިގެން، ހޮސްޕިޓަލުން ދޫކޮށްލުމަށްފަހު ދަރިފުޅު ގެންގުޅުމުގައި ސަމާލުކަންދޭންޖެހޭ ކަންކަން ވަރަށް ތަފްސީލުކޮށް ބަޔާންކޮށްފައި ވާނެ ކަަމަށެވެ.

އެގޮތުން މި ފޮތުގައި، ދަރިފުޅަށް ގާތުން ދިނުމާއި ބެހޭގޮތުން އެންގެންޖެހޭ މުހިއްމު މައުލޫމާތުތަކާއި ފުރަތަމަ ދުވަސްކޮޅުގައި ދަރިފުޅުގެ ހެދިބޮޑުވުމަށް އަންނާނެ ތޮބީއީ ބަދަލުތަކުގެ ތަފްސީލު ހިމަނާފައި ވެއެވެ. މީގެ އިތުރުން، ފުރަތަމަ ދުވަސްކޮޅުގައި ދަރިފުޅުގެ ހަށިގަނޑު ތަޖުރިބާ ކުރާނެ ކަންތައްތަކާއި އަދި މި ކަންކަމުގައި އާއިލާއިން ކަންކުރަންވީ ގޮތް ލިޔެފައި ވެއެވެ. އަދި މަންމަ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ސަމާލުކަން ދޭންވީ ކަންކަންވެސް މި ފޮތުގައި ހިމަނާފައި ވެއެެވެ.

ޑރ. އަބްދުﷲ ނިޔާފް ގެ އެހީތެރިކަމާއެކު ތައްޔާރު ކުރި މި ފޮތުގައި، އަލަށް އުފަންވާ ދަރިފުޅުގެ އާއިލާއިން އާއްމު ކޮށް ކުރާ ސުވާލު ތަކާއި، އާއިލާތަކުން ސުވާލު އުފެދިދާނެކަމަށް ލަފާ ކުރެވޭ ވަރަށް ގިނަ ސުވާލާއި މި ސުވާލުތަކުގެ ޖަވާބު ހިމެނޭނެއެވެ.

މި ފޮތުގެ އެހީގައި ދަރިފުޅުގެ ހަޔާތުގެ ފުރަތަމަ ދުވަސްކޮޅުގައި ލިބެންޖެހޭ އެންމެ ފުރިހަމަ އަޅާލުން ދިނުމަށް އެކަށީގެންވާ މައުލޫމާތު އާއިލާތަކަށް ލިބޭނެއެވެ.

ކުރިޔައްއޮތް ތަނުގައި، އެސްޓީއޯއިން އަލަށް އުފަންވާ ކުދިންނަށް ދެވޭ ހަދިޔާ ގެ ތެރޭގައި "ތުއްތު ދަރިފުޅު" މި ފޮތް ހިމެނޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު