މާލެ ސަރަހައްދުގައި ތަރައްގީ ކުރަމުން އަންނަ ކުޑަގިރި ޕިކްނިކް އައިލެންޑަށް ފެރީ ދަތުރުކޮށްދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފި އެވެ.

ހައުސިން ޑިވޮލޮޕްމަންޓް ކޯޕަރޭޝަނުން އިއްޔެ ކުރި އިއުލާނެއްގައި ބުނީ އެ ކުންފުނިން ބޭނުންވަނީ ކުޑަގިރިއާ ދެމެދު ދަތުރުކޮށްދޭން ހަތަރު ފެރީ ކަމަށެވެ.

އެގޮތުން 50 އާއި 70 މީހުންނަށް ދަތުރުކުރެވޭ ދެ ފެރީއާއި އަދި 80 އާއި 100 މީހުންނަށް ދަތުރުކުރެވޭ ދެ ފެރީ ކަމަށެވެ.

އެ ފެރީއިން މާލެއިން ކުޑަ ގިރިއަށް ދަތުރުތައް ދާނީ ހެނދުނު ހަޔަކުން ހަތަކާ ދެމެދު އެވެ. އަދި ކުޑަގިރިން މާލެއަށް އަންނާނީ ހަވީރު ފަހަކުން ހަޔަކަށެވެ.

ކުޑަ ގިރި ހުޅުވަން އެންމެ ފުރަތަމަ ތާވަލުކުރީ މި އަހަރުގެ މިނިވަން ދުވަހާ ދިމާކޮށެވެ. ނަމަވެސް އޭގެ ފަހުން މިދިޔަ މަހު އެތަން ހުޅުވާނެކަމަށް ސަރުކާރުން ބުނި ނަމަވެސް ނުހުޅުވުނެވެ.

މާލެ ސަރަހައްދުގައި ދިރިއުޅޭ މީހުން ދަތުރުދާނެ ރަށެއް ކަނޑައެޅުމަކީ މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދެކެވެ. މި ވައުދު ފުއްދުމަށްޓަކައި 2019 ވަނަ އަހަރުގެ އޭޕްރީލް މަހު ސަރުކާރުން ވަނީ އެ މަޝްރޫއު އިފްތިތާހްކޮށްފައެވެ. ސަރުކާރުން އޭރު ނިންމީ ކ. އެނބޫދޫފަޅުން ރަށެއް އެކަމަށް ހާއްސަކޮށް ކުރާށެވެ.

ކުޑަގިރީގައި ބާބަކިއު ހެދޭނެ ތަންތަނާއި ކުޑަކުދިންނަށް ހާއްސަ ކުޅިވަރު ކުޅޭނެ ތަންތަނާއި އާއިލާއާއެކު ތިބެވޭނެ ކޮޓަރިތަކާއި އަވަސް ފަރުވާދޭ ކޮޓަރިއެއް ހެދުމަށް ވެސް ސަރުކާރުން ރާވާފައިވެއެވެ.