މިދިޔަ އަހަރާއި އަޅާކިޔާއިރު، މި އަހަރު މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު އިތުރުވެއްޖެއެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ އެެއް ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެ އައިސްފައި ވަނީ 1.3 މިލިއަން ފަތުރުވެރިންނެވެ. އެހެން ނަމަވެސް މި އަހަރު މި މުއްދަތުގައި ރާއްޖެ އައި ފަތުރުވެރިންގެ އަދަދުތައް ވަނީ 1.4 މިލިއަން ފަހަނައަޅާ ގޮސްފައެވެ.

މި އަހަރު ރާއްޖެއަށް 1.6 މިލިއަން ފަތުރުވެރިން ގެނައުމަށް ޓާގެޓް ކޮށްފައި ވެއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރު އެންމެ ގިނަ ފަތުރުވެރިން އައީ އޮކްޓޫބަރު މަހުގެ ތެރޭގައެވެ. އެ މަހުގައި ރާއްޖެއަށް 153,737 ފަތުރުވެރިން ވަނީ ރާއްޖެއަށް އައިސްފައެވެ. ދެ ވަނައަށް 150,748 ފަތުރުވެރިން އައިސްފައި ވަނީ މާޗް މަހުގެ ތެރޭގައެވެ.

ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ މަންޒިލެއްގެ ގޮތުގައި މިއަހަރު އޮތީ އިންޑިއާއެވެ. އެގޮތުން އެ ގައުމުން މި އަހަރުގެ މިހާތަނަށް 209,725 ފަތުރުވެރިން އައިއިރު، ދެވަނަ އަށް 182،337 ފަތުރުވެރިންނާއި އެކީ ދެވަނައަށް އޮތީ ރަޝިއާއެވެ. ތިން ވަނައިގައި އިނގިރޭސިވިލާތް އޮތްއިރު، ހަތަރު ވަނައިގައި އޮތީ ޖަރުމަންވިލާތެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖޭގައި މިވަގުތު 170 ރިސޯޓެއް ހިންގަމުން ދެއެވެ. އަދި 675 ހޮޓަލަކާއި، ގެސްޓް ހައުސްއެއް އޮޕަރޭޝަނަށް ގެނެސްފައިވާއިރު، 157 ސަފާރީ އޮޕަރޭޝަނަށް ގެެނެސްފައި ވެއެވެ.

މިވަގުތު ރާއްޖެއަށް 32 ފްލައިޓަކުން ދަތުރު ކުރަމުންދާކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު