ބައިނަލްއަގްވާމީ ގޮތުން ފާހަގަކުރާ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހުގެ މުނާސަބަތުގައި ދިރާގާއި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޕާސަންސްވިތް ޑިސްއެބިލިޓީސް (އެމްއޭޕީޑީ) ގުޅިގެން ކުޅުދުއްފުށީ ސިޓީގައި ހާއްސަ ހަރަކާތްތަކެއް ބާއްވައިފިއެވެ.

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ގުޅިގެން ކުރިއަށް ގެންދިޔަ މި ހަރަކާތްތަކުގައި ހެލްތްއެންޑް ވެލްނެސް ކޭމްޕަކާއި ރާއްޖޭގެ ފުރަތަމަ ގައުމީ ޕެރަލިމްޕިކް ދުވަސް ފާހަގަކުރުމުގެ ގޮތުން އިންކްލޫސިވް ސްޕޯޓްސް ފެސްޓިވަލެއް ވަނީ ކުރިއަށްގެންގޮސްފައެވެ.

ދިރާގާއި އެމްއޭޕީޑީ ގުޅިގެން ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަސް ފާހަގަ ކުރުން - ފޮޓޯ: ދިރާގު

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ގުޅިގެންކުރިއަށް ގެންދިޔަ ހެލްތް އެންޑް ވެލްނެސް ކޭމްޕްގައި މެޑިކަލް ސްކްރީން ކުރުމާއި ތެރަޕީ އަދި ހޭލުންތެރިކުރުމުގެ ސެޝަންތައް ކުރިއަށް ގެންގޮސްފައިވެއެވެ. މިކޮންސަލްޓޭޝަންތައް ފޯރުކޮށްދީފައިވަނީ ބައިނަލްއަގްވާމީ އަދި ލޯކަލް ސްޕެޝަލިސްޓުންގެ ޓީމަކުންނެވެ. މީގެ ތެރޭގައި ސްޕީޗް އެންޑް ހިއަރިންތެރަޕިސްޓުންނާއި އޮކިއުޕޭޝަނަލް އެންޑް ބިހޭވިއަރ ތެރަޕިސްޓުންނާއި ޑެންޓިސްޓުންނާއި ޕީޑިއެޓްރިކް އޯތޮޕީޑިކް ތެރެޕިސްޓްސް އަދިފިޒިއޮތެރަޕިސްޓުން ހިމެނެއެވެ. މި ކޭމްޕްގައި 200 އަށްވުރެ ގިނަ ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި ފަރާތްތައް ވަނީ ބައިވެރިވެފައިވެއެވެ.

ދިވެހިރާއްޖޭގެ ފުރަތަމަ ޤައުމީ ޕެރަލިމްޕިކް ދުވަސް އިފްތިތާހުކުރުމަށް ބޭއްވި ޚާއްސަ ހަފްލާއާއި އިންކްލޫސިވް ސްޕޯޓްސް ހަވީރު ފައްޓަވާ ދެއްވީ ކުޅުދުއްފުށީސިޓީގެ މޭޔަރު މުހައްމަދު އާތިފްއެވެ. މި އިންކްލޫސިވް ފެސްޓިވަލްގައި ކުޅުދުއްފުށި ސިޓީގެ 90 އަށްވުރެ ގިނަ ކުދިން ވަނީ ބައިވެރިވެފައެވެ.

ދިރާގާއި އެމްއޭޕީޑީ ގުޅިގެން ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަސް ފާހަގަ ކުރުން - ފޮޓޯ: ދިރާގު

މި އިވެންޓް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްއޭޕީޑީގެ ޗެއަރޕާސަން އަހުމަދު މުޙައްމަދު ވަނީ ދިރާގަށް ޝުކުރު އަދާކުރައްވައި 2011 ވަނަ އަހަރުން ފެށިގެން ދިރާގު ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލްތަކުން ނުކުޅެދިންކަން ހުންނަ ފަރާތްތަކަށް ޕްލެޓްފޯމެއް ހޯދައިދިނުމުގައި މުހިންމުދައުރެއް އަދާކޮށްފައިވާކަން ފާހަގަކުރައްވާފައެވެ.

އަދި މޯލްޑިވްސް ޕެރަލިމްޕިކްކޮމިޓީ އުފެދުމާއެކު ދިރާގު ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލްގައި ގިނައަހަރުތަކެއް ވަންދެން ގަވައިދުން ބައިވެރިވި ބައެއް ކުދިންނަށް ބައިނަލްއަގްވާމީ ޕެރަލިމްޕިކް ކުޅިވަރުތަކުގައި ބައިވެރިވުމުގެ ޔަގީންކަމާއި އިތުބާރު ލިބިފައިވާކަންވެސް އޭނާ ވިދާޅުވިއެވެ.

ދިރާގުގެ މެނޭޖަރ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ ބިޝާރާ ހަމީދު ވިދާޅުވިގޮތުގައި ކުޅުދުއްފުށީ ސިޓީގައި ބައިނަލްއަގްވާމީ ގޮތުން ފާހަގަކުރާ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހުގެ ހަރަކާތްތަކަށް ދިރާގުން ސަޕޯޓުކުރުމަކީ އެކުންފުންޏަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

އަދި މުޖުތަމައުތައް ބާރުވެރިކުރުވާ، މުޖުތަމައުގެ އެންމެން ޝާމިލުވާ ގޮތަށް މިފަދަ ސީއެސްއާ ރުޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށް އިސްކަންދޭން ބޭނުންވާކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

ދިރާގުގެ ސީއެސްއާރު ޕްރޮގްރާމްގެ ދަށުން ކުޑަކުދިންނާއި ޒުވާނުންން ބާރުވެރިކުރުމަށް ވަރަށް ބޮޑު ސަމާލުކަމެއް ދެއެވެ. އަދި އެ ކުންފުނިން ދަނީ އެކި އެންޖީއޯ ތަކާ ގުޅިގެން ތަފާތު ޕްރޮގްރާމްތަކަށް އެއްބާރުލުން ދެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު