ސަން ސިޔާމް މީޑިއާގެ ދަށުން ހިންގަމުން އަންނަ އެސްއެސްނެޓް ކޯލް ސެންޓަރު ގާއިމުކޮށްފިއެވެ.

އެސްއެސްނެޓަކީ ރާއްޖެ އަށް ކޭބަލް ޓީވީގެ ހިދުމަތް ފޯރުކޮށް ދިނުމަށް ތައްޔާރުވަމުން އަންނަ ކުންފުންޏެވެ. އެސްއެސްނެޓްގެ ކޯލް ސެންޓަރަށް ގުޅޭނެ ނަންބަރަކީ 1633އެވެ.

ސަން މީޑިއާގެ ސީއީއޯ މުހައްމަދު އާސިފް (މޮންދު) މިއަދު ވިދާޅުވީ އެ ނަންބަރަށް ގުޅައިގެން މި ހިދުމަތާ ގުޅުން ހުރި މައުލޫމާތު ސާފު ކުރެވޭނެ ކަމަށެވެ.

މުންދު ވިދާޅުވި ގޮތުގައި އެ ކޯލް ސެންޓަރުގެ ހިދުމަތް ދޭނީ ހެނދުނު 9:00 އިން ރޭގަނޑު 9:00 އަށެވެ.

ދިރާގު ޓީވީން ލިބޭ ހިދުމަތްތައް އެސްއެސްނެޓުން ފޯރުކޮށްދިނުމަށް ތައްޔާރުވާ އިރު، މޮންދު ވިދާޅުވީ ދިރާގު ޓީވީން ލިބޭ ބައެއް ޗެނަލްތައް އުނިވެފައި، ބައެއް އާ ޗެނަލްތައް ތައާރަފްވުމަކީ އެކަށީގެންވާ ކަމަށެވެ.

"ޖެނުއަރީ 15 އިން ފެށިގެން ދިރާގުޓީވީގެ ކަސްޓަމަރުންނަށް އެސްއެސްނެޓަށް ބަދަލުވުމުގެ ފުރުސަތު ފަހިކޮށްދޭނެ. އެކަން ވަރަށް ފަސޭހައިން ކުރެވި، އެއްވެސް ތަކުލީފެއް އުފުލަން ނުޖެހި ބަދަލު ވެވޭނެ ގޮތް މަގުފަހިކޮށްދޭނަން. އަދި ރަޖިސްޓްރީކޮށްފައިވާ ދިރާގުޓީވީގެ މިހާރުގެ ކަސްޓަމަރުންގެ ފޯނަށް މެސެޖެއް ދާނެ. އެ މެސެޖްގައިވާ ލިންކުން ފަސޭހައިން ވަދެވޭނެ." މޮންދު ވިދާޅުވިއެވެ.

ދިރާގު ޓީވީ ކަސްޓަމަރުންގެ އިތުރުން މި ހިދުމަތް ބޭނުންވާ އެހެނިހެން ފަރާތްތަކަށްވެސް ލުއިފަސޭހަ ގޮތްތަކެއް ފަހިކޮށް ދެއްވާނެ ކަމަށް މޮންދު ވިދާޅުވިއެވެެ. އެގޮތުން ދުރާލާ ތައްޔާރުވުމަށްޓަކައި ސާވޭއެއްގެ އެހީގައި ކަސްޓަމަރުންގެ ފަރާތުން މައުލޫމާތު ސާފުކުރާނެ ކަމަށާއި އެ ފަރާތްތަކަށް ކަނޑައެޅިފައިވާ މުއްދަތެއްގައި ހިދުމަތް ގުޅާދެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެސްއެސްނެޓްގެ ޓީވީ ހިދުމަތް ރަސްމީކޮށް އިފްތިތާހު ކުރާނީ ފެބްރުއަރީ 1 ގައެވެ. އެސްއެސްނެޓްގެ ހިދުމަތް ކާމިޔާބުކަމާއި އެކީ ރާއްޖެއަށް ފުޅާވުމާއެކު، ކަސްޓަމަރުންނަށް ޚާއްސަ އިނާޔަތްތަކާއި ޕްރޮމޯޝަންތައް ހުުޅުވާލުމަށް ވެސް ހަމަޖެހިފައިވެއެވެ.