ފަތުރުވެރިކަމުގެ ކުދި ވިޔަފާރިތަކަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ދިން އެހީތެރިކަމުގެ ތެރެއިން 1.49 މިލިއަން ޔޫރޯ ނުވަތަ ގާތްގަނޑަކަށް 25 މިލިއަން ދިވެހި ރުފިޔާއާ ގާތްކުރާ އަދަދަކަށް ދޫކުރެވިފައިވާ ކަމަށް މޯލްޑިވްސް ފަންޑް މެނޭޖްމެންޓް ކޯޕަރޭޝަނުން ހާމަކޮށްފިއެވެ.

ރާއްޖެއަށް ކުރިމަތިވި އެންމެ ބޮޑު ޕެންޑަމިކް (ކޮވިޑަ-19) ގެ ސަބަބުން ފަތުރުވެރިކަމަށް އައި ހީނަރުކަމުން އަރައިގަތުމަށްޓަކައި އީޔޫއިން ރާއްޖެއަށް ވަނީ އެހީދީފައެވެ. މޯލްޑިވްސް ފަންޑް މެނޭޖްމެންޓް ކޯޕަރޭޝަނުން ބުނާގޮތުން އޭގެތެރެއިން 1.4 މިލިއަން ޔޫރޯ ނުވަތަ ގާތްގަނޑަކަށް 25 މިލިއަން ދިވެހި ރުފިޔާ ވަނީ ފަތުރުވެރިކަމުގެ ކުދި ވިޔަފާރިތަކަށް ދޫކުރެވިފައެވެ.

މި ޕްރޮޖެކްޓުގެ މައިގަނޑު މަގުސަދަކީ ދިވެހިރާއްޖޭގައި ވިލުންވެރި އަދި ސިންދަފާތު ކުރެވިފައިވާ އިގްތިސާދެއް ބިނާކުރުމަށް މަގުފަހިކުރުމެވެ.

އެ ކޯޕަރޭޝަނުން ހާމަކުރި ގޮތުގައި މިއެހީއަށް އެދުމުގެ މުއްދަތު މިވަނީ މިއަދުގެ ނިޔަލަށް ހަމަވެފައެވެ. އަދި ހޯމަ ދުވަހުގެ ނިޔަލަށް އެހީގެ ގޮތުގައި ޖުމްލަ 14.9 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް އެމްއެފްސީން ވަނީ ހާމަކޮށްފައެވެ. މިއީ ގާތްގަނޑަކަށް 1 މިލިއަން ޔޫރޯއެވެ.

އެގޮތުން އެހީދެވުނު ވިޔަފާރިތަކަކީ 332 ގެސްޓް ހައުސްއާއި، 65 ސަފާރީ އުޅަނދަށެވެ. މިއެހީ ދޫކޮށްފައިވަނީ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތެރިވާ ކުދި، %100 ދިވެހި ވިޔަފާރިތަކަށެވެ.

އީޔޫން މި ޕްރޮޖެކްޓަށް ޖުމްލަ 2 މިލިއަން ޔޫރޯ ކަނޑައަޅާފައިވެއެވެ. އޭގެ ތެރެއިން ވިޔަފާރިތަކަށް ދޫކުރުމަށް ހަމަޖެހިފައިވަނީ 1.4 މިލިއަން ޔޫރޯއެވެ. ބާކީ 600،000 ޔޫރޯ ހަރަދު ކުރުމަށް ހަމަޖެހިފައިވަނީ މި ދާއިރާގެ ފަންނީ ޤާބިލުކަން އިތުރު ކުރުމުގެ ޕްރޮގްރާމްތަށް ހިންގުމަށެވެ.