ތިމާވެށި ސާފުކޮށް ބޭއްވުމަށް އާބަންކޯއިން ލޯންޗުކޮށްފައިވާ ދުނިޔެ މަގޭ ބްރޭންޑުގެ ދަށުން ކްލީން އަޕް ޗެލެންޖެއް ތައާރަފްކޮށްފިއެވެ.

އާބަންކޯއިން ބުނެފައި ވަނީ މި ޗެލެންޖު ތައާރަފްކޮށްފައި ވަނީ މިދިޔަ ހޮނިހިރު ދުވަހު އަރބަންކޯއިން ހުޅުމާލޭގައި ބޭއްވި ސާފު ހުޅުމާލެ މެގާ ކްލީން އަޕް އިވެންޓުގައި ކަމަށެވެ.

އެ ޗެލެންޖުގައި ބައިވެރިވާ ކޮންމެ ކުންފުންޏަކުން ވެސް އެއް މަސްދުވަސް ތެރޭގައި އެއް މެގަ ކްލީން އަޕް އިވެންޓު ބޭއްވުމަށް ފަހު އެހެން މުއައްސަސާއަކަށް ޗެލެންޖު ކުރުމަށް އާބަންކޯއިން ބުނެފައި ވެއެވެ. އެ ކުންފުނިން ހޮނިހިރު ދުވަހު ބޭއްވި އިވެންޓަށް ފަހު ޗެލެންޖުކޮށްފައިވާނީ ސްޓެލްކޯއަށެވެ.

އާބަންކޯއިން ބުނީ އެ ޗެލެންޖުގެ ރަމްޒެއްގެ ގޮތުގައި ކޮންމެ ކުންފުންޏަކުން ވެސް ސާފުކުރާ އިވެންޓަށް ފަހު އެ ފަރާތަކުން ޗެލެންޖުކުރާ އިދާރާއަކަށް ރަމްޒީ މަޝަންދަތި އަރުވަން ޖެހޭނެ ކަމަށެވެ.

މިއަދުގެ އިވެންޓު ނިންމާލުމަށް ބޭއްވި ރައްމިއްޔާތުގައި އާބަންކޯގެ ފަރާތުން ވާނީ ރަމްޒީ މަޝަންދަތީގެ ފިލާ ސްޓެލްކޯއަށް އަރުވާފައި ކަމަށެވެ.

އެ ޗެލެންޖުގެ މައިގަނޑު މަގްސަދަކީ ހުޅުމާލެ ސާފުކުރުމަށް އާބަންކޯއިން ކުރިއަށްގެންދިޔަ އެ ހަރަކާތަކީ ދެމެހެއްޓެނިވި ގޮތެއްގައި މުޅި ރާއްޖެ އަށް ފުޅާކޮށްގެން ކުރިއަށްގެންދެވޭ ބޮޑު ހަރަކާތަކަށް ހެދުން ކަމަށް އެ ކުންފުނިން ބުނެ އެވެ. އަދި ދުނިޔޭގެ ދިމާވެށި ރައްކާތެރިކޮށް ސާފުތަނެއްގެ ގޮތުގައި ދެމެހެއްޓުމަށް ބާރު އެޅުން ކަމަށެވެ.