މާލެ ސަރަހައްދުގައި ޕިކްނިކް އައިލެންޑެއް ވަކިން ހިއްކާ، "ކުޑަގިރީ"ގެ ނަމުގައި އާއްމުންނަށް ހުޅުވާލިތާ މާ ގިނަ ދުވަހެއް ނުވަނީސް އެތަނަކީ ބޮޑެތި އިވެންޓްތައް ބާއްވާ ތަނެއްގެ ގޮތުގައިވެސް މަގުބޫލު ވެގެން ގޮސްފައިވާ ކަމަށް އަރބަންއިން ބުނެފިއެވެ.

އަރބަން ގެޓްއަވޭއެއްގެ ގޮތުގައި ތަރައްގީކޮށްފައިވާ ކުޑަގިރި އާންމުންނަށް ހުޅުވާލައި އެތަނުގެ ހިތްގައިމު ކަމާއި ތަފާތު މާހައުލުގެ އުފާވެރިކަން އާންމުން ހޯދަމުން އަންނަތާ މިހާރު 4 މަސް ވެއްޖެއެވެ.

މިތަންވެފައި ވަނީ ހަފްތާ ބަންދުތަކުގައި އާއިލާތަކާއި ރަހުމަތްތެރިންގެ ގްރޫޕްތައް ގޮސް މަޖާ ކުރާ ތަނެއްގެ ގޮތުގައެވެ. އެގޮތުން ޓެންޓުތަކާއި އަށިތައް ފުރާލާއިރު، ރޭގަނޑު ގަޑީގެ ބާބަކިއުތަކާއި ބީޗް ޑިނަރ ތަކަށް ވެސް އެތަނަށް ދާ މީހުން ވަކި މަދެއް ނޫނެވެ.

މިއާއެކު އާންމުނަށް ދަތުރު ގޮސް އުޅެވޭނެ ހިތްގައިމު މާހައުލަކަށް ކުޑަގިރި ވެގެން ގޮސްފައިވެއެވެ.

މިތަން ތަރައްގީ ކޮށްފައި ވަނީ ގިނަ ވަސީލަތްތަކާއި ފަސޭހަތަކާއި އެކު ޕްލޭން ކުރެވިގެންނެވެ. ކުޑަގިރި ބަލަހައްޓަމުން ގެންދާ އަރބަންކޯ އިން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ، ކުޑަގިރިން ލިބިދޭ ހިދުމަތްތައް އިތުރުކޮށް، ފެންވަރު އިތުރަށް ރަނގަޅު ކުރުމަށެވެ.

މިގޮތުން ކުޑަގިރި އަކީ ހަފްލާތަކާއި، ޕާޓި އަދި ކޯޕަރޭޓް އިވެންޓުތައް ބޭއްވުމަށް ވެސް ދެވަނައެއް ނެތް ތަނެކެވެ.

އަރބަންކޯއިން ހިއްސާ ކުރި މައުލޫމާތަށް ބަލާއިރު، ކުޑަގިރި ހުޅުވައިގެން މިވީ ކުޑަ ދުވަސްކޮޅު ތެރޭގައި ވެސް ރާއްޖޭގައި ހިންގަމުން އަންނަ ގިނަ ކުންފުނިތަކުގެ ހަފްލާތަކާއި އަހަރީ ޖަލްސާ ފަދަ ބޮޑެތި އިވެންޓުތައް ވަނީ ބާއްވާފައެވެ. އެގޮތުން މިވީ 4 މަސް ތެރޭގައި ޖުމްލަ 10 ބޮޑު ކޯޕަރޭޓް އިވެންޓު ކުޑަގިރީގައި ވަނީ ބާއްވާފައެވެ. އޭގެ ތެރޭގައި މި ކުންފުނީގެ އަހަރީ އިވެންޓާއި، ދިރާގު އަދި ވެމްކޯގެ އަހަރީ އިވެންޓުގެ އިތުރަށް އަންހެނުންގެ ދުވަސް ފާހަގަކުރުމަށް ބޭއްވި އިވެންޓަކާއި، މި ނޫން ވެސް އެކި ކުންފުނިތަކުގެ ޓީމް ބިލްޑިންގ އިވެންޓުތައް ވެސް ހިމެނެއެވެ.

އަރބަންކޯއިން ބުނީ ބޮޑެތި ކޯޕަރޭޓް އިވެންޓުތަކަށް ކުޑަގިރިން ފުރުސަތު ހުޅުވާލާފައިވާއިރު، މިފަދަ އިވެންޓުތައް ބޭއްވުމަށް ކުޑަގިރީގެ އިވެންޓް ސްޕޭސްގެ އިތުރަށް ގިނަ އެހެން ހިދުމަތްތައް ވެސް ފޯރުކޮށްދޭނެ ކަމަށެވެ. އޭގެ ތެރޭގައި އިވެންޓް ޕްރޮޑަކްޝަން އިން ފެށިގެން ގޮސް ސެޓަޕް އާއި އިވެންޓަށް ބޭނުންވާ މިފަދަ ހުރިހާ ބޮޑެތި ޚިދުމަތްތައް ހިމެނެއެވެ.

ކުޑަގިރީގެ މައިގަނޑު ޓާގެޓަކީ މާލެ ސަރަހައްދުގައި ދިރިއުޅޭ އާންމުންނާއި، އާއިލާތަކަށް ހިތްގައުމު މާހައުލެއް ފޯރުކޮށްދިނުމެވެ،. އަދި އިވެންޓުތައް ބޭއްވުމުގެ ފުރުސަތު އެ ފަރާތްތަކަށްވސް ފުރުސަތު އޮންނާނެއެވެ. އެގޮތުން އުފަންދުވަހުގެ ޕާޓީތަކާއި، އެކި ކަހަލަ އާއިލީ އެއްވުންތަކަށް ވެސް ކުޑަގިރި ބުކް ކޮށް، އިވެންޓް ސްޕޭސް އެއްގެ ގޮތުގައި ވެސް ބޭނުންކުރެވޭނެއެވެ.

އިވެންޓުތައް ބާއްވަން ބޭނުންވާ ފަރާތަށް އެކަމަށްޓަކައި ބޭނުންވާ ޓްރާންސްޕޯޓް ޚިދުމަތާއި އެހެނިހެން ވެސް ޚިދުމަތްތައް އެ ފަރާތްތަކަށް ލިބިގެންދާނެއެވެ.

ކުޑަގިރީގައި އިވެންޓުތައް ބާއްވަން ބޭނުންވާ ފަރާތްތަކުން [email protected] އަށް މެއިލް ކޮށްގެން ބުކް ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.