ރާއްޖޭގައި ފަސޭހަ، އަވަސް، އަދި ރައްކާތެރި ޕޭމަންޓް ޚިދުމަތެއް ފޯރުކޮށްދިނުމަށް މަގުފަހިކުރުމުގެ ގޮތުން މޯލްޑިވެސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ކުރިޔަށް ގެންދާމޯލްޑިވްސް ޕޭމަންޓް ސިސްޓަމް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ދަށުން ގާއިމްކޮށްފައިވާ އިންސްޓަންޓް ޕޭމަންޓް ސިސްޓަމްގެ ހިދުމަތް އިފްތިތާހް ކޮށްފިއެވެ.

ރޭ ކްރޮސްރޯޑްސް މޯލްޑިވްސްގައި ބޭއްވި ރަސްމިއްޔާތެއްގައި، 'ފަވަރަ'އިގެ ނަމުގައި މި ސިސްޓަމްގެ ހިދުމަތްތައް އިފްތިތާހު ކޮށްދެއްވާފައިވަނީ ނައިބު ރައީސް ފައސަަލް ނަސީމެވެ.

ފަވަރައިން ޚިދުމަތް ދިނުމުގެ ފުރަތަމަ މަރުހަލާގެ ބައިވެރިންގެ ގޮތުގައި ހިމެނެނީ ތިން ބޭންކެކެވެ. އެއީ ބޭންކް އޮފް މޯލްޑިވްސް، މޯލްޑިވްސް އިސްލާމިކް ބޭންކްގެ އިތުރުން، ސްޓޭޓް ބޭންކް އޮފް އިންޑިއާއެވެ.

އެހެންކަމުން މި ވަގުތު މި ޚިދުމަތް ލިބޭނީ މި 3 ބޭންކުގެ މެދުގައި ހިންގާ މުޢާމަލާތްތަކަށެވެ.

ރާއްޖޭގެ އިންސްޓަންޓް ޕޭމަންޓް ސިސްޓަމް "ފަވަރަ" ލޯންޗް ކުރުން - ފޮޓޯ: އެމްއެމްއޭ

އެމްއެމްއޭ އިން ވިދާޅުވީ އަހަރުގެ ކޮންމެ ދުވަހަކު 24 ގަޑިއިރު މެދުނުކެނޑި ޕޭމަންޓް ޚިދުމަތްދެވޭ ގޮތަށް ފަރުމާކޮށްފައިވާ މި ސިސްޓަމުން ކޮންމެ ބޭންކެއްގައި އެކައުންޓު އޮތްކަމުގައި ވީނަމެސް، އެއް އެކައުންޓުން އަނެއް އެކައުންޓަށް ކުރާ މުޢާމާލާތްތަކުގެ ފައިސާ ވަގުތުން ވަގުތަށް ކަސްޓަމަރުންނަށް ލިބިގެންދާނެ ކަަމަށެވެ.

އަދި މީގެ އިތުރުން ފަވަރަ އައިޑީ އަދި ފަވަރަ ރިކުއެސްޓްގެ ނަމުގައި ރާއްޖެއަށް މުޅިން އަލަށް ދެ ޚިދުމަތެއް ތައާރަފް ކުރެވިފައިވާ ކަމަށްވެސް އެމްއެމްއޭ އިން ވިދާޅުވިއެވެ.

ފަވަރަ އައިޑީން ޕޭމަންޓް ހެދުމަށް އެކައުންޓް ނަންބަރު ބޭނުންކުރުމުގެ ބަދަލުގައި ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ފަދަ ހަނދާނުގައި ބަހައްޓަންފަސޭހަ އައިޑީ އެއް ބޭނުންކޮށްގެން ފަސޭހަކަމާއެކު އެކަކު އަނެކަކަށް ފައިސާފޮނުވާލުމުގެ މަގު ފަހިކޮށްދޭނެއެވެ އަދި ފަވަރަ ރިކުއެސްޓުން، ފައިސާ ލިބެންވާ ފަރާތުން ފައިސާ ދައްކަންޖެހޭ ފަރާތަށް ޕޭމަންޓް ރިކުއެސްޓެއް ފޮނުވާލެވެއެވެ. މި ހިދުމަތުން ވަކިވަކި ފަރުދުންނަށް ވެސް އެކި ފަރާތްތަކުގެ މެދުގައި ފައިސާއަށް އެދި ރިކުއެސްޓު ފޮނުވެއެވެ. އަދި ވިޔަފާރިތަކަށް ވެސް ކަސްޓަމަރުންގެ އަތުން ފައިސާ ބަލައިގަތުގުމުގައި ފަސޭހަތަކެއް ލިބިގެންދާނެއެވެ.

ފަވަރަ މެދުވެރިކޮށް ދެވޭ ހުރިހާ ހިދުމަތްތަކެއް ވެސް ކަސްޓަމަރުންނާއި ހަމަޔަށް ފޯރުކޮށްދޭނީ އެ ފަރާތަކުން އެކައުންޓް ނުވަތަ ވޮލެޓް ހުޅުވާފައިވާ ބޭންކުތަކާއި ޕޭމަންޓް ހިދުމަތްދޭ ފަރާތްތަކުންނެވެ. އެގޮތުން އެ ފަރާތްތަކުގެ އިންޓަނެޓް ބޭންކިންގ އަދި މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ހުރިހާ ހިދުމަތެއް ވެސް ލިބޭނެއެވެ. ފަވަރައިގެ ޚިދުމަތް ފަށާފައިވާއިރު މި ވަގުތު ފަވަރަ ޓްރާންސްފަރ އެއް ކުރެވޭނެ އެންމެ މަތީ އަދަދު ކަމުގައި ކަނޑައަޅާފައިވަނީ 50،000 ރުފިޔާއެވެ. އަދި ފަވަރަ ރިކުއެސްޓެއް ފޮނުވޭނެ އެންމެ މަތީ އަދަދަކީ 5،000 ރުފިޔާއެވެ.

ފަވަރަ އައިޑީ އަދި ފަވަރަ ރިކުއެސްޓްގެ ޚިދުމަތް އެއް ބޭންކެއްގެ އެކައުންޓްތަކުގެ މެދުގައްޔާއި ދެ ބޭންކެއްގެ ދެމެދުގައި ކުރާ ހުރިހާ މުއާމަލާތްތަކަށް ލިބިގެންދާނެއެވެ. އެހެންނަމަވެސް ބީއެމްއެކް ކަސްޓަމަރުންނަށް އެ ބޭންކުގެ އެއް އެކައުންޓުން އަނެއް އެކައުންޓަށް ކުރާ މުއާމަލާތްތަކުގައި ފަވަރަ ރިކުއެސްޓްގެ ޚިދުމަތް ނުދިނުމަށް އެ ބޭންކުން ވަނީ ނިންމާފައެވެ.

އެމްއެމްއޭ އިން ވިދާޅުވީ، ފަވަރައިގެ ޚިދުމަތްތައް ތިން ބޭންކާއެކު ފެށިކަމުގައިވީ ނަމަވެސް، ކައިރި މުސްތަގުބަލެއްގައިހިރާއްޖޭގެ ހުރިހާ ބޭންކުތަކުން ވެސް މި ސިސްޓަމާ ގުޅުމަށްޓަކައި ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ވެސް ވަމުންދާ ކަމަށެވެ.

އަދި ފަވަރަ މެދުވެރިކޮށް ކަސްޓަމަރުންނަށް ޒަމާނީ އަދި އީޖާދީ އުފެއްދުންތަކާއި ޚިދުމަތްތައް ތައާރަފް ކުރުމަށް މަގުފަހިކޮށްދިނުމުގެ ގޮތުންނާއި ޕޭމަންޓް ޚިދުމަތްދޭ ހުރިހާ ފަރާތްތަކަށް ވެސް ހަމަހަމަ ފުރުސަތުތަކެއް ފަހިކޮށްދިނުމުގެ މަޤްސަދުގައި، ބޭންކް ނޫން ޕޭމަންޓް ޚިދުމަތް ދޭ ފަރާތްތަކަށް ވެސް މިސިސްޓަމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށްވެސް އެމްއެމްއޭ އިން މައުލޫމާތު ދެއްވައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ދޯދި

    ފޯނު ވަގަށް ނަގަިގެން ވަގުން ތިކަން ކުރާނީ ދޯ

  2. ފަވަރަ

    މީ އިޓަލީ ވިލާތުގައި ފަވަރަ ކިޔާ އަވަށްގަނޑެއް އޮންނާތީ، މިއީ އެ އަވަށުން ގެނައި އެއްޗެއް ކަމަށް މި ބެލެވެނީ.