މޯލްޑިވެސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ލޯންޗުކުރި އިންސްޓެންޓް ޕޭމަންޓް ސިސްޓަމް (ފަވަރަ)އިން ދެ ދުވަސް ތެރޭގައި 10 މިލިއަން ރުުފިޔާގެ ފައިސާގެ މުއާމަލާކޮށްފައިވާ ކަމަށް ވިދާޅުވެއްޖެއެވެ.

ފަވަރައަކީ ރާއްޖޭގައި ފަސޭހަ، އަވަސް، އަދި ރައްކާތެރި ޕޭމަންޓް ހިދުމަތެއް ފޯރުކޯށްދިނުމަށް މަގުފަހި ކުުރުމުގެ ގޮތުން އެމްއެމްއޭއޮިން ލޯންޗުކުރި ފުރަތަމަ ސިސްޓަމެވެ.

އެމްއެމްއޭއިން ވިދާޅުވީ، މި މަހުގެ 26 ވަނަ ދުވަހުގެ ރޭގަނޑު 09:15 އިން ފެށިގެން އިއްޔެގެ މެންދުރު 01:30 ގެ ނިޔަލަށް 3676 ޓްރާންސެކްޝަން ހަދައިފައިވާ ކަމަށެވެ. އަދި އެ މުއާމަލާތްތަކުގެ އަގު 10.6 މިލިއަން ރުފިޔާއަށް އަރާ ކަމަށް ވިދާޅުވިއެވެ.

ކޮންމެ ދުވަހަކު 24 ގަޑިއިރު މެދުނުކެނޑި ޕޭމަންޓް ހިދުމަތްދެވޭ ގޮތަށް ފަރުމާކޮށްފައިވާ މި ސިސްޓަމުން ކޮންމެ ބޭންކެއްގައި އެކައުންޓު އޮތްކަމުގައި ވީނަމެސް، އެއް އެކައުންޓުން އަނެއް އެކައުންޓަށް ކުރާ މުޢާމާލާތްތަކުގެ ފައިސާ ވަގުތުން ވަގުތަށް ކަސްޓަމަރުންނަށް ލިބިގެންދާނެ އެވެ.

ފަވަރަ އައިޑީން ޕޭމަންޓް ހެދުމަށް އެކައުންޓް ނަންބަރު ބޭނުންކުރުމުގެ ބަދަލުގައި ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ފަދަ ހަނދާނުގައި ބަހައްޓަން ފަސޭހަ އައިޑީއެއް ބޭނުންކޮށްގެން ފަސޭހަ ކަމާއެކު އެކަކު އަނެކަކަށް ފައިސާފޮނުވާލުމުގެ މަގު ފަހިކޮށްދޭނެއެވެއަދި ފަވަރަ ރިކުއެސްޓުން، ފައިސާ ލިބެންވާ ފަރާތުން ފައިސާ ދައްކަންޖެހޭ ފަރާތަށް ޕޭމަންޓް ރިކުއެސްޓެއް ފޮނުވާލެވެއެވެ. މި ހިދުމަތުން ވަކިވަކި ފަރުދުންނަށް ވެސް އެކި ފަރާތްތަކުގެ މެދުގައި ފައިސާއަށް އެދި ރިކުއެސްޓު ފޮނުވެއެވެ. އަދި ވިޔަފާރިތަކަށް ވެސް ކަސްޓަމަރުންގެ އަތުން ފައިސާ ބަލައިގަތުގުމުގައި ފަސޭހަތަކެއް ލިބިގެންދާނެއެވެ.

ފަވަރަ މެދުވެރިކޮށް ދެވޭ ހުރިހާ ހިދުމަތްތަކެއް ވެސް ކަސްޓަމަރުންނާއި ހަމަޔަށް ފޯރުކޮށްދޭނީ އެ ފަރާތަކުން އެކައުންޓް ނުވަތަ ވޮލެޓް ހުޅުވާފައިވާ ބޭންކުތަކާއި ޕޭމަންޓް ހިދުމަތްދޭ ފަރާތްތަކުންނެވެ. އެގޮތުން އެ ފަރާތްތަކުގެ އިންޓަނެޓް ބޭންކިންގ އަދި މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ހުރިހާ ހިދުމަތެއް ވެސް ލިބޭނެއެވެ. ފަވަރައިގެ ޚިދުމަތް ފަށާފައިވާއިރު މި ވަގުތު ފަވަރަ ޓްރާންސްފަރ އެއް ކުރެވޭނެ އެންމެ މަތީ އަދަދު ކަމުގައި ކަނޑައަޅާފައިވަނީ 50،000 ރުފިޔާއެވެ. އަދި ފަވަރަ ރިކުއެސްޓެއް ފޮނުވޭނެ އެންމެ މަތީ އަދަދަކީ 5،000 ރުފިޔާއެވެ.

ފަވަރަ އައިޑީ އަދި ފަވަރަ ރިކުއެސްޓްގެ ޚިދުމަތް އެއް ބޭންކެއްގެ އެކައުންޓްތަކުގެ މެދުގައްޔާއި ދެ ބޭންކެއްގެ ދެމެދުގައި ކުރާ ހުރިހާ މުއާމަލާތްތަކަށް ލިބިގެންދާނެއެވެ. އެހެންނަމަވެސް ބީއެމްއެކް ކަސްޓަމަރުންނަށް އެ ބޭންކުގެ އެއް އެކައުންޓުން އަނެއް އެކައުންޓަށް ކުރާ މުއާމަލާތްތަކުގައި ފަވަރަ ރިކުއެސްޓްގެ ޚިދުމަތް ނުދިނުމަށް އެ ބޭންކުން ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަބްދޫ

    މިއީ ގާނޫނުއަސަސީގެ 24 ވަނަ މާއްދާއާއި ތައާރަޒްވާގޮތަށް ރައްޔިތުންގެ ޒާތީ މަސްލަހަތު ގެ ހިމާޔަތް ނަގާލަމުންދާކަމެއް.އެކައުންޓށް ފައިސާއެއް ޖަމަވާއިރަށް ކޮނަތާކުންހޯދި ފައިސާއެއަތޯ ސުވާލުކުރަން އެމްއެމްއެ އިން އެބޭންކަކަށް އަންގާނެ. އެއީ ގާނޫނުއަސަސީއާއި ހިލާފު ބާތިލް ކަމެއް . މީހުންގެ ޒާތީ މުވާސަލާތުގެތެރެއަށް އެމްއެމްއޭ އަކަށް ނުވަދެވޭނެ. އެގޮތަށް އެމްއެމްއޭއަށް ވަދެވޭގޮތަށް ގާނޫނެއް ފާސްކޮށްފައިވާނަމަވެސް ގާނޫނުއަސަސީގެ 24 ވަނަ މާއްދާއާއި ފުށުއަރާތީ އެކަންވާނީ ބާތިލް ކަމަކަށް. މީހުންގެ ޒާތީ މުއާމަލާތް އެހެންމީހުނަށް ނުބެލޭނެ.