ރާއްޖޭގެ އެންމެ ވަރުގަދަ، އަދި އެންމެ ފުރަތަމަ މުވާސަލާތީ ކުންފުނި ދިރާގަށް 35 އަހަރުވީއެވެ. ދިވެހިންނަށް އެތައް ކަމަކުން ފަސޭހަކޮށްދީ، ހިދުމަތްތައް ފުޅާކޮށްދީފިއެވެ. ދިވެހިންގެ ދިރިއުޅުމުގައި އެންމެ މުހިންމު ބައިވެރިޔާގެ ގޮތުގައި "ދިރާގު" ވެގެން ދިޔައީވެސް އަޖައިބު ކުރުވަނިވި އަވަސްމިނެއްގައެވެ. ސަބަބެއް ނެތިއެއް ނޫނެވެ. ދިރާގުން ދިޔައީ ހިދުމަތްތައް ފުޅާކޮށް، ރައްޔިތުންގެ ދިރިއުޅުމަށް ފަސޭހަތަކެއް ކޮށްދެމުންނެވެ. ޓެކްނޮލޮޖީގެ ދުނިޔެއަށް ދިވެހިން ހޭލެވެމުންދާވަރަކަށް ދިރާގުން، އެކަމާއި ގުޅުވާފައި އެތައް ހިދުމަތްތަކެއް ރާއްޖެއަށް އީޖާދުކޮށްދިނެވެ.

ދިރާގަކީ އަހަރުމެން އެންމެންގެ "ޑިޖިޓަލް މުޖުތަމައު"ގެ އެންމެ ހާއްސަ ބައިވެރިޔާއެވެ. އެ ބައިވެރިޔާގެ ހައިސިއްޔަތުން ދިރާގުން ދިޔައީ އެންމެން ހޭލުންތެރިކޮށް ދާއިރާއަށް ވަރަށް ބޮޑަށް މުޖުތަމައުތައް ބާރުވެރި ކުރުވަމުންނެވެ. އެންމެ ފުރަތަމަ ޓެލެފޯނުން މުޅި ރާއްޖެ ގުޅާލާ އެއަށް ފަހު އިންޓަނެޓް ތައާރަފްކޮށް މިއަދު މިދެކޭ ހައި-ސްޕީޑް ފައިބަރ ޓެކްނޮލޮޖީ ބޭނުންކޮށްގެން ހިދުމަތް އިތުރަށް ފުރިހަމަވެގެން ގޮސްފައެވެ. އެގޮތުން މިއަދު ރާއްޖޭގެ ގޭބީސީގެ 90 އިންސައްތައަށް މި ހިދުމަތް ލިބޭނެ ގޮތްވެސް ދިރާގުން ވަނީ ފަހިކޮށްދީފައެވެ.

ދިރާގު 3ޖީ 4ޖީ ނެޓްވޯކް މުޅި ރާއްޖެއަށް

ދިރާގުގެ މަސައްކަތުގެ ސަބަބުން ދިރިއުޅުމަށް މި ލިބުނު ފަސޭހަކަމާއެކު މިވީ 35 އަހަރު ތެރޭ ރާއްޖޭގެ އިޖުތިމާޢީ އަދި އިގުތިސާދީ ތަރައްގީއަށް އިތުރު ހަލުވިކަމެއް ގެނެސްދިން ކަމީ އެންމެންނަށް އެނގޭ ހަގީގަތެކެވެ. މިގޮތުން އަމިއްލަ ފަރުދުންގެ މުއާސަލާތީ ބޭނުންތައް ފުއްދުމަށާއި ވިޔަފާރިތަކާއި ފަތުރުވެރިކަމުގެ ސިނާއަތް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފެތުރުމުގެ އިތުރުން، ރާއްޖެ ދުނިޔޭގެ ޗާޓުގައި ފެވިގެން ދިއުމަށް ވަރަށް ބޮޑު ބާރަކަށް ދިރާގުން ފޯރުކޮށްދޭ މުއާސާލާތީ ހިދުމަތްތައް ވެގެންދިޔަކަން މިއީ އެންމެން ދަންނަ ހަގީގަތެކެވެ.

ރާއްޖެއަށް ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ މޭސްތިރިންނަކީ ދިރާގު ކަމާމެދު ޝައްކެތް ނެތެވެ. ދިވެހިން ޑިޖިޓަލް ދުނިޔެއާ ގާތްކޮށްދިނުމާއެކު، އެކި ހިދުމަތްތައް ތައާރަފްކޮށް، ދިވެހިންގެ ދިރިއުޅުން ފާގަތިކޮށް ފަސޭހަކޮށްދިން ބަޔަކީވެސް ދިރާގެވެ.

ދިރާގުން މުވާސަލާތީ ވިއުގާއަކުން ރާއްޖެ ގުޅުވާލަދީ ބޭރު ގައުމުތަކާއި މި ކުޑަ ޖަޒީރާ ގައުމާއި އޮތް ދުރުމިން ކުޑަކޮށްދިނެވެ. މިއާއެކު ގައުމުގެ ތަރައްގީ އިންތިހާއަށް ކުރިއަރައިގެން ދިޔައެވެ. އެހެންކަމުން ރާއްޖޭގެ ތަރައްގީގައި އެންމެ އިސް ސަފުގައި މަސައްކަތް ކުރަމުންދިޔަ އެންމެ ބޮޑު ބައިވެރިއެއްގެ ގޮތުގައި ދިރާގު ވާނެއެވެ. ހާއްސަކޮށް ފަތުރުވެރިކަމުގެ ދާއިރާ އާއި ތައުލީމީ އަދި އިގްތިސޯދީ ދާއިރާއަށް ވެދިން އެހީއަށް ތައުރީފު ހައްގެވެ. ދިރާގުން ފޯރުކޮށްދިން މި ހިދުމަތްތަކުގެ ސަބަބުން އެންމެންނަށް ލިބިގެން ދިޔައީ ފަސޭހައެވެ. އިންޓަނޭޓް ހިދުމަތްތައް ހަލުވިކޮށް، އަގުވެސް ހެޔޮ ކުރުން ވެގެން ދިޔައީ އެންމެންނަށް ލިބިގެން ދިޔަ އުފާވެރި ދުވަސްތަކަކަށެވެ.

ދިރާގު މުވައްޒަފުން މަސައްކަތުގައި

އަނެއްކާ މީހުން ބިނާ ކުރުމުގައިވެސް ދިރާގަކީ ރާއްޖޭގައި އެންމެ ފާހަގަކޮށްލެވޭ ކުންފުންޏެވެ. 99 އިންސައްތަ ދިވެހިންނާއެކު ހިންގަމުން އަންނަ އެ ކުންފުންޏަކީ މީހުން ކުރިއެރުވުމުގައި އެތައް މަސައްކަތެއް ކުރަމުންދާ ކުންފުންޏެކެވެ. ހާއްސަކޮށްވަޒީފާގެ ދާއިރައަށް ޒުވާނުން އަހުލުވެރި ކުރުވާ ޑިޖިޓަލް އަދި ޓެކް ދާއިރާއަށް އަންހެން ކުދިން ނެރުމަށް އެކުންފުނިން ކުރާ މަސައްކަތަކީ ފާހަގަކޮށްލަން ޖެހޭ ކަންކަމެވެ.

އެގޮތުން އެކުންފުނީގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީ.އެސް.އާރް) ޕްރޮގްރާމްގެ ދަށުން ކުރިއަށް ގެންދާ ދިރާގު އެޕްރެޓެންސްޝިޕް ޕްރޮގްރާމްއިން ކޮންމެ އަހަރަކު އެތައް ޒުވާނުން މަސައްކަތުގެ މާހައުލަށް ލޯ ހުޅުވާ ވަޒީފާގެ ތަޖުރިބާ ހޯދުމުގެފުރުސަތު ދަނީ ދެމުންނެވެ. މީގެ އިތުރުން ވިމެން އިން ޓެކް އެން.ޖީ.އޯއާއެކު ދިރާގުން ހިންގާ އެކި ޕްރޮގްރާމްތަކަކީ އަންހެން ކުދިން ޓެކްގެ ދާއިރާއަށް ޝައުގުވެރިކުރުވާ އަހުލުވެރިކުރުވުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަން ޔަގީނެވެ.

މީގެ އިތުރުން ތިމާވެށި ހިމާޔަތް ކުރުމުގެ ގޮތުންވެސް އެކުންފުނިން ދަނީ އެތަކެއް މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން 'ކެއަރ ފޯ ދަ އޯޝަންސް'ގެ ނަމުގައި އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކްއާ ދެކޮޅަށް ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން މުޅު ރާއްޖޭއަށް އަމާޒުކޮށްގެން މަޝްރޫއެއް ފަށާފައެވެ. މީގެ އިތުރުން 2016ވަނަ އަހަރުން ފެށިގެން ދިރާގުންވަނީ އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ފުޅި މަސައްކަތުގެ މާހައުލުގައި ބޭނުންކުރުން ހުއްޓާލައި، ރީޔޫޒަބަލް ފުޅި، ކޮތަޅު އަދި ފެން ޑިސްޕެންސަރު ބޭނުން ކުރަން ފަށައިފައެވެ.

މި ފާއިތުވި 35 އަހަރު ތެރޭގައި ރާއްޖޭގެ މުއާސަލާތީ ސިނާއަތުގެ ތަރައްގީއަށް ކުރަމުންދާ ބުރަ މަސައްކަތަކީ ހަމަ ޔަގީނުންވެސް މި ގައުމުގެ އެންމެހާ ރައްޔިތުން ފަހުރުވެރިވާން ވަރުގެ ކަމެކެވެ. ނިސްބަތުން އާބާދީކ ކުޑަނަމަވެސް މި ޖަޒީރާ ރާއްޖޭއަށް އެންމެ ޒަމާނީ ޓެކްނޮލޮޖީ ތައާރަފްކުރުމުގައި ދިރާގުން ކުރަމުންދާ މަސައްކަތަކީ ތައުރީފް ހައްގު މަސައްކަތެކެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ބައްކުރުވީ

    ބާރުވެރި ކުރުވީކީ ނޫން. ހުރިހާކަމެއް ބައްކޮށް ރައްޔިތުން ފެލައިގެން އުޅެނިކޮށް ވަތަނިއްޔާ އައިސްގެން ދޫދޭން މަޖުބޫރުވީ. މިހާރުވެސް .އެމްވީ ޑޮމެއިން ވެރިކޮށްލައިގެން އެ ތިބެނީ

    27
    1
    • އ.ނ

      ރާއްޖޭގެ އިންޓަރނެޓް އަގު ހެޔޮވެގެންދާނީ ޓެލެކޮމިއުނިކޭޝަން ޚިދުމަތްދޭ ތަންތަން ގިނަވީ ދުވަހަކުން... މުޅި އޭޝިއާގައިވެސް މި ވަގުތު އެންމެ އަގުބޮޑު އެއް ޚިދުމަތްދޭ ބަޔަކު ތިބީ މި ކުޑަކުޑަ ދިވެހިރާއްޖޭގައިކަމީ ހިތާމަހުރި ކަމެއް.

      14
      1
  2. ރަޔާން

    ނުފެންނަ ފަޅި.............ދިރާގު: ރައްޔިތުން ފެލުމުގައި ވެސް 35 އަހަރު

    9
    2