ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އެކައުންޓް ހޯލްޑްކޮށްފައި ކަމަށް ބުނެ، ސްކޭމް މެސެޖްތަކެއް އަނެއްކާ ވެސް ފޮނުވަމުންދާތީ އެކަމަށް ސަމާލުވާން ބީއެމްއެލް އިން އެދިއްޖެއެވެ.

ބީއެމްއެލް އިން ބުނާ ގޮތުގައި ސްކޭމް މެސެޖްތައް އަނެއްކާވެސް ދައުރުވަމުންދާ އިރު، މިފަހަރު މެސެޖު ކުރަނީ އެކައުންޓު ހޯލްޑުގައިވާ ކަމަށް ބުނެ ސައްހަ ނޫން މެސެޖެވެ. އެގޮތުން ކަސްޓަމަރުގެ އެކައުންޓުން އާދަޔާ ހިލާފު ކަމެއް ފާހަގަކުރެވިފައި ވުމުން ސެކިއުރިޓީ ސަބަބުތަކާހުރެ އެކައުންޓް ހޯލްޑް ކޮށްފައިވާ ކަމަށާއި އެކައުންޓުގެ ސައްހަކަން ކަށަވަރު ކުރުމަށް އެ މެސެޖުގައި ހިމަނާފައި އިންނަ ލިންކަށް ވަނުމަށް މެސެޖުގައި ބުނެއެވެ.

އެ ލިންކަކީ ސްކޭމް ލިންކެއް ކަމަށްވާތީ އެލިންކަށް ނުފިއްތުމަށް ބީއެމްއެލްއިން ވަނީ ނަސޭހަތްތެރިވެފައެވެ.

https://x.com/bankofmaldives/status/1715418618635444503?s=20

މި މަހުގެ ކުރީކޮޅު ވެސް މިފަދަ ސްކޭމް މެސެޖުތަކެއް ދައުރު ކުރަމުންދާތީ އެ ބޭންކުން ވަނީ ކަސްޓަމަރުން ސަމާލުވާން އެދެފައެވެ. އެފަހަރު ދައުރު ކުރަމުންދިޔައީ އިންޓަނެޓް ބޭންކިންގެ ހިދުމަތް ބޭނުން ކުރާ ކަސްޓަމަރުންގެ މައުލޫމާތު އަޕްޑޭޓް ކުރުމަށް އެދިއެވެ. އަދި ހަމައެހެންމެ ޕޯސްޓު އޮފީހާއި ޑީއެޗްއެލްގެ ނަމުގައި ވެސް ސްކޭމްތައް ހިންގުމަށް މެސެޖުތަކެއް ދައުރު ކޮށްފައިވެއެވެ.

ދާދިފަހުން ރިޕޯޓްކޮށްފައިވާ އާންމު ސްކޭމް މައްސަލަތަކަށް ބަލާއިރު، ސްކޭމަރުން ޝިކާރައަކަށްވާ މީހުންނާ މުއާމަލާތް ކުރަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް، މައިގަނޑު ގޮތެއްގައި ފޭސްބުކް މެދުވެރިކޮށެވެ. މި ފައިސާ ހޯދުމަށް އެދެނީ ސިއްހީ ކަންކަމަށާއި، ބޭސް ފަރުވާގެ ނަމުގަޔާއި، ލޮކްޑް/ ބޭނުން ނުކުރެވޭ އިންޓަނެޓް ބޭންކިންގ މީގެ އިތުރުން ރާއްޖެއިން ބޭރުން ފޮނުވާ އުފެއްދުން ނުވަތަ ހަދިޔާ އަދި ކަސްޓަމް ކްލިއަރެންސް ފީ ގެ ނަމުގައި އޮޅުވާލާ ކަމަށް ބުނެފައިވެއެވެ.

އަދި ހަމައެހެންމެ މިފަދަ ސްކޭމްތަކުން ރައްކާތެރިވެ ތިބުމަށްޓަކައި ޒާތީ މައުލޫމާތާއި ވަން ޓައިމް ޕާސްވޯޑް (އޯޓީޕީ) ފަދަ މުހިންމު މައުލޫމާތު އެއްވެސް މީހަކާ ހިއްސާ ނުކުރުމަށް ބޭންކުގެ އިތުރުން ފުލުހުން ވެސް އަންނަނީ އިލްތިމާސް ކުރަމުންނެވެ.

މީގެއިތުރުން މިދިޔައަހަރު މެދުތެރޭގައި ޖީމެއިލް އެކައުންޓްތަކެއް ހެކްކޮށްގެން، އެ އެކައުންޓުތަކަށް އޯޓީޕީ އަންނަ ގޮތް ހެދުމަށްފަހު ގިނަ ޓްރާންސެކްޝަންތައް ހަދާފައިވާ ކަން ބީއެމްއެލުން ވަނީ ފާހަގަކޮށްފައެވެ. މިދިޔަ އަހަރު ބީއެމްއެލްއަށް އެންމެ ބޮޑަށް އަމާޒުވީ އެއް ކަމަކީ އީމެއިލް އޯޓީޕީގެ މައްސަލައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ގާރލް 7

    ބޭންކުން އެވެނި މިވެނި ކަމެއް ކުރާށޭ ބުނެ ފޮނުވާ ހުރިހާ މެސެޖެއް ވަގުތުން މަ ޑިލީޓް ކޮށްލަން. މަ ކަމެއް ބޭނުންވިއަސް އަދި އޮޅުން ފިލުވަން ވިޔަސް ސީދާ ބޭންކަށް ގުޅަނީ ނޫނީ އެތަނަށް ގޮސްގެން އެކަމެއް ހައްލުކޮށްލަނީ. މިއަށް ވުރެ ރައްކާތެރި ގޮތެއް ނެތް މިހާރު.

    14
  2. އޭ ވަގުންތަކާ!!!!!!!

    މީހުން ބުރަ މަސައްކަތުން ހޯދާ ލާރިކޮޅު އޮޅުވާލައިގެން ކަހާލާއިރު ކަލޭމެން ބިރެއް ނުގަނޭ ހެއްޔެވެ؟ ތިގޮތަށް ފޭރުން މިހާރުން މިހާރަށް ހުއްޓާލާށެވެ!

  3. ބްރޯ

    މަވެސް ކޮންމެކަމަކުވިއަސް ސީދާ ބޭންކަށްދަނީ އެއިރުން ބުނާކައް އެއްޗެއް ނޯންނާނެތާ މިކަހަލަ ކަންކަމެއް ނުވާނެ ބީއެމްއެލްއަށް ނޭނގިޔެއް ...ވީނޯ އިޓް

  4. ޖސޖސިުސުސހ

    ބޭންކާއި ޕޮލިހުންނަށް އެއީ ކޮން ބައެއްކަން ހޯދެން އޮންނ އިރުވެސް ބޮޑު ވަރިހަމަޔަށް ދޫކޮށްލައިގެން ތިބެނީ ކީއްވެބާ؟؟ ދީނުގެ ދިފާއުގަ ބޮލުގަ ފޮތި އައްސައިގެން އުޅޭ ހޯމް މިނިސްޓަރު ފެއިލް

  5. ނަނަނަ

    ދިރާގުން ވެއްޖެ ނޫންތަ އެހެން މީހުންގެ ނަމުގަ، ފޭކް އެކައުންޓުތަކުން މެސެޖް ފޮނުވުން ހުއްޓުމަކަށް ގެންނަން.

  6. މަގޭ ބޭވަފާތެރި ބޭންކް

    ބީ އެމް އެލް ނޫނަސް އެހެން ބޭންކް ތަށް ވެސް ރާއްޖޭގައި އެބަހުރި އެހެން ބޭންކެއްގެ އެކައުންޓެއް ލޫޓުވާލި ވާހާކައެޢް މަށަށް އިވިފައެއްނެތް އެއީ މަގޭ މައްސަލަ އެޢް ކަމަށް ވެދާނެ. ވީމާ ބޭވަފާތެރި ބޭންކެއް ތިބާބޭނުންވޭތޯ؟