ހިލޭ ޑިގްރީ ދަށުން ކިޔަވާ ދަރިވަނުންނަށް އަދި ސްޓޫޑެންޓް ލޯންތަކަށް 700 މިލިޔަން ރުފިޔާ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިފިއެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ތައުލީމީ ދާއިރާ އަށް ޖުމުލަ 5.3 ބިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އެހެންކަމުން ދަރިވަރެއްގެ ބޮލަކަށް އޭރުން ޖެހޭނީ 54,056 ރުފިޔާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.

ހިލޭ ޑިގްރީ ޕްރޮގާރާމައި ލޯން ސްކީމްތައް ފަށާފައިވަނީ މިސަރުކާރުންނެވެ. ތައުލީމީ ޖީލެއް ބިނާކުރަން ފެށި ހިލޭ ޑިގްރީ ޕްރޮގްރާމާއި، ރާއްޖެއިން ބޭރުން ކިޔަވަން ބޭޏުންވާ ދަރިވަރުންނަށް އެފުރުސަތު ހުޅުވާޅުމަށް ލޯން ސްކީމްތައްވެސް ރައީސް ސޯލިހު މިވަނީ ތައާރަފްކޮށްފައެވެ. މި ފުރުސަތުގެ ބޭނުުން ހިފައި ގިނަ ދަރިވަރުން ދަނީ މިހާރުވެސް ރާއްޖެއިންނާއި ރާއްޖެއިން ބޭރުން ހޯދަމުންނެވެ. އަދި ގިނަ އަދަދެއްގެ ދަރިވަރުންނަށް ލޯނު ދޫކުރަން ނިންމާފައި ވާއިރު، އެ ދެ ދާއިރާ އަށް އަންނަ އަހަރު 700 މިލިއަން ރުފިޔާ ބަޖެޓުގައި ހިމަނާފައިވެއެވެ.

ބަޖެޓުގެ އަންދާޒާއަށް ބަލާލާއިރު ދަރިވަރުންނަށް ލޯނު ދޫކުރަން 550 މިލިއަން ރުފިޔާ އާއި ހިލޭ ޑިގްރީ ޕްރޮގްރާމަށް 156 މިލިއަން ރުފިޔާގެ އިތުރުން ސްކޮލަޝިޕްތަކަށް 184 މިލިއަން ރުފިޔާ އަދި ފޮތް ލިސްޓާއި ސްކޫލު ފީގެ ގޮތުގައި 192 މިލިއަން ރުފިޔާ ބަޖެޓުކޮށްފައިވެއެވެ.

ތައުލީމީ ދާއިރާގައި މުވައްޒަފުންގެ މުސާރަ އަށް އަންނަ އަހަރު ހޭދަވާނެ ކަމަށް ލަފާކުރަނީ 5.3 ބިލިއަން ރުފިޔާގެ ތެރެއިން 3.3 ބިލިއަން ރުފިޔާއެވެ. ކެޕިޓަލް ހަރަދުގެ ގޮތުގައި ސްކޫލާއި ޔުނިވާސިޓީ އިމާރާތް ކުރަން ބަޖެޓުކޮށްފައި ވަނީ 238 މިލިއަން ރުފިޔާއެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މި އަހަރު އެކަނި ވެސް ސަރުކާރުން 1200 އަށް ވުރެ ގިނަ ދަރިވަރުންނަށް ކިޔެވުމަށް ލޯނު ދޫކުރަން ނިންމައިފައިވެއެވެ. އެއާއެކު މިހާތަނަށް ދޫކޮށްފައިވާ ލޯނުގެ ޖުމުލަ 3200 އަށް ވުރެ މަތިވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

މި ސަރުކާރުން އަލަށް ފެށި ހިލޭ ޑިގްރީ ޕްރޮގްރާމުގެ ދަށުން ވެސް 18،000 އަށް ވުރެ ގިނަ ދަރިވަރުން ދަނީ މަތީ ތައުލީމު ހާސިލު ކުރަމުންނެވެ. އެގޮތުން 90،000 ވުރެ ގިނަ ދަރިވަރުން އެކި މަރުހަލާތަކުގައި މިހާޜުވެސް ދަނީ ތައުލީމު ހާސިލުކުރަމުންނެވެ.