އަންނަ އަހަރު ގްރީމް ޓެކްސްގެ ގޮތުގައި ދައުލަތަށް 1083.2 މިލިއަން ރުފިޔާ ލިބޭނެ ކަމަށް 2024 އަށް ސަރުކާރުން ހުށަހަޅާފައިވާ ބަޖެޓްގައި ލަފާކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ބަޖެޓްގައި ބުނެފައިވަނީ ރާއްޖޭގައި ފަތުރުވެރިން ހޭދަކުރާ ރޭތަކުގެ ނިސްބަތަށް އަންނަ ކުރިއެރުމާއެކު 2024 ވަނަ އަހރު ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް ލިބޭ އާމްދަނީ 2023 ވަނަ އަހަރާ އަޅާބަލާއިރު 8.6 އިންސައްތައަށް އިތުރުވާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށެވެ.

އެގޮތުން ގްރީން ޓެކުހުގެ ގޮތުގައި 2024 ވަނަ އަހަރު އެއް މިލިއަން ރުފިޔާ ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރެވޭ ކަމަށް ބަޖެޓްގައި އަންދާޒާކޮށްފައިވެއެވެ.

ބަޖެޓްގައި ބުނެފައިވަނީ ފާއިދުވި އަހަރު ރާއްޖޭގެ ޓޫރިޒަމާ ބެހޭ ގާނޫނަށް ގެނައި 11 ވަނަ އިސްލާހާއެކު ކުރިން 3.0 އެމެރިކާ ޑޮލަރުގެ ޓެސް ނަގަމުން އަދި 50 އެނދަށްވުރެ ގިނަ އެނދު ހިމެނޭ ގެސްޓްހައުސްތަކުން މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން 6.0 އެމެރިކާ ޑޮލަރުގައި ގްރީން ޓެކްސް ނަގަން ފަށާފައިވާ ކަމަށެވެ. އަދި ފަތުރުވެރިން ރާއްޖޭގައި ހޭދަކުރާ ރޭތަކުގެ އަދަދު ކުރިން އަންދާޒާކުރި މިންވަރަށްވުރެ މި އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި އިތުރުވެފައިވާކަން ފާހަގަކުރެވިފައިވާ ކަމަށްވެސް ބުނެފައި ވެއެވެ.

މީރާގެ މުވައްޒަފުންތަކެއް
މީރާގެ މުވައްޒަފުންތަކެއް

އެގޮތުން 2023 ވަނަ އަހަރުގެ ނިޔަލަށް ގްރީން ޓެސްގެ ގޮތުގައި ދައުލަތަށް ލިބޭނެކަމަށް މިހާރު ލަފާކުރެވޭ އާމްދަނީއަކީ 2022 ވަނަ އަހަރު ދައުލަތަށް ލިބިފައިވާ އާމްދަނީއާ އަޅާބަލާއި 2.5 އިންސައްތަ އިތުރު އަދަދެއް ކަމަށް ބަޖެޓްގައި ވެއެވެ.

ބަޖެޓްގައި ބުނެފައިވަނީ ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދާ ގުޅޭގޮތުން އެކުލަވާލާފައިވާ އަންދާޒާތަކަށް ބިނާކޮށް އަދި މެދުރާސްތާގައި ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވަމުންދާނެ ކަމަށް ލަފާކުރެވޭތީ ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް ލިބޭ އާމްދަނީ އަހަރުން އަހަރަށް އިތުރުވަމުންދާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށެވެ.

އަންނަ އަހަރު ދައުލަތަށް ލިބޭ އާމްދަނީ އިތުރުވާނެ!

ބަޖެޓްގައި ބުނެފައިވަނީ 2024 ވަނަ އަހަރު އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް ލިބޭނެކަމަށް އަންދާޒާކުރެވެނީ 33،547 މިލިއަން ރުފިޔާ ކަމަށެވެ. އަދި އެ އަންދާޒާ ކޮރސް ސަބްސިޑީ ފަދަ ވަން އޮފް އާމްދަނީތައް ހިމަނާފައި ނުވާނެ ކަމަށްވެސް ބުނެފައި ވެއެވެ. އެއީ މި އަހަރުގެ ނިޔަލަށް ދައުލަތަށް ލިބޭނެކަމަށް މިހާރު ލަފާކުރާ ޖުމްލަ އާމްދަނީ އާއި ހިލޭ އެހީއާއި އަޅާބަލާއިރު 3.4 އިންސައްތަ އިތުރު އަދަދެއް ކަމަށްވެސް ބަޖެޓްގައި ބުނެފައި ވެއެވެ.

2024 ވަނަ އަހަރު ޓެސްގެ އާމްދަނީގެ ގޮތުގައި ދައުލަތަށް 25،618.4 މިލިއަން ރުފިޔާ ލިބޭނެކަމަށް އަންދާޒާކޮށްފައިވެއެވެ. އަދި ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 6،658.6 މިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކޮށްފައި ވެއެވެ.

މީރާ އޮފީސް؛-ވަގުތު އިމޭޖަސް- މުހައްމަދު އަފްޒަލް

މި އަހަރާއި އަޅާބަލާއިރު 2024 ވަނަ އަހަރު ދައުލަތަށް ލިބޭ އާމްދަނީ އިތުރުވާނެކަމަށް ލަފާކުރެވޭ މައިގަނޑު ސަބަބަކީ ޓެކުހުގެ އާމްދަނީއަށް އާންނާނެ ކަމަށް އަންދާޒާ ކުރެވޭ ކުރިއެރުން ކަމަށް ބަޖެޓްގައި ބުނެފައިވެއެވެ. އެގޮތުން ފަތުރުވެރިކަމަށް އަންނަ ކުރިއެރުމާއި، އިގްތިސޯދީ ކުރިއެރުމާއެކު ޓެކްސްގެ އާމްދަނީ 6.7 އިންސައްތައަށް ކުރިއަރާނެކަމަށް އަންދާޒާކޮށްފައިވެއެވެ.

ބަޖެޓްގައި ބުނެފައިވަނީ 2024 ވަނަ އަހަރު އާމްދަނީ އިތުރުކުރުމަށް އަލަށް ތައާރަފްކުރާ ސިޔާސަތުތަކުގެ ސަބަބުން 18 މިލިއަން ރުފިޔާ ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.