ރަޝިއާ-ޔޫކްރޭން ހަނގުރާމަ އާއިި ޣައްޒާގައި ހިންގަމުންދާ ގަތުލު އާންމާއި ގުޅިގެން ދަތުރު ކުރުމުގައި ގޮތް ނުނިންމާ ފަތުރުވެރިން ގިނަ ނަމަވެސް އަންނަ އަހަރު ދެ މިލިއަން ފަތުރުވެރިން ގެނެވޭނެ ކަމުގެ އުއްމީދު ވަރަށް ބޮޑު ކަމަށް ފަތުރުވެރިކަމާބެހޭ ވަޒީރު އަހުމަދު ފައިސަލް ވިދާޅުވެއްޖެއެވެ.

ރޭ ޕީއެސްއެމުން ގެނެސްދިން ރާއްޖެ މިއަދު ޕްރޮގުރާމުގައި ވާހަކަ ދައްކަވަމުން ފައިސަލް ވިދާޅުވީ މިހާރަށްވުރެ ބޮޑަށް މާކެޓު ކުރަން ވިސްނަމުންދާ ކަމަށެވެ. އެގޮތުން ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓްކުރުމުގެ މަސައްކަތްކުރާ އެމްއެމްޕީއާރްސީގެ ބަޖެޓު އިތުރުމަށް މަސައްކަތް ކުރައްވާ ކަމަށާއި އިތުރު މާކެޓުތަކަށް ރާއްޖެ އިޝްތިހާރު ކުރެވޭނީ ބަޖެޓު އިތުރުކޮށްގެން ކަމަށް ވިދާޅުވިއެވެ.

"މިހާރު ކުރިއަށްދާ ހަނގުރާމައިގެ ސަބަބުން ގިނަ ބަޔަކު އެބަތިބި ދަތުރުކުރުމަށް ދެ ފިކުރެއްގައި. ގޮތް ނުނިންމި. ހަނގުރާމައިގެ ސަބަބުން އަޅުގަނޑުމެންނަށް ފަތުރުވެރިން އިތުރު ކުރުމަށް ދަތިތަކެއް ކުރިމަތިވޭ. އެކަމަކު އަޅުގަނޑުމެންނަށް އެ ފަތުރުވެރިން އިތުރު ކުރެވެން އެބައޮތް މާކެޓިން ރަނގަޅުކޮށްގެން. އަޅުގަނޑު ގަބޫލު ކުރަނީ އަޅުގަނޑުމެން އެންމެން ގުޅިގެން މިކުރާ މަސައްކަތުން ފަތުރުވެރިން އަންނަ އަދަދު އިތުރުކުރެވޭނެ ކަމަށް." އޭނާ ވިދާޅުވުިއެވެ.

ފައިސަލް ވިދާޅުވީ މިހާރުވެސް ރާއްޖެއަށް އެކި ގައުމުތަކުން ދަތުރުކުރާ ފަތުރުވެރިންގެ އަދަދު އިތުރުވަމުންދާ ކަމަށާއި އަންނަ އަހަރު ދެ މިލިއަން ފަތުރުވެރިން ގެނެވޭނެ ކަމަށް ވަރަށް ބޮޑަށް އުއްމީދު ކުރައްވާ ކަމަށެވެ.

ކޮވިޑް19ގެ ކުރިން އެންމެ ގިނައިން ރާއްޖެއަށް ފަތުރުވެރިން އަންނަ އެއް ގައުމަކީ ޗައިނާއެވެ. އެކަމަކު ކޮވިޑުގެ ފަހުން ޗައިނާއިން ފަތުރުވެރިން އައުން ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. ފައިސަލް ވިދާޅުވީ ސަރުކާރާއި ހަވާލުވެ ވަޑައިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާ އާއެކު ވަރަށް ގާތް ގުޅުމެއް ބާއްވަމުން އަންނަ ކަމަށާއި އުއްމީދު ކުރައްވަނީ މީގެ ކުރިން ފަތުރުވެރިން ރާޢްޖެ އަންނަ ވަރަށް ކުރިއަށް އޮތްތާނަގައިވެސް އައުން ކަމަށެވެ.

މީގެ އިތުރުން އަންނަ އަހަރު އިތުރު 12 ވަރަކަށް ރިސޯޓު ރާއްޖޭގައި ހުޅުވާ 1،000 އެނދު އިތުރުވާނެ ކަމަށާއި އެހެން ކަމުން އަންނަ ފަތުރުވެރިންގެ އަދަދުވެސް އިތުރުވެގެންދާނެ ކަމަށް ވިދާޅުވިއެވެ.