ރާއްޖޭގެ އެތެރޭގެ އުދުހުން ތަކުގެ އަގު ބޮޑު ކަމަށާއި އަގު ކުޑަ ކުރާނެ ކަމަށް ދަތުރުފަތުރާ މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުހައްމަދު އަމީން މިއަދު ވިދާޅުވެއްޖެއެވެ.

އެ ވުޒާރާއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އަމީން ވިދާޅުވީ، ރާއްޖޭގެ ގައުމީ އެއާލައިން ހިންގަމުންދާ އައިލެންޑް އޭވިއޭޝަނަކީ 2018 ވަނަ އަހަރާއި ހަމަޔަށް ސާފު ފައިދާ ހޯދަމުން އައި ކުންފުންޏެއް ނަމަވެސް، 2018 އާއި 2023 އާއި ހަމަޔަށް ވިޔަފާރި އޮތީ ވަރަށް ބޮޑު ތަން ދަށަށް ގޮސްފައި ކަމަށެވެ.

"އައިލޭންޑް އޭވިއޭޝަންގެ ނިޒާމަށް ބަދަލު ތަކެއް ގެނައުމުގެ ޕްރޮސެސް އެބަ ހިނގަމުންދޭ. އަޅުގަނޑަށް ފާހަގަ ކުރެވުނު އެއް ކަމަކީ އައިލޭންޑް އޭވިއޭޝަން 2018 ހަމަޔަށް ފައިދާ ވަމުން އައި ކުންފުންޏެއް. 2018 އާއި ހަމަޔަށް ހަމަޔަގީނުންވެސް ދައުލަތުގެ ޓެކްސް ޕޭޔާރ މަނީ ބޭނުން ކުރަން ނުޖެހޭ އަމިއްލަ ކުންފުންޏެއްގެ ހައިސިއްޔަތުން ހިނގަމުން ދިޔަ ކުންފުންޏެއް އެއީ،". އަމީން ވިދާޅުވިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން-- ވަގުތު އިމޭޖެސް: އާދިން މޫސަ ލަތީފް

އޭނާ ވިދާޅުވިގޮތުގައި އައިލޭން އޭވިއޭޝަންގެ ސީ ޕްލޭން އޮޕަރޭޝަނާއި، އެއާރ ބަސް އޮޕަރޭޝަންސް އޮތް ސެކްޓަރ ތައް ވަނީ ހުއްޓިފައެވެ. އަދި ހަމަ އެއާއިއެކު އެއް ބޯޓުވެސް ގެންގޮސްފައިވާ ކަމަށާއި ސީޕްލޭންގެ ވިޔަފާރިވެސް ދަށަށް ގޮސްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ވިޔަފާރި އުސޫލުން ހިންގަން ޖެހޭ ކުންފުންޏަކަށް ބަލާއިރުގައި ހިދުމަތް މަދުވެފައި މުވައްޒަފުންވެސް ގިނަ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

"ވިޔަފާރި އުސޫލުން ހިނަގަން ޖެހޭ ކުންފުންޏަކަށް ބަލާއިރުގައި ކުންފުނީގެ ވިޔަފާރި ދައްވާއިރުގައި ނޫނިއްޔާ ދޭންޖެހޭ ހިދުމަތް މަދުވެފައި. އެކަމަކު އަޅުގަނޑުވެސް ގަބޫލު ކުރަން ސްޓަފުންވެސް ގިނަ ވެފައި އޮތީވެސް އެހެންވީމަ މީގެ ތެރޭގައި އެބަ އުޅޭ އިންބެލެންސްއެއް ދެއްތޯ. މީގައި އިންބެލެންސެއް އުޅޭ ކަމަށް އަޅުގަނޑުވެސް ގަބޫލު ކުރަން،.". އޭނާ ވިދާޅުވިއެވެ.

މިގޮތުން މިދިޔަ ހަފްތާގައި އައިލެންޑް އޭވިއޭޝަންގެ މެނޭމެންޓަށް ބަދަލުތަކެއް ގެންނަވާފައިވާ ކަަމަށް އޭނާ ވިދާޅުވިއެެވެ. މިއާއެކު އެ ކުންފުނިން ރިސްޓްރަކްޗަރކޮށް، ކުންފުނީގެ މޭނޭޖްމެންޓަށް ބަދަލުތަކެއް ގެނައުމުގެ މަަސައްކަތް ކުރިއަށްދާ ކަަމަށް ވިދާޅުވިއެވެ.

އޭގެ ތެރޭގައި ވައިޑް ބޮޑީ އެއާކްރާފްޓް ގެނައުން ހިމެނެއެވެ. މީގެ ސަބަބުން އިންޓަނޭޝަނަލް ދަތުރުތައް ފުޅާވާނެ ކަމަށްވެސް ވިދާޅުވިއެވެ.

އަދި ކުރިއަށް ތަނުގައި އައިލެންޑް އޭވިއޭޝަން ކެޕޭސިޓީއަށް ބަދަލުތަކެއް އަންނާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ހަމަ އެއާއި އެކު ބަދަލުތައް އަތުވެއްޖެ ނަމަ އެތެރޭގެ އުދުހުންތަކުގެވެސް އަގުހެޔޮ ވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"އެއާއެކީގައި ވަކި ވަރަކަށް ގެންގޮސްފައި އައިލެންޑް އޭވިއޭޝަންގައި ހުރި ޑޮމެސްޓިކް ފެއަރއަށް ބަދަލެއް ގެނެވޭނެ ކަމަށް އަޅުގަނޑު ގަބޫލު ކުރަނީ،. އެ ބޭފުޅުންނާއި އެކީގައި އަޅުގަނޑުމެންް މަޝްވަރާ ކުރާނަން، މިހާރު ހުރި ފެއާއަކީ ބޮޑު އަދަދެއްކަން ގަބޫލު ކުރަން، އެހެންވީމަ އެ ކުންފުންޏާއި މަޝްވަރާކޮށްގެން ގެނެވެން ހުރި ބަދަލުތަކަށް ވަރަށް އަވަހަށް ކުރިއަށް ގެންދާނަން،". އަމީން ވިދާޅުވިއެވެ.

މިދިޔަ ސަރުކާރުން އެތެރޭގެ އުދުހުންތަކުގެ އަގު ކުޑަކުރިއެވެ. އެހެން ނަމަވެސް ފަހުން އަގުތައް ވަރަށް ބޮޑުތަނުން ބޮޑު ކުރިއެވެ. އެގޮތުން ތިން ފަހަރެއްގެ މަތިން އެތެރޭގެ އުދުހުންތަކުގެ އަގު ބޮޑު ކުރިއެވެ.

މިހާރުގެ ދަތުރުތަކުގެ އަގުތަަކަށް ބަލާއިރު، މާލެ އިން ރާއްޖޭގެ އެންމެ އުތުރު ހއ. ހޯރަފުއްޓަށް، މޯލްޑިވިއަން އިން ކުރާ ދަތުރުގެ އަގަކީ 1،318ރ އެވެ. މާލެ އިން ހދ. ކުޅުދުއްފުއްޓަށް 1،464ރ ނަގާއިރު، މާލެ އިން އެންމެ ދެކުނު އައްޑޫ ސިޓީ ގަމަށް ކުރާ އެއްކޮޅު ދަތުރެއްގެ އަގަކީ 1،687ރ އެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޢޭނަ

    ގަމަށްވުރެ ކާޑެއްދޫ ގެ އަގު ބޮޑު،

    9
    1
    • މީނަ

      ހޯރަފުށްޓަށް ވުރެ ކުޅުދުއްފުށްޓަށް އަގުބޮޑު. އެކަމަކު ހުޅުލޭ އެއާޕޯޓާ ކައިރީ ކުޅުދުއްފުށި. ހޯރަފުށި މާދުރު.

  2. ނޫސް ކިޔާމީހާ

    ޢެންމެ ދެކޮނު އައްޑޫގަން އެކަމަކު ކާޑެއްދޫ އެއަށްވުރެން ޓިކެޓް އަގުބޮޑު . ޢަނެއްކާ އެތާ ރެސްޓޯރެންޓް މަސް ކައްކާ ތަނަކަށް ވުރެން މެހި ގިނ

  3. ޖަމީލަ

    ހޯރަފުއްޓައްވުރެ މާފަރުގެ އަގު ބޮޑު

  4. Anonymous

    ކުޅުދުއްފުއްޓަށް ވުރެ ދެގުނަ ކައިރީ ތިމަރަފުށި އެކަމު ޓިކެޓް އެއްވަރެއް! މީ މޯލްޑިވިއަން ދެއްތޯ

  5. ޙިޒްޔަމް

    ޢަގު ބޮޑު ވަނީ އެކި ސަބަބު ލައިގެން. ފުލައިޓް އެއަރ ޕޯޓް އިން ފުރަން އަދި ލޭންޑިންއަށް ފީ ދައްކަން ޖެހޭ. މީރާ ޓެކްސް.. ތެޔޮ ގަންނަން ޖެހޭ. މުސާރަ ދޭންޖެހޭ.މަރާމާތު ހަރަދު. މީ ބަހެއް ނޫނޭ