ނެޝަނަލް ބިލްޑް އެކްސްޕޯ 2024ގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ސޮއިކޮށްފިއެވެ.

މި އެކްސްޕޯއަކީ މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (އެމްއެންއޭސީއައި) އާއި މީޑިއަމް އިވެންޓްސް ޕްރައިވެޓް ލިމިޓެޑާ ގުޅިގެން ބާއްވާ އިވެންޓެކެވެ.

މި އެކްސްޕޯގެ މައިގަނޑު މަފްސަދަކީ ރާއްޖޭގެ އިމާރާތްކުރުމުގެ ސިނާއަތަށް އަލިއަޅުވާލާއި އެ ސިނާއަތުގައި ހަރަކާތްތެރިވާ އެކި ފަރާތްތަކުގެ އުފެއްދުންތަކާއި ޚިދުމަތްތައް ހިއްސާކުރެވޭނެފަދަ ޕްލެޓްފޯމެއް ފޯރުކޮށްދިނުމެވެ.

ނޭޝަނަލް ބިލްޑް އެކްސްޕޯ 2024 ބޭއްވުމަށް ހަމަޖެހިފައިވަނީ 11 އިން 14 ޖަނަވަރީ 2024ގެ ނިޔަލަށް، ހުޅުމާލެ ސެންޓްރަލް ޕާކްގައެވެ.

މިއީ މި އިވެންޓްގެ ތިންވަނަ އެޑިޝަނެވެ.

އިމާރަތްކުރުމުގެ ސިނާއަތުގެ 70 އަށް ވުރެ ގިނަ އެގްޒިބިޓަރުން އެފަރާތްތަކުގެ އުފެއްދުންތަކާއި ހިދުމަތްތައް އެކްސްޕޯގައި ދައްކާލުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި އިމާރާތްކުރުމާއި ގުޅުންހުރި ތަފާތު ތަކެއްޗާއި ބޮޑެތި މެޝިނަރީ ހިމެނެއެވެ. އަދި މި އެކްސްޕޯ މެދުވެރިކޮށް ރާއްޖޭގެ އިމާރާތްކުރުމާއި އުމްރާނީ ތަރައްގީއާ ގުޅޭ ގޮތުން މި ސިނާއަތުގެ މުހިންމު ފަރާތްތަކާއި ސްޓޭކް ހޯލްޑަރުންނާ ބައްދަލުކޮށް، ނެޓްވޯކްކޮށް، ހިޔާލު ބަދަލުކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

ދިރާގުން ދަނީ ރާއްޖޭގެ އެކި ދާއިރާތަށް އިތުރަށް ތަރައްގީކޮށް، ރާއްޖޭގައި ދިރިއުޅޭ ރައްޔިތުންގެ މުސްތަގުބަލު މުއްސަނދިކުރުމަށް އެހީތެރިވެދޭ އިވެންޓްތަކަށާއި އިނީޝިއޭޓިވްތަކަށް އެއްބާރުލުން ދެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު