ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)އަށް އިންގިލާބީ ބަދަލުތަކެއް ގެނެސްދޭނެ ބިޔަބޮޑު މަޝްރޫއެއް މިރޭ އިފްތިތާހްކޮށްފިއެވެ.

މިހާރު ދަރުބާރު ގޭގައި ކުރިއަށްގެންދާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ބޮޑު މަޝްރޫއާއި އިކޮނިކް ޒޯން އިފްތިތާހްކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

މިއީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ހިންގޭނެ އެންމެ މޮޑު މަޝްރޫއެވެ. މިއީ ރާއްޖޭގައިވެސް ހިންގޭ އިގްތިސޯދީ އެންމެ ބޮޑު މަޝްރޫއަށް ވެގެން ދާނެއެވެ.

މިހާރުވެސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ތަަރައްގީގެ މަސައްކަތްތައް ދަނީ ކުރިއަށެވެ. މިގޮތުން އާ ޓާމިނަލްގެ ކެޕޭސިޓީއަކީ ހަތް މިލިއަން ފަސެންޖަރުންނެވެ. އެއީ ރާއްޖެ އަންނަ 3.5 މިލިއަން ފަސެންޖަރުންނާއި، ރާއްޖެއިން ފުރާ 3.5 މިލިއަން ފަސެންޖަރުންނެވެ.

އެހެން ނަމަވެސް ރައީސް ޑރ. މުއިއްޒުގެ ވިޝަންގައި ތަރައްގީ ކުރާ އާ ޓާމިނަލްގައި އަހަރަކު 25 މިލިއަން ފަސެންޖަރުންނަށް ހިދުމަތް ދެވޭނެ ކެޕޭސިޓީ ހުންނާނެއެވެ.

"އޭގެ މާނައަކީ ގަޑިއަކު 4،000 ފަސެންޖަރުން ފުރިހަމަ ގޮތުގައި، ހިދުމަތް ދެވޭނެ ކަަމަށް އެއާއެކު އޮޕަރޭޝަން ފުޅާ ކުރުމަށް ބޭނުންވާ އެހެނިހެން ވަސީލަތްތައްވެސް ގާއިމް ކުރެވިގެން ދާނެ،". މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝަރީފް މުހައްމަދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މި މަޝްރޫއުގެ ތެރެއިން މިހާރު ގަޑިއަކު 300 ފަސެންޖަރުންނަށް ހިދުމަތް ދެވޭ ޑޮމެސްޓިކް ޓާމިނަލް ބަދަލު ކުރެވި އާ ޓާމިނަލް އެޅި އެތަނުން ގަޑިއަކު 2،000 ފަސެންޖަރުންނަށް ހިދުމަތް ދެވޭނެ ކަމަށެވެ. އަދި ލޯ ކޯސްޓް އެއާލައިން ހާއްސަކޮށް ލޯ ކޯސްޓް ކެރިއާ ޓާމިނަލްއެއްވެސް ބިނާ ކުރެވޭނެ ކަމަށް ވިދާޅުވިއެވެ. މި ޓާމިނަލުން ގަޑިއަކު އެއްހާސް ފަސެންޖަރުންނަށް ހިދުމަތް ދެވޭނެ ކަަމަށް އޭނާ ވިދާޅުވިއެވެ.

އެމްއޭސީއެލްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝަރީފް މުހައްމަދު މިރޭގެ ޖަލްސާގައި - ވަގުތު އިމޭޖްސް: އަބްދުﷲ އަބީދު

މީގެ އިތުރުން ސީޕްލޭންގެ ވަަސީލަތްތައްވެސް ތަރައްގީކޮށް ފުޅާ ކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"މި ޕްރޮޖެކްޓް ނިމޭއިރު، އަޅުަގަނޑުމެންގެ ފިއުލް ކެޕޭސިޓީ 15 މިލިއަނުން 40 މިލިއަނަށް ގޮސް، 100 މިލިއަން ލީޓަރާއި ހަމައަށް ކެޕޭސިޓީ އިތުުރުވާނެ، އަދި މުޅިން އާ އެމްއާރްއޯ ފެސިލިޓީއެއް ގާއިމް ކުރެވިގެން ދާނެ".

އަދި މިހާރުގެ ކާގޯ ޓާމިނަލް 100،000 މެޓްފިކް ޓަނުން 300،000 މެޓްރިކް ޓަނަށް ކެޕޭސިޓީ އަށް އިތުރުވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އޭގެ އިިތުރުން މި މަޝްރޫއުގެ ދަށުން ޖެޓްތަކަށް ހާއްސަ ޓާމިނަލްއެެއް ގާއިމް ކުރުމަށް ވަނީ ނިންމާފައެވެ. އަދި 73 އެއާކްރާފްޓް އެއްފަހަރާ ޕާކް ކުރެވޭނެ ކެޕޭސިޓީވެސް މި އެއާޕޯޓްގައި ގާއިމްވެގެން ދާނެ ކަަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި މަޝްރޫއާ ގުޅުން ހުރި އިތުރު ތަފްސީލު ދެއްވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ، މިއީ ދިވެހިންގެ އުއްމީދު ކަމަށެވެ. އަދި ދިވެހިންގެ ރާއްޖޭގައި ދިވެހިން ދާން ބޭނުންވާ ހިސާބަށް ދިއުމަކީ ކިހާ ވަރެއްގެ އުއްމީދެއްކަން ތަސައްވަރު ކުރެވިގެން ގޮސްފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ކަންކަން ކުރެވޭނީ ކުރެވޭ ބުރަ މަސައްކަތުން ކަމަށާއި، އެކުގައި މަސައްކަތް ކުރަން ތިބި ފުރިހަމަ އެއްބާރުލުމާއި އެންމެންގެ އެއްބައިވުމާއި އެކީގައި ކަމަށް ރައީސް ވިދާޅުވިއެވެ.

"އިރާދަކުރެއްވިއްޔާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ދެންމެ އިފްތިތާހް ކުރެވުނު ތަސައްވަރާއި އެކީގައި އެންމެން ގުޅިން ދިވެހިން ރާއްޖޭގެ ތަސައްވަރު ހަގީގަތަކަށް ހަދާނަން،". ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، މިހާުރު ވެލާނާ އެއާޕޯޓް ތަރައްގީ ކުރެވެމުންދާއިރު، އެ މަޝްރޫއުގެ މަސައްކަތުގެ ތެރެއިން އާ މަޝްރޫއުގެ ގިނަ ކަންކަން ފެށިގެން ދާނެ ކަަމަށެވެ.

ވެލާނާ އެއާޕޯޓަށް އިންގިލާބީ ބަދަލު ގެނެސްދޭނެ ބޮޑު މަޝްރޫއެއް އިފްތިތާހް ކުރުމަށް ބާއްވާ ރަސްމިއްޔާތުގެ ތެރެެއިން - ވަގުތު އިމޭޖްސް: އަބްދުﷲ އަބީދު

މިރޭ އެމްއޭސީއެލް އިން އާއްމު ކުރި ވީޑީއޯއިން ދައްކާގޮތުން ސީޕްލޭން ޓާމިނަލް އާއި ސީޕްލޭން އޮޕަރޭޝަން ބަދަލު ކުރެވޭނީ ފުނަދޫއަށެވެ. އަދި މިތަނާއި ވެލާނާ އެއާޕޯޓް ބްރިޖަކުން ގުޅުވާލެވޭއިރު، ޓްރާންސްޕޯޓް ނެޓްވޯކްއަކުން ގުޅުވާލެވޭނެއެެވެ. އެ ހިދުމަަތަށް ބޭނުން ކުރާނީ ރޭލުގެ ހިދުމަތްކަަމަށްވެސް އެ ވީޑިއޯއިން ދައްކައެވެ.

ރައީސް ވިދާޅުވީ، ފުނަދޫއަކީ އިންޓަނޭޝަނަލް ފައިނޭންޝިއަލް ސެންޓަރަކަށް ހެދުމަކީ ތައްސަވަރެއް ކަމަަށެވެ. އަދި އެ ފުނަދޫ އާއި މާލެ އާއި ފުނަދޫ އާއި ހުޅުލެއާ ގުޅުވާލެވިފައިވާ ބްރިޖެއް ގާއިމް ކުރެވި، ހުޅުލެ، ހުޅުމާލެ އިން ސީޕްލޭން ޓާމިނަލްއަށް ހުޅުލެއިން ސީޕްލޭން ޓާމިނަލް އަށް ވަށާ ޖެހޭ ގޮތަށް ބްރިޖް އެޅި ޕަބްލިކް ޓްރާންސްޕޯޓް ނިޒާމެއް، ހާއްސަކޮށް މޮނޮރޭލު ސިސްޓަމެއް ގާއިމް ކުރެވި، ފަސޭހަކަމާއެކު މުވައްޒަފުންނަށް ދަތުރު ކުރެވޭނެ ފަދަ ނިޒާމެއް ގާއިމް ކުރެވިގެން ދާނެ ކަމަށެވެ.

"މީގައި މިހުރީ އެއްފަހަރާ ގިނަ ކަންތައްތަކެއް ޕެރެލަލްކޮށް ފެށޭ ކަހަލަ މަސައްކަތް، އެ މަސައްކަތްތަކަށް އިންވެސްޓަރުން ހޯދުމާއި ލުއި ފައިނޭންޝިއަލް ފެސިލިޓީތައް ފަހި ކުރުމާއި މިފަދަ ކަންކަމަކީ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މިހާރުން ފެށިގެން ފަށާން ގަސްތު ކުރާ ކަންތައްތައް،".

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރެވެމުންނެވެ.

މި މަސައްކަތަކީ ކުވެއިތު ފަންޑު ހިމެނޭ ގޮތަށް ހަތަރު ބައެއްގެ ލޯނު ނަގައިގެން ހިންގާ ފަސް ބިލިއަނަށް ވުރެ ގިނަ ރުފިޔާގެ ބިޔަ މަޝްރޫއެކެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ފެށި އެ މަސައްކަތުގެ ބޮޑު ބައި ވަނީ ނިމިފައެވެ.

މި މަޝްރޫއުގެ ދަށުން އާ ރަންވޭ ނިންމާލާފައިވާއިރު ފިއުލް ފާމްވެސް ވަނީ ނިމިފައެވެ. އަދި ސީ ޕްލޭން ޓާމިނަލް އަދި ކާގޯ ކޮމްޕްލެކްސްގެ މަސައްކަތްވެސް ވަނީ ނިމިފައެވެ.

މިހާރު ކުރެވެމުންދާ މަސައްކަތަކީ ޕެސެންޖާ ޓާމިނަލްގެ މަސައްކަތެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ބިގް ބޮސް

    ސާބަހޭ ސާބަހޭ ގައުމައިގެން ކުރިޔައް.ފެނޭބާ ފެނޭބާ ކަންކަން ކުރެވޭމީހުން އަދި އިތުރު ދައުރަކަށް އެދެން.ސަލާމް ސަލާމް ސަލާމް.

    21
    4