މާލޭގެ ވިޔަފާރި ބަނދަރު ގުޅީފަޅަށް ބަދަލު ކުރަން ނިންމި ނިންމުން ބަދަލުކޮށް ތިލަފުއްޓަށް ބަދަލު ކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.

ރައީސް ޑރ. މުއިއްޒު މިގޮތަށް ނިންމެވިކަން އިއުލާނު ކުރެއްވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ބޮޑު މަޝްރޫއާއި އިކޮނިކް ޒޯން އިފްތިތާހްކޮށްދެއްވުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައެވެ.

މާލޭ ކޮމާޝަލް ޕޯޓު ބަދަލުކުރަން އެންމެ ރަނގަޅު ތަނަކީ ތިލަފުށި ކަމަށް ނިންމާ އެކަން ކުރުމަށް ހަދަން ޖެހޭ ހުރިހާ ޕްލޭނެއް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހަދައި ނިންމިއެވެ.

އޭގެ ފަހުން މާލޭގެ ވިޔަފާރި ބަނދަރު ގުޅީފަޅަށް ބަދަލު ކުރަން ނިންމެވީ މިދިޔަ ސަރުކާރުގައެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އޭރު ވިދާޅުވީ ވިޔަފާރި ބަނދަރުން އެންމެ އެކަށޭނެ ގޮތެއްގައި ހިދުމަތް ދިނުމަށް އެ ތަނުގެ ޖާގަ ބޮޑުކުރަން ޖެހުނު ނަމަވެސް އެކަން ކުރެވޭނެ ބިން މާލޭގައި ނެތް ކަމަށާއި އެކަމަށް އޮތް ހައްލަކީ އެ ބަނދަރު ގުޅީފަޅަށް ބަދަލުކުރުން ކަމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވީ ތިލަފުއްޓަށް ޕޯޓު ބަދަލުކޮށް އެތަނުގައި ގާއިމު ކުރާނީ އެންމެ ފުރިހަމަ ކޮމާޝަލް ޕޯޓެއް ކަމަށެވެ. އަދި އެއީ ރައްޔިތުން އެދޭ ގޮތަށް ގާއިމު ކުރެވިގެންދާ އިގުތިސޯދީ ގޮތުން ހުޅުވިގެންދާނެ މުހިންމު ދޮރާއްޓެއްގެ ގޮތުގައި ވެގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ޕޯޓު ތިލަފުއްޓަށް ބަދަލު ކުރަން ނިންމި ސަބަބެއް އަދި މާބޮޑު ތަފުސީލެއް ރައީސް ދެއްވާފައެއް ނުވެއެވެ. އެހެން ނަމަވެސް ގުޅީފަޅުން ރައްޔިތުންނަށް ގޯތި ލިބި އެތަން އެންމެ އެކަށޭނެ ގޮތަކަށް ތަރައްގީކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސަމްސިއްޔާ

    ތިޔައީ ރަނގަޅުކަމެއް. ގުޅީފަޅަށް ވުރެން ތިލަ ފުށި ތިޔަކަމަށް އެންމެ ރަނގަޅީ. އަވަހަށް ބްރިޖުން ގުޅާލަންވީ