އެމްޓީސީސީން މިދިޔަ ނޮވެމްބަރު މަހުން ޑިސެމްބަރު މަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ "ކަޝަވަރު ޕްރޮމޯޝަން"ގެ ލަކީޑްރޯގެ ގުރުއަތު ނަގައިފިއެވެ.

މިއަދު އެމްޓީސީސީގެ ޝޯރ ރޫމްގައި ކުރިޔަށް ގެންދިޔަ ރަސްމިއްޔާތެއްގައި މި ޕްރޮމޯޝަންގައި ގުރުއަތު ނެގީ އެ ކުންފުނީގެ ސީއީއޯ އަބުދުﷲ ޒިޔާދުއެވެ.

"ކަށަވަރު ޕްރޮމޯޝަން"ގެ ލަކީޑްރޯއިން ހޮވުނީ އަހުމަދު އާލިމްއެވެ.

5،000 ރުފިޔާ އަށް ވުރެ މަތިން ވިޔަފާރި ކުރާ ކޮންމެ ކަސްޓަމަރަކަށް ބައިވެރިވެވޭ ގޮތަށް ކުރިއަށް ގެންދިޔަ މި ޕްރޮމޯޝަންގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވުނު ފަރާތަކަށް ކަނޑައެޅިފައިވާ އިނާމަކީ ސުޒުކީ މެރިން ޑީއެފް175 އިންޖީނެކެވެ. މި އިންޖީނަކީ ދެ ލައްކަ ރުފިޔާގެ ސުޒުކީ އިންޖީނެކެވެ. ސުޒުކީ ޑީއެފް175 އަކީ 16 ވޭލުގެ އިލެކްޓްރޯނިކް ފިއުލް އިންޖެކްޝަން އިންޖީނެކެވެ. ހަތަރު ސިލިންޑަރު ހިމެނޭ މި އިންޖީނަކީ 175 ހޯސް ޕަވަރުގެ އިންޖީނެކެވެ.

ކަށަވަރު ޕްރޮމޯގެ ނަސީބުވެރިއަކު ހޮވުމަށް ބޭއްވުނު ރަސްމިއްޔާތުގެ ތެރެއިން-- ވަގުތު އިމޭޖަސް: އަހުމަދު ޖައިޝަމް

އެމްޓީސީސީގެ ސީއީއޯ ޒިޔާދު ވިދާޅުވީ މި ޕްރޮމޯޝަން އަކީ ކޮންމެ އަހަރަކުވެސް އެ ކުންފުނިން ބާއްވްމުން އަންނަ ޕްރޮމޯޝަނަކަށް ވާއިރު، މިއީ އެ ކުންފުނީގެ ކަސްޓަމަރުން އިތުރުކޮށް ޕްރޮޑަކްޓުތައް އިތުރަށް ޕްރޮމޯޓު ކުރަމުންދާ ކަމެއް ކަަމަށެވެ.

ޒިޔާދު ވިދާޅުވީ އެމްޓީސީސީގެ މެރިން ޕްރޮޑަކްޓުތައް ވިއްކަމުން އަންނަ ޝޯވރޫމްވެސް އިތުރަށް ތަރަށްގީކޮށް އަޕްގުރޭޑް ކުރުމުގެ މަސައްކަތާއި އެ ތަނުން ވިއްކާ ޕްރޮޑަކްޓުތައް އިތުރު ކުރުމުގެ މަސައްކަތް ކުރުމަށް ރާވާފައިވާ ކަމަށެވެ. އަދި ކަސްޓަމަރުން އިތުރުކުރުމުގެ ގޮތުން ރާއްޖޭގެ އެކި ހިސާބުތަކުން ކަސްޓަމަރުން ހޯދުމުގެ މަސައްކަތްތައް ކޮށް، އެ ކުންފުނީގެ ޕްރޮޑަކްޓުތަކާއި ހިދުމަތްތައް ރާއްޖޭގެ އެކި ހިސާބުތަކަށް ފުޅާކުރުމަށް މަސައްކަތްކުރުމަށް ވެސް ރާވާފައިވާ ކަމަށް ވިދާޅުވިއެވެ.

 

ޒިޔާދު ވިދާޅުވިގޮތުގައި އަމާޒަކީ އެ ކުންފުނީގެ ސޭލްސް ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި 60 ޕަސެންޓަށް އިތުރު ކުރުމެވެ.

އެމްޓީސީސީން ކޮންމެ އަހަރެއްގެ ވެސް ނޮވެމްބަރު މަހުން ޑިސެމްބަރު މަހަށް "ކަށަވަރު ޕްރޮމޯ"ގެ ނަމުގައި ޕްރޮމޯޝަނެއް ކުރިއަށް ގެންދެ އެވެ. މި ޕްރޮމޯޝަނުގައި ބޮޑެތި ޑިސްކައުންޓުތައް ވެސް ލިބިގެންދާނެއެވެ.

އެމްޓީސީސީގެ އަމާޒަކީ އަބަދުވެސް ކަސްޓަމަރުންނަށް ލުއި ފަސޭހަ ގޮތްތަކެއް ހޯދައިދިނުމެވެ. އެގޮތުން ކޮންމެ އަހަރަކުވެސް އެކިއެކި ޕްރޮޑަކްޓްތަކުން ކަސްޓަމަރުންނަށް ލުއި ފަސޭހަ ޕްރޮމޯޝަންތައް ބޭއްވުމާއި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި އެމްޓީސީސީގެ ކަސްޓަމަރުންނަށް މައުލޫމާތު ފޯރުކޮށްދިނުމުގެ އިތުރުން، އިންޖީނުތައް ރަނގަޅަށް ބެލެހެއްޓުމާއި، ޓެކްނިކަލް ކަންކަމަށް އަހުލުވެރި ކުރުމުގެ ހަރަކާތްތައް މި ކުންފުނިން އަބަދުވެސް ރާވާ ހިންގަމުން ގެންދެއެވެ.