ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ މިއަހަރުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު މިއަދު ބާއްވައިފިއެވެ.

މި ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމީ 13 ފަރާތެކެވެ. އެ ފަރާތްތަކަށް މިއަދުގެ ރަސްމިއްޔާތުގައި ވަނީ ސެޓްފިކެޓް ހަވާލުކޮށްފައެވެ.

މިއަދުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ، އަލީ އިޙްސާނެވެ. ރަސްމިއްޔާތުގެ ޚާއްޞަ މެހެމާނުންގެ ގޮތުގައި މިނިސްޓަރ އޮފް ސްޓޭޓް ފޯ ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކޮނޮލޮޖީ، ޑރ. މުޙައްމަދު ކިނާނަތު، ދިރާގުގެ ބޯޑް އަދި މަނޭޖްމަންޓްގެ ބޭފުޅުންގެ އިތުރުން ތަޢުލީމީ މުއައްސަސާތަކުގެ އިސްވެރިންވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ ރާއްޖޭގެ ޒުވާނުންގެ ވަޒީފާއަދާކުރުމުގެ ހުނަރުތަރައްޤީކުރުމަށް އިސްކަންދޭ އެކުންފުނީގެ އެންމެ މުހިންމު އެއް ސީއެސްއާރު ޕްރޮގްރާމެވެ. އަދި މިއީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ތަޢާރަފްކުރި މިފަދަ ފުރަތަމަ ކޯޕަރޭޓް އެޕްރެންޓިސްޝިޕްޕްރޮގްރާމެވެސް މެއެވެ. 2009 ވަނަ އަހަރުން ފެށިގެން ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމްވިދިވިދިގެން ކޮންމެ އަހަރަކު ހިންގަމުން އަންނައިރު، މިއަދުގެ ނިޔަލަށް ޖުމްލަ 268ޒުވާނުން ވަނީ މި ޕްރޮގްރާމްގައި ބައިވެރިވެފައެވެ.

މި ރަސްމިއްޔާތުގައި އެކުންފުނިން ވަނީ 21 ބައިވެރިންނާއެކު ދިރާގު އެޕްރެންޓިސްޝިޕްޕްރޮގްރާމްގެ 14 ވަނަ ބެޗަށްވެސް މަރުހަބާ ކިޔާފައެވެ. ސްޓްރަކްޗާޑް ޓްރެއިނިން ޕްރޮގްރާމަކާއި ސޮފްޓް ސްކިލްސް ޑިވެލޮޕްމަންޓް ޓްރެއިނިންގެ އިތުރުން ދިރާގުގެ މައިގަނޑުގިނަ ވިޔަފާރީގެ ދާއިރާތަކުގައި މަސައްކަތް ކުރުމުގެ ފުރުޞަތު ލިބިގެންދާ މި ޕްރޮގްރާމުގެސަބަބުން އެޕްރެންޓިސުންނަށް ކާމިޔާބު ކެރިއަރަކަށް ދިއުމަށް މަގުފަހިވެގެން ދެއެވެ. އަދި އެޕްރެންޓިސުންނަށް މާލެއާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުންނަ ދިރާގު ރީޖަނަލްއޮޕަރޭޝަންސް ސެންޓަރުތަކުގައި މަސައްކަތް ކުރެވޭނެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު އަލީ އިހްސާން ވަނީ ދިރާގު އެޕްރެންޓިސްޝިޕްޕްރޮގްރާމްގެ ދަސްވެނިންނަށް މަރުހަބާ ވިދާޅުވެފައެވެ. އަދި ރާއްޖޭގެ ކުންފުނި ތަކުގެ ތެރެއިން ގައުމީ އިޖްތިމާއީ ޒިންމާގެ މައިދާނުގައި އެންމެ ކުރިއަރާފައިވާ ކުންފުންޏަކީ ދިރާގު ކަމުގައި ފާހަގަކުރައްވާ، މި ޕްރޮގްރާމްގެ ސަބަބުން ދިވެހި ޒުވާނުންގެ ކުރިއެރުމާއި ހުނަރު އިތުރު ކުރުމަށް މުހިންމު މަގުތަކެއް ފަހިވެގެންދާކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.

ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމު އިތުރު 13 ފަރާތަކުން ފުރިހަމަކޮށް ސެޓްފިކެޓް ދީފި - ފޮޓޯ: ދިރާގު

ދިރާގުގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އިސްމާއިލް ރަޝީދުވެސް ވަނީ ހަފްލާގެ ދަސްވެނިންނަށާއި އަލަށް ބައިވެރިވި އެޕްރެންޓިސުންނަށް މަރުހަބާ ދަންނަވާފައެވެ. އަދި ޒުވާނުން ބާރުވެރިކުރުވައި އެފަރާތްތައް ކުރިއެރުވުމަށް ފުރުސަތުތައް ފަހިކޮށްދިނުމަކީ ދިރާގުގެ ސީއެސްއާރު ޕްރޮގްރާމްގެ މައިގަނޑު އެއް އަމާޒުކަމަށް ފާހަގަކުރައްވާ އަދި މި ޕްރޮގްރާމްގެ ސަބަބުން، ދިރާގުގެ އިންކްލޫސިވް އަދި ދެމެހެއްޓެނިވި 'ޑިޖިޓަލް ރާއްޖެ' އެއް އުފެއްދުމުގެ ވިސްނުމަށް އެހީތެރިކަން ލިބިގެންދާކަމަށްވެސް ވިދާޅުވިއެވެ.

ދިރާގުން އަންނަނީ ދިރާގު އެޕްރެނެޓިސްޝިޕް ޕްރޮގްރާމް މެދުވެރިކޮށް ޒުވާނުންގެ ހުނަރުތަރައްޤީ ކުރުމަށްޓަކައި ހަރުދަނާ ތަމްރީނުތައް ގާބިލް މެނޭޖްމަންޓް ޓީމެއްގެ އިރުޝާދުގެދަށުން ކުރިއަށް ގެންދަމުންނެވެ. އަދި މި ޕްރޮގްރާމް ނިންމާ ގިނަ ކުދިންނަކީ މިހާރު ދިރާގުގެ އިތުރުން ރާއްޖޭގެ ތަފާތު ކުންފުނިތަކުގައި ޒިންމާދާރު ވަޒީފާތައް ކާމިޔާބު ކަމާއެކީއަދާކުރަމުން އަންނަ ޒުވާނުންނެވެ. މިއީ ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމް ގެ ކާމިޔާބު ރަމްޒުކޮށްދޭ އެއްހެއްކެވެ.

ދިރާގުގެ އަމާޒަކީ ކުރިއަށް އޮތް މުސްތަޤްބަލުގައިވެސް ރާއްޖޭގެ ޒުވާނުން ކުރިއެރުވުމަށް މިފަދަ އިތުރު ފުރުޞަތުތައް ފަހިކޮށްދިނުމެވެ.

ކިޔުންތެރިންގެ ހިޔާލު