މިއަދު ފާހަގަ ކުރާ ދުނިޔޭގެ ލޭ ހަދިޔާ ކުރުމުގެ ދުވަހާއި ގުޅުވައިގެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ މުވައްޒަފުން ލޭ ހަދިޔާ ކުރުމަށް ކޭމްޕެއް ބާއްވައިފިއެވެ.

ބީއެމްއެލުން ބުނީ، މި ކެމްޕޭނުގެ ތެރެއިން މާލެ، ކުޅުދުއްފުށީގެ އިތުރުން މަނަދޫގައި މަސައްކަތް ކުރާ ބީއެމްއެލްގެ މުވައްޒަފުންނާއި އެފަރާތްތަކުގެ އާއިލާއިން ވަނީ މި ހަރަކާތުގައި ބައިވެރިވެ ލޭ ހަދިޔާ ކޮށްފައިވާ ކަމަށެވެ.

ދެ ދުވަހަށް ކުރިޔަށް ދާ މި ކޭމްޕް މެދުވެރިކޮށް 70 އަށް ވުރެ ގިނަ މުވައްޒަފުން ވަނީ ލޭ ހަދިޔާ ކުރުމަށް ރަޖިސްޓްރީ ކޮށްފައިވާ ކަމަށް ބީއެމްއެލުން ބުންޏެވެ.

ތެލެސީމިއާ ކުދިންނަށް ލޭ ބޭނުންވާ މިންވަރަށް ބަލައި، ދެމެހެއްޓެނިވި ގޮތެއްގައި ލޭ ހަދިޔާކުރުމުގެ މުހިންމު ބޭނުމުގައި ކޮންމެ ތިންމަހަކުން އެއް ފަހަރު މުވައްޒަފުންނަށް އަމާޒުކޮށް މިފަދަ ލޭ ހަދިޔާކުރުމުގެ ކޭމްޕް ބޭއްވުމަށް ވެސް ބޭންކުން ވަނީ ނިންމާފައެވެ.

ބީއެމްއެލުން ބުނީ، މި ހަރާކާތް މާލޭގައި ކުރިއަށް ގެންގޮސްފައި ވަނީ މޯލްޑިވްސް ބްލަޑް ސަރވިސަސް އާއި ގުޅިގެން ކަމަށާއި އަތޮޅު އަދި ރީޖަނަލް ހޮސްޕިޓަލް މެދުވެރިކޮށް އަތޮޅު ތެރޭގައި ވެސް ވަނީ ކާމިޔާބު ކަމާއެކު ލޭ ހަދިޔާ ކުރުމުގެ ކޭ،މްޕް ކުރިއަށް ގެންގޮސްފައި ކަމަށެވެ.

މި ކޭމްޕްގެ ކުރިން ލޭ ހަދިޔާ ކުރުމުގެ މުހިންމު ކަމާއި އާންމު ގޮތެއްގައި ލޭ ހަދިޔާ ކުރުމާ ގުޅޭ މުހިންމު މައުލޫމާތުތަކަށް އަލިއަޅުވާލައި ބީއެމްއެލް އިން ވަނީ މުވައްޒަފުން ހޭލުންތެރިކުރުމަށް މޯލްޑިވްސް ބްލަޑް ސަރިވިސް އާ ގުޅިގެން ހާއްސަ ސެޝަނެއް ކުރިއަށް ގެންގޮސްފައެވެ.

ބޭންކުގެ އަމާޒަކީ މުވައްޒަފުން އިޖްތިމާއީ ކަންކަމަށް ހޭލުންތެރި ކުރުމާއި މުޖުތަމައަށް ފައިދާ ކުރަނިވި ހަރާކާތްތަކުގައި ބައިވެރިވުން އިތުރު ކުރުން ކަމަށް ބީއެމްއެލުން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު