ރަޝިއާ އާއި ޔޫކުރޭނުން ކުރަމުންދާ ހަނގުރާމަ ހޫނުވެ ދެ ގައުމުން ވެސް ދެމުންދާ ހަމަލާތައް ގިނަކޮށް ވަރުގަދަ ކޮށްފައި ވާއިރު ރަޝިއާގެ މުހިއްމު ތަންތަނަށް ހަމަލާދޭން ފަށާނެ ކަމުގައި ޔޫކުރޭނުން ބުނެފިއެވެ.

ރަޝިއާގެ ވަރުގަދަ އަސްކަރިއްޔާ އާއި ސީދާ ކުރިމަތިލުމަކަށް ދާނެ ހިތްވަރާއި އެހައި ކުޅަދާނަކަން ވެސް ޔޫކުރޭނުގެ އަސްކަރިއްޔާ ގައި ނެތް ކަން މިހާރު ޔޫކުރޭނުން ވެސް ގަބޫލުކޮށް، ހުޅަނގުގެ ގައުމުތަކުންނާއި ނޭޓޯން އައު އަސްކަރީ އެހީތެރިކަން ލިބެންދެން ރަޝިއާ ހަނގުރާމައި މޮޅުވިޔަ ނުދީ ހިފެހެއްޓުމަށް ޔޫކުރޭނުން އަންނަނީ ހަނގުރާމައިގައި އައު އުކުޅުތައް ބޭނުން ކުރަމުންނެވެ.

އެގޮތުން ރަޝިއާ އަށް ހަމަލާ ދިނުމުގައި އައު އުކުޅުތައް ބޭނުން ކުރަން ފަށާނެ ކަމުގެ އިޝާރާތެއް ޔޫކުރޭނުގެ އިންޓެލިޖެންސް ގެ ޗީފް ވަނީ ދީފައެވެ. އެގޮތުން ރަޝިއާގެ އިގުތިސޯދަށް މުހިންމު ތަންތަނަށް ޑްރޯން ހަމަލާތަކެއް ދޭނެ ކަމުގެ އިންޒާރު އޭނާ ވަނީ ދީފައެވެ. އަދި ރަޝިއާ ސަރުކާރުގެ މުހިންމު އިމާރާތް ތަކަށާއި މުހިންމު މާލީ އިމާރާތް ތަކަށް ވެސް ދެން ހަމަލާ ދޭނެ ކަމަށް ޔޫކުރޭނުން ވަނީ ބުނެފައެވެ.

ރަޝިއާ އާއި ދެކޮޅަށް އެމެރިކާ އާއި ހުޅަނގުން ގިނަ ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅާފައިވީ ކަމުގައި ވީ ނަމަވެސް ރަޝިއާގެ އިގުތިސޯދު ބަލިކަށިވާ ގޮތެއް ނުވެއެވެ. އަދި އެ ގައުމުގެ ޑިފެންސް އިންޑަސްޓްރީ ދަނީ ދުވަހަކަށް ވުރެ ދުވަހެއް ވަރުގަދަވެ ބޮޑުވަމުންނެވެ. އަދި އެ އިންޑަސްޓްރީން ދަނީ ރަޝިއާގެ އަސްކަރިއްޔާ އަށް މަދު ނުވާ ވަރަށް ހަތިޔާރުވެސް ފޯރުކޮށްދެމުންނެވެ.

މިއީ ޔޫކުރޭނަށް ބޮޑު ބޮލުގެ ރިހުމެކެވެ. މިހާރު ވެސް ޔޫކުރޭނުން އީޔޫ އަދި އެމެރިކާގެ ފަރާތުން ހަތިޔާރަށް އެދި އާދޭސް ކުރާ އިރު ރަޝިއާ އިން ދަނީ ގެއްލޭ ކޮންމެ އަސްކަރީ އުޅަނދަކަށް އައު އުޅަނދެއް ހަނގުރާމައިގެ މައިދާނަށް ނެރެމުންނެވެ.

ރަޝިއާގެ ޑިފެންސް އިންޑަސްޓްރީ މިހާ ވަރުގަދަ ވެފައި ވަނީ އެ ގައުމުގެ އިގްތިސޯދު ރަނގަޅުވުމުންނެވެ. ރަޝިއާ އިން ދަނީ ގިނަ އަދަދެއްގެ ތެލާއި ގުދުރަތީ ގޭސް ހެޔޮ އަގުގައި ވިއްކަމުންނެވެ. އަދި އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކާއި އެކު ވެސް ގައުމުތަކުން ދަނީ މި އަގު ހެޔޮ ތެލާއި ގޭސް ގަންނަމުންނެވެ.

ޔޫކުރޭނުން ވަނީ ރަޝިއާގެ އިގުތިސާދުގައި ބޮޑު ދައުރެއް އަދާ ކުރާ އެ ގައުމުގެ ބޮޑެތި ތެލާއި ގޭސް ވަޅުތަކަށް ޑުރޯން ތައް ބޭނުން ކޮށްގެން ހަމަލާ ދޭންވެސް ފަށާފައެވެ.