ރަޝިއާގެ ދިފާއީ ވަޒީރުގެ މަޤާމުގައި ފާއިތުވި 12 އަހަރު ހުންނެވި ސާޖީ ޝޮއިގޫ އެ މަގާމުން ދުރުކުރުމަށް ފަހު އަސްކަރީ ތަޖުރިބާ އެއް ނެތް ބޭފުޅަކު އެ މަޤާމަށް އައްޔަނު ކޮށްފިއެވެ.

ޔަޝިއާގެ ރައީސް ވްލަޑިމިއަރ ޕޫޓިންގެ މި ކުއްލި ބަދަލާއި ގުޅިގެން ރަޝިއާގެ ރައްޔިތުންނާއި އެ ގައުމުގެ އަސްކަރީ ތަޖުރިބާ ކާރުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެއީ ރަޝިއާގެ އަސްކަރިއްޔާ މި ވަގުތު ބޮޑު ހަނގުރާމަ އެއްގެ ތެރޭގައި އޮތުމުންނާއި އަދި ކުރިން ހުރި ޑިފެންސް މިނިސްޓަރު އެހާ ދުވަހު އެ މަޤާމުގައި ހުރެގެން އުފައްދާފައިވާ އަސްކަރީ ހައިރާކީ އަށް ބަދަލު އައުމުން ރަޝިއާގެ އަސްކަރިއްޔާ އަށް އޭގެ ނޭދެވޭ އަސަރުކޮށްފާނެތީ ކަމަށް އެ ގައުމުގެ މީޑިއާތަކުން ވަނީ ބުނެފައެވެ.

ރަޝިއާގެ ޑިފެންސް މިނިސްޓަރަށް އަލަށް އައްޔަނު ކުރި އަންޑުރައި ބުލޯސޯވް އަކީ ރަޝިއާގެ ބޮޑުވަޒީރުގެ ނައިބެވެ. އޭނާ އަކީ އަސްކަރީ ތަޖުރިބާއެއް ނެތް ނަމަވެސް މޮޅު އިކޮނޮމިސްޓެކެވެ. އަދި މާލީ ކަންކަމުގެ ތަޖުރިބާކާރެކެވެ. ރަޝިއާ އާއި ދެކޮޅު ބައެއް މީޑިއާތަކުން މިކަން ސިފަކޮށްފައިވަނީ ރަޝިއާ ޔޫކުރޭނުގައި ކުރަމުންދާ ހަނގުރާމަ އިން ބަލިވުމުގެ ކޮޅުމަތި ފެށުނީ ކަމުގައެވެ. އަދި މިކަމުން އެއްމެ ބޮޑު ފައިދާ އެއް ވާނީ ޔޫކުރޭނަށް ކަމަށް ވެސް އެ މީޑިއާތަކުން ވަނީ ބުނެފައެވެ.

ނަމަވެސް އެމެރިކާގެ މާލީ ތަޖުރިބާކާރުން ބުނެފައިވާ ގޮތުގައި އައު ދިފާއީ ވަޒީރު ބުލޯސޯވް އަކީ ރަޝިއާގެ ޑިފެންސް އިންޑަސްޓްރީ އަށް އިންގިލާބެއް ގެންނާނެ ބޭފުޅެކެވެ. އެއީ އޭނާ އަކީ ފާއިތުވި ދެ އަހަރުގައި ޔޫކުރޭން ހަނގުރާމައިގެ ސަބަބުން އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކުން ރަޝިއާ އާއި ދެކޮޅަށް އެޅި ވަރުގަދަ މާލީ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ކުރިމަތީ ރަޝިއާގެ އިޤްތިޞާދު ކުޑަކަކޫ ޖެހުނަނުދީ ހިފަހައްޓާލި ފޮލިސީތަކާއި ރިފޯމްތައް ތައްޔާރުކުރި މޭސްތިރިޔާއެވެ.

ޔޫކުރޭނުގެ އަސްކަރިއްޔާ އަށް އެމެރިކާގެ މޮޅު ހަތިޔާރުތައް ލިބުނަސް ރަޝިއާގެ އަސްކަރިއްޔާގެ ކުރިމަތީގައި ހިފަހައްޓާނުލެވޭނެ ކަމަށް މިހާރު ވެސް ބޭރުގެ އަސްކަރީ ތަޖުރިބާކާރުން ދަނީ ބުނަމުންނެވެ. އެހެންކަމުން ދިފާއީ ވަޒީރު ކަމަށް ބުލޯސޯވް އައްޔަނު ކުރުމަކީ ޔޫކުރޭނަށް ލިބިގެންދާނެ އިތުރު ކަންބޮޑުވުމެއްގެ ގޮތުގައި އަސްކަރީ ތަޖުރިބާކާރުން ވަނީ ބުނެފައެވެ.

އައު ޑިފެންސް މިނިސްޓަރަކީ ރައީސް ޕޫޓިންގެ ވަރަށް އަރިސް ބޭފުޅެއް ގޮތުގައި ރަޝިއާގެ މީޑިއާތަކުން ވަނީ ސިފަކޮށްފައެވެ. އޭނާ ވަނީ 2012 ވަނަ އަހަރުން ފެށިގެން 2013 ވަނަ އަހަރަށް ރަޝިއާގެ އިކޮނޮމިކްސް ޑިވޮލޮޕްމެންޓް މިނިސްޓަރު ގެ މަޤާމު ފުރުއްވާފައެވެ. އަދި 2013 ވަނަ އަހަރުން ފެށިގެން 2020 ވަނަ އަހަރާއި ހަމައަށް އޭނާ ހުރީ ރަޝިއާގެ ރައީސް ޕޫޓިންގެ ހާއްސަ ރިއާސީ އެޑްވައިޒަރުގެ މަޤާމުގައެވެ. އަދި 2020 ވަނަ އަހަރުން ފެށިގެން ރަޝިއާގެ ބޮޑުވަޒީރުގެ ނައިބްގެ މަޤާމަށް ރައީސް ޕޫޓިން ވަނީ އޭނާ އައްޔަނު ކޮށްފައެވެ.