ރަޝިޔާ އާއި ޔޫކްރޭން ހަނގުރާމައިގައި ލަންކާގެ 8 ހަނގުރާމަވެރިން މަރުވެފައިވާ ކަމަށް އެގައުމުގެ ފުލުހުންގެ ތަހުގީގުތަކުން ވަނީ ކަށަވަރުވެއްޖެއެވެ.

ފުލުހުންގެ ތަރުޖަމާނު ޑީއައިޖީ ނިހާލް ތަލްދޫވާ ހާމަކުރި ގޮތުގައި މަރުވި ހަނގުރާމަވެރިންގެ ތެރެއިން ހަ މީހަކު ރަޝިޔާގައި މަރުވެފައިވާއިރު، ދެ މީހަކު ވަނީ ޔޫކްރޭންގައި މަރުވެފައެވެ.

އޭނާ އިތުރަށް ބުނީ ފުލުހުންގެ ތަހުގީގުތަކުން އެނގިފައިވާ ގޮތުގައި މިހާތަނަށް ލަންކާގެ 83 މީހުން ރަޝިޔާ އާއި ޔޫކްރޭނަށް ފޮނުވާފައިވާ ކަމަށާއި، މި މީހުން ފޮނުވާފައި ވަނީ އިންސާނީ ވަގުފާރި ކުރާ މީހުން ކަމަށް ވެސް ހާމަވެފައިވާ ކަމަށެވެ. އޭގެ ތެރެއިން 60 މީހަކު ރަޝިޔާއަށް ފޮނުވާފައިވާއިރު 23 މީހަކު ޔޫކްރޭނާއި ރަޝިޔާގެ ހަމަނުޖެހުންތަކުގައި ހަރަކާތްތެރިވުމަށް ޔޫކްރޭނަށް ފޮނުވާފައިވާކަމަށް ޑީއައިޖީ ތަލްދޫވާ ވަނީ ބުނެފައެވެ.

ދާދި ފަހުން ލަންކާގެ ކްރިމިނަލް އިންވެސްޓިގޭޝަންސް ޑިޕާޓްމަންޓުގެ އޮފިޝަލުން ވަނީ ރަޝިޔާ އާއި ޔޫކްރޭން ހަނގުރާމައިގައި، ހަނގުރާމައިގެ ވެޓެރަންސް ފޮނުވުމަށް ހިއުމަން ޓްރެފިކިން ހިންގި ކަމަށް ބުނެ ސިފައިންގެ ކުރީގެ މޭޖާ ޖެނެރަލަކާއި ސާޖަންޓް މޭޖަރެއް ހައްޔަރުކޮށްފައެވެ. މީގެ ކުރިން ވެސް ހިއުމަން ޓްރެފިކިން ބައިވެރިވި ކަމަށް ސިފައިންގެ މޭޖާ ޖެނެރަލަކު ހިމެނޭ ގޮތަށް ދެ މީހަކު ވެސް ވަނީ ހައްޔަރުކޮށް ރިމާންޑްގައި ބައިތިއްބާފައެވެ.

ލަންކާގެ ޑިފެންސް މިނިސްޓްރީން ވަނީ ކުލީ ޖަމާއަތްތަކުގެ މެމްބަރުންގެ ގޮތުގައި ރަޝިޔާ އާއި ޔޫކްރޭންގެ ހަނގުރާމައަށް ފޮނުވި މީހުންގެ ތެރެއިން ބައެއް މީހުން މަރުވެ އަދި ބައެއް މީހުންނަށް އަނިޔާތަކެއް ލިބިފައިވާކަން ކަށަވަރުކޮށްދީފައެވެ. އަދި ރިޓަޔާޑް ހަނގުރާމަވެރި ބައެއް މީހުން ގަވާއިދާ ހިލާފަށް ބޭރުގެ ބައެއް ވަޒީފާ އެޖެންޓުންގެ ސްކީމެއްގައިޖެހި، ކުލީ ޖަމާއަތްތަކުގެ މެމްބަރުންގެ ގޮތުގައި ރަޝިޔާ-ޔޫކްރޭންގެ ހަނގުރާމައަށް ފޮނުވާފައިވާ ކަމަށެވެ.