އިޓަލީގެ ކަލްޗަރަލް މިނިސްޓްރީގެ ޖޫނިއަރ މިނިސްޓަރެއް ކަމަށްވާ ވިޓޯރިއޯ ސްގޯބީ ގެ މައްޗަށް ވަގަށް ނަގާފައިވާ ކުރެހުން ތަކެއް ވިއްކަން އެހީވި ކަމުގެ ތުހުމަތު ކުރެވުމާއި އެކީ އޭނާ އެ މަގާމުން އިސްތިއުފާދީފިއެވެ.

އިޓަލީގެ މިލާންގައި އޮތް ލެކްޗާ އެއް ފެށުމިގެ ކުރިން އޭނާ ބުނެފައިވަނީ އޭނާގެ މައްޗަށް ކުރެވެމުން ދަނީ އެއްވެސް ހަގީގަތެއް ނެތް ތުހުމަތު ތަކެއް ކަމަށާއި، އޭނާ އަކީ އަމާނާތްތެރިކަމާއި އެކީ ސަރުކާރުން ހަވާލުކުރި ޒިންމާތައް އަދާކުރުމުގައި ސާބިތުވެ ހުރި ރައްޔިތުންގެ ހާދިމެއް ކަމަށެވެ. އަދި އޭނާ ވަޒީފާއިން މި އިސްތިއުފާ ދެނީ އިޓަލީގެ ސަރުކާރަށް މިނިވަންކަމާއި އެކީ މި މައްސަލަ ތަހުގީގު ކުރުމަށް ފުރުސަތު ދިނުމަށް ކަމަށް އޭނާ ބުނެފައި ވެއެވެ.

ސްގޯބީގެ މައްޗަށް ކުރެވެނީ މަޝްހޫރު ކުރެހުންތެރިޔާ އަދި އާޓިސްޓް ރުޓީލިއޯ މަނެޓީގެ "ދަ ކެޕްޗަރ އޮފް ސެއިންޓް ޕީޓާ" ގެ ނަމުން ނަންދީފައިވާ ކުރެހުން ވަގަށް ނަގައި، އެ ކުރެހުމަށް ބަދަލުތަކެއް ގެނެސް، އެ ކުރެހުން ކަޅު ބާޒާރުގައި ވިއްކަން މަސައްކަތް ކުރި ކަމުގެ ތުހުމަތު ތަކެވެ.

އެ ކުރެހުމަކީ 17 ވަނަ ގަރުނުގައި ކުރަހާފައިވާ، މުޅި ދުނިޔެ އަށް ވެސް މަޝްހޫރު ކުރެހުމެކެވެ. އެ ކުރެހުން ވަގަށް ނަގާފައިވަނީ 2013 ވަނަ އަހަރު ކަމަށް އިޓަލީގެ ފުލުހުން މައުލޫމާތު ދެއެވެ.

ނަމަވެސް ސްގޯބީ ބުނެފައިވަނީ އޭނާ އަށް އެ ކުރެހުން ލިބުނީ އޭނާގެ މަންމަ ގަތް ބޮޑު ގަނޑުވަރެއްގެ އާބާތުރަ ފިލުވަމުން ދަނިކޮށް ކަމަށާއި، އެ ކުރެހުމަށް އެއްވެސް ބަދަލެއް އޭނާ ގެނެސްފައި ނުވާނެ ކަމަށާއި، އަދި އެ ކުރެހުން ވިއްކާލުމަށް ވެސް މަސައްކަތް ކޮށްފައި ނުވާނެ ކަމަށެވެ. އޭގެ އިތުރުން ސްގޯބީ ބުނެފައި ވަނީ 2013 ވަނަ އަހަރު ވަގަށް ނަގާފައިވަނީ އަސްލު ކުރެހުން ނޫން ކަމަށާއި އެއީ އެ ކުރެހުމުގެ ނަކަލެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    ރާއްޖޭގައި ސަރުކާރެއް ނިމިދިޔައީ މިތުހުމަތު ނުކުރާ ދިމާލެއް ނެތް. އެކަމު އިސްތިއުފާ ދޭންކެރުނު ވެރިއަކުނެތް. އެ ތހުމަތުތައް މިއަދު ޙަޤީޤަތަކަށް ވަމުން.މިދަނީ.