އެމެރިކާ އިން ދަނީ މެދުއިރުމަތީގެ ގައުމުތަކުގެ މިނިވަން ކަމަށް އެއްވެސް ވަރަކަށް އިހުތިރާމް ކުރުމެއްނެތި މެދުއިރުމަތީގައި ފިތުނައާއި ހަމަނުޖެހުން އުފައްދަމުން ކަމަށް ޗައިނާ އިން ބުނެފިއެވެ.

ޗައިނާ އިން މިހެން ބުނެފައި ވަނީ އދ ގެ ސަލާމަތީ މަޖިލީހުގެ ބައްދަލުވުމެއްގައެވެ.

ޗައިނާ އިން އދ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޒަންގް ޖުން، ސަލާމަތީ މަޖިލީހާއި މުހާތަބުކޮށް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވެފައި ވަނީ، އެމެރިކާ އިން ވަނީ މިނިވަން ގައުމުތަކެއްގެ މިނިވަން ކަމަށް އަރައިގަނެފައި ކަމަށާއި، އެއްވެސް މިނިވަން ގައުމެއްގެ މިނިވަން ކަމަށް ބުރޫ އަރާ ޒާތުގެ ކަމެއް ކުރުމުގެ ހައްގު އެމެރިކާއަށް ވެސް އަދި އެހެން ގަައުމަކަށް ވެސް ލިބިގެން ނުވާ ކަމަށެވެ.

ޗައިނާ އިން ވަނީ އެމެރިކާ އިން މިދިޔަ ހަފްތާ އިރާގާއި ސީރިއާ އަށް ދިން ވަރުގަދަ ވައިގެ ހަމަލާތައް ކުށްވެރި ކޮށްފައެވެ.

" އެމެރިކާ އިން އަބަދުވެސް ބުނަމުންދަނީ އެ ގައުމުން ބޭނުން ވަނީ މެދުއިރުމަތީގެ ގައުމުތަކުގެ މެދުގަައި ސުލްހަ ގާއިމުވެފައި އޮތުން ކަމަށާއި އިޖުތިމާއީ ތަރައްގީ ގެނެސް ދިނުން ކަމަށް، ނަމަވެސް ހަގީގަތަކީ އެމެރިކާ އިން އަމަލު ކުރަނީ އެމީހުން ބުނާ ބަހާއި މުޅިން ތަފާތުކޮށް އަދި އިދިކޮޅަށް ކަން. މިހާރު އެމެރިކާ އިން އެ ދިން ހަމަލާތަކުގެ ސަބަބުން މެދުއިރުމަތީގައި އިތުރު މައްސަލަ ތައް އުފެދި ހާލަތު ގޯސްވުން އެކަށީގެންވޭ." ޗައިނާ އިން އދ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޒަންގް ޖުން ވިދާޅުވެފައި ވެއެވެ.

ޗައިނާ އިން ދަނީ މެދުއިރުމަތީގެ ގައުމުތަކާއި އެކު ގާތް ގުޅުމެއް ބޭއްވުމަށް މަސައްކަތް ކުރަމުންނެވެ. އަދި އިގުތިސާދީ ގޮތުން ވެސް ޗައިނާ އިން ދަނީ އިރާގާއި ސީރިއާ އާއި ގާތް ގުޅުމެއް ބާއްވަމުންނެވެ. އެގޮތުން އެ ދެ ގައުމުގައި ވެސް ޗައިނާގެ ގިނަ ކުންފުނިތަކަކުން މިހާރު ދަނީ ހަރަކާތްތެރި ވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އޮމްލާ

    އެމެރިކާ އަދި އިސްރާޢީލަކީ ދުނިޔެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ނުރައްކާތެރި ޓެރަރިސްޓް ދެގައުމުއެވެ.